ކުޅިވަރު

ބާސާ ތިނަ ވަނައަށް، އެތުލެޓިކޯއަށް ޝޮކެއް

އެތުލެޓިކް ކުލަބު ބިލްބާއޯގެ ކޮޅަށް ލިއޮނެލް މެސީ ކާމިޔާބު ކުރި ދެ ލަނޑާއެކު 3-2 ން މޮޅުވެ، ލަލީގާގެ ތާވަލުގެ ތިން ވަނައަށް ބާސެލޯނާ ޖެހިލައިފި އެވެ.

މެސީ ޖެހި ދެ ލަނޑާއެކު، އޭނާ ވަނީ ލަލީގާގެ ޖޮއިންޓް ޓޮޕް ސްކޯރާގެ ތެރޭގައި ހިމެނި އަށް ވަނަ ފަހަރަށް ރަންބޫޓް ހޯދުމުގެ ރޭހަށް ވަދެފަ އެވެ. ރޭގެ ދެ ލަނޑާއެކު ނުވަ ލަނޑު ޖަހައި މެސީ ވަނީ، އިއާގޯ އެސްޕަސް، ލުއިސް ސުއަރޭޒް އަދި ޖެރާޑް މޮރޭނޯ އާ އެއްވަރު ކޮށްފަ އެވެ.

ބިލްބާއޯގެ ސެން މަމެސް ބަރީއާ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި އެންމެ ފުރަތަމަ ލީޑް ނެގީ ބިލްބާއޯ އިންނެވެ. މެޗު ފެށިގެން ތިން ވަނަ މިނެޓްގައި އެ ޓީމުގެ އިނާކީ ވިލިއަމްސް ލަނޑު ކާމިޔާބު ކުރި އެވެ. ބާސާގެ ފުރަތަމަ ލަނޑު 14 ވަނަ މިނެޓްގަ ޕެޑްރީ ކާމިޔާބު ކުރީ މެސީ ނަގައިދިން ހުރަހަުން ތަނަވަސްވި ބޯޅައިންނެވެ. ޕެޑްރީއަށް އެސިސްޓް ކުރީ ފްރޭންކީ ޑި ޔޯންގް އެވެ.

ބާސާއަށް ލީޑް ނަގައިދީ ލީޑް ފުޅާ ކޮށްދިނުމުގެ އިތުރަށް، މެސީއަށް ހެޓްރިކް ހެދުނުކަމަށް ވެސް ހީ ކުުރެވުނެވެ. އެއީ އޭނާ ފޮނުވަލި އެއް ބޯޅަ ގޯލަށް ވަނުމުންނެވެ. އެހެން ނަމަވެސް އޮފްސައިޑްވެ އެ ގޯލް ބަލައެއް ނުގަތެވެ. ފަހުން ވަރުގަދަ ދެ ހަމަލާ ގޯލަށް އަމާޒުކޮށް ފޮނުވަލި ނަމަވެސް ބިލްބާއޯގެ ކީޕަރު އުނައި ސިމޯން އެ ބޯޅަތައް ދިފާއު ކުރި އެވެ.

ބިލްބާއޯގެ ކޯޗް ކަމުގައި ކުރިން ހުރި ގައިޒްކާ ގަރިޓާނޯ މިދިޔަ ހަފުތާގައި މަގާމުން ވަކިކޮށް، މާސެލީނޯ ގާސީއާ ޓޮރާލް ކޯޗް ކަމަށް ހަމަޖައްސައިގެން ނުކުތް ބިލްބާއޯއިން ވަނީ މެޗުގެ ކުރީ ކޮޅު ރަނގަޅު ކުޅުމެއް ދައްކާފަ އެވެ. ބާސާ ބަލިކޮށް 2019 ވަނަ އަހަރުގެ ސްޕެނިޝް ކަޕގެ ޗެމްޕިއަންކަން ވެލެންސިއާ އަށް ހޯދައިދިން މާސެލީނޯ އަށް ކުރިން ބާސާ އާ ދެކޮޅަށް ދެއްކި ޖާދޫ މެޗުގައި ބިލްބާއޯ އާއެކު ނުދެއްކުނެވެ. އޭނާގެ ޓީމުގެ ދެ ވަނަ ލަނޑު ކާަމިޔާބު ކުރީ އިކާ މުނިއައިން އެވެ.

ބާސާ މިހާރު ވަނީ އެއް ވަނައިގައި އޮތް އެތުލެޓިކޯ އާ ހަތް ޕޮއިންޓަށް ފަރަގު ކުޑަ ކޮށްފަ އެވެ.

ކޮޕަޑެލްރޭ ނުވަތަ ސްޕެނިޝް ކަޕްގައި ތިން ވަނަ ޑިވިޝަންގެ ކުލަބު ކޮނޭލާއިން ލަލީގާގެ އެއް ވަނައިގައި އޮތް އެތުލެޓިކޯ ބަލިކޮށް އެ މުބާރާތުން އެތުލެޓިކޯ ވަނީ ކަޓުވާލާފަ އެވެ.

ކޮޕަ ޑެލްރޭގެ ދެ ވަނަ ބުރުގައި އެތުލެޓިކޯ އާ ދެކޮޅަށް ކުޅެން ކޮނޭލާއިން ކުރިމަތިލީ ތިން ވަނަ ޑިވިޝަންގެ ލީގްގައި އެ ޓީމު އެންމެ ފަހުން ކުޅުނު ތިން މެޗުންވެސް ބަލިވި ފަހުންނެވެ. އޭގެ ތެރޭގައި އެސްޕަންޔޯލްގެ ބީ ޓީމާއި ބާސާގެ ބީ ޓީމު އަތުންވެސް ކޮނޭލާ ބަލިވި އެވެ.

އެތުލެޓިކޯ އިން ހެދި ރެކޯޑް ޓްރާންސްފާގެ ކުޅުންތެރިޔާ ޔޯއާ ފެލިކްސް ކުޅުނު މެޗުގައި ގޯލާ އަމާޒުކޮށް އެންމެ ޝޮޓެއް ވެސް ހެދިފަ އެއް ނުވެ އެވެ. މެޗުން ބަލިވުމުން އެތުލެޓިކޯގެ ކޯޗް ޑިއޭގޯ ސިމިއޯނޭގެ ކުރިމަގާ ބެހޭގޮތުން ވަނީ ސުވާލު އުފެދިފަ އެވެ. މި ސީޒަނަށް ފަހު އެތުލެޓިކޯ ދޫކޮށްލަން ނިންމާފައިވާަ ކަމުގެ އިޝާާރާތެއް ސިމިއޯނޭ ވަނީ ދީފަ އެވެ.

ފަހުގެ ދެ ސީޒަންގައި ވެސް ކޮޕަ ޑެލްރޭއިން އެތުލެޓިކޯ ކެޓީ ތިން ވަނަ ޑިވިޝަންގެ ކުލަބުތައް އަތުންނެވެ.