ދީން

ދަރީންގެ ކާމިޔާބަށް ހެޔޮ ދުއާ ކުރުން

ގިނަ ބެލެނިވެރިންގެ ކަންބޮޑުވުމަކީ ކުދިންނަށް ރިވެތި އަޚްލާޤު ދަސްކޮށްދިނުމަށް ދަތިވާ ދަތިވުމެވެ. ކުދިން އިޞްލާޙުކޮށް ރަނގަޅު އަޚްލާޤެއްގެ ވެރި ބަޔަކަށް އެކުދިން ހެދުމަކީ ކޮންމެ މަޔަކާއި ބަފަޔަކުވެސް އެންމެ އެދޭނޭ ކަންތަކެވެ. އަދި އެކުދިންނަށް ރަނގަޅު މަގުން ދައްކައިދެވޭތޯ ކުރެއްވެން އޮތް ކޮންމެ ކަމެއް ކުރުމަށް މައިންބަފައިން ތިބީ ތައްޔާރަށެވެ.

އެތައްބަޔަކު އެމީހުންގެ ދަރީންނަށް ރަނގަޅު ތަޢުލީމެއް ދިނުމަށްޓަކައި އެތަކެއް ޤުރްބާނީތަކެއްވަމުންދާއިރު ބެލެނިވެރިން ވިސްނާލުން މުހިންމު ބައެއް ކަންތައްތައް އެބަހުއްޓެވެ.

ދަރިންގެ އަޚްލާޤު ރަނގަޅު ކުރުމަށް މައިންބަފައިން ކުރުން މުހިންމު ކަމެއް އެބަ އޮތެވެ. އެކަމަކީ ދާދި ފަސޭހަވެސް ކަމެކެވެ. އަދި އެހާމެ ނަފާކުރަނިވި ކަމެއްވެސް މެއެވެ. އެއީ ދަރީންނަށް ހެޔޮ ދުޢާކޮށްދިނުމެވެ. މުއުމިނުންގެ ހަތިޔާރަކީ ދުޢާއެވެ.

ދުޢާއަކީ އަޅުކަމުގެ އަސްލު އަސާސް ކަމުގައި ކީރިތި ރަސޫލާ صلى الله عليه وسلم ވަނީ ޙަދީޘް ކުރައްވާފައެވެ. މައިންބަފައިންގެ ހެޔޮ ދުޢާ އިޖާބަ ކުރެއްވުން އަވަސްވެގެންވެއެވެ. ވީމާ، ދަރީން އިޞްލާޙު ކޮށްދެއްވުންއެދި އަބަދުމެ ދުޢާކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.
ދަރިން ތަރުބިއްޔަތު ކުރުމުގައި އެކުދިންނަށް ހެޔޮ ދުޢާކުރުމުގެ މުހިންމުކަން ހާމަކޮށްދޭ އެއްކަމަކީ، ނަބީބޭކަލުން އެބޭބޭކަލުންގެ ދަރިފަސްކޮޅު އިޞްލާޙުކޮށްދެއްވުން އެދި ދުޢާކުރައްވާފައިވުމެވެ. އެދުޢާތައް ކީރިތި ޤުރްއާންގައި މާތް ﷲ ވަނީ އަންގަވާފައެވެ. އެގޮތުން އިބްރާހީމް عليه السلام އެކަލޭގެފާނުގެ ދަރިފަސްކޮޅަކީ ނަމާދު ޤާއިމުކުރާ ބައެއް ކަމުގައި ލެއްވުމަށާއި ބުދަށް އަޅުކަންކުރުމުން އެއްކިބާކޮށްދެއްވުމަށް ކުރެއްވި ދުޢާ ފާހަގަކޮށްލަންޖެހެއެވެ.

މާތް ﷲ ވަޙީކުރައްވާފައިވެއެވެ. "وَإِذْ قَالَ إِبْرَاهِيمُ رَبِّ اجْعَلْ هَـذَا الْبَلَدَ آمِناً وَاجْنُبْنِي وَبَنِيَّ أَن نَّعْبُدَ الأَصْنَامَ" (إبراهيم: 35) މާނައީ: "އިބްރާހީމްގެފާނު ވިދާޅުވި ހިނދު، ހަނދުމަކުރާށެވެ! އަޅުގެ ވެރިރަސްކަލާކޮ! މި ރަށަކީ، އަމާންވެގެންވާ ރަށެއްކަމުގައި ލައްވާނދޭވެ! އަދި އަޅާއާއި، އަޅުގެ ދަރިން ބުދަށް އަޅުކަންކުރުމުން ދުރުކުރައްވާނދޭވެ!"

އަދި މިދުޢާވެސް ކުރެއްވިއެވެ. "رَبِّ اجْعَلْنِي مُقِيمَ الصَّلاَةِ وَمِن ذُرِّيَّتِي رَبَّنَا وَتَقَبَّلْ دُعَاء" (إبراهيم : 40) މާނައީ: "އަޅުގެ ވެރިރަސްކަލާކޮ! އަޅާއާއި އަޅުގެ ދަރީންނަކީ، ނަމާދު ޤާއިމުކުރާ ބަޔަކު ކަމުގައި ލައްވާނދޭވެ! އަޅަމެންގެ ވެރިރަސްކަލާކޮ! އަޅުގެ ދުޢާ ޤަބޫލު ކުރައްވާނދޭވެ!"

އިބްރާހީމްގެފާނުގެ މި ދުޢާ އިޖާބަ ކުރެއްވިކަންވެސް ޤުރްއާނުން އެނގެއެވެ. އިބްރާހީމްގެފާނުގެ ދޮށީ ދަރިކަލުން، އިސްމާޢީލު عليه السلام އަކީވެސް ނަބީބޭކަލެކެވެ. އަދި އެކަލޭގެފާނުގެ އަނބިދަރީންނަށް ނަމާދު ޤާއިމު ކުރުމަށާއި ޒަކާތްދިނުމަށް އަމުރުކުރައްވާ ހައްދަވާކަމުގައިވެސް މާތް ﷲ ވަނީ އަންގަވާފައެވެ. އެއިލާހު ވަޙީކުރައްވާފައިވެއެވެ. "وَاذْكُرْ فِي الْكِتَابِ إِسْمَاعِيلَ إِنَّهُ كَانَ صَادِقَ الْوَعْدِ وَكَانَ رَسُولاً نَّبِيّاً * وَكَانَ يَأْمُرُ أَهْلَهُ بِالصَّلَاةِ وَالزَّكَاةِ وَكَانَ عِندَ رَبِّهِ مَرْضِيّاً" (مريم: 54-55) މާނައީ: "ކަލޭގެފާނު މި ފޮތުން އިސްމާޢީލުގެފާނުގެ ވާހަކަ ކިޔައިދެއްވާށެވެ! ހަމަކަށަވަރުން، ވަޢުދު ފުއްދުމުގައި ތެދުވެރިޔަކު ކަމުގައި އެކަލޭގެފާނު ވިއެވެ. އަދި ރަސޫލަކު ކަމުގައްޔާއި، ނަބިއްޔަކު ކަމުގައި އެކަލޭގެފާނުވިއެވެ. * އަދި އެކަލޭގެފާނުގެ އަހުލުވެރިންނަށް، ނަމާދު ކުރުމަށާއި، ޒަކާތްދީ އުޅުމަށް، އެކަލޭގެފާނު އަމުރުކުރައްވާ ކަމުގައިވިއެވެ. އަދި އެކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަޟުރަތުގައި، ރުއްސުންލައްވާފައިވާ ބޭކަލަކު ކަމުގައި އެކަލޭގެފާނުވިއެވެ."

މައިންބަފައިން ދަރީންނަށް ކުރާ ދުޢާއަކީ އިޖާބަ ކުރައްވާނޭ ދުޢާއެއްކަމުގައި ނަބަވީ އިރުޝާދުތަކުގައި ސާބިތުވެގެންވެއެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ. "ثَلاثُ دَعَوَاتٍ يُسْتَجَابُ لَهُنَّ لا شَكَّ فِيهِنَّ : دَعْوَةُ الْمَظْلُومِ ، وَدَعْوَةُ الْمُسَافِرِ ، وَدَعْوَةُ الْوَالِدِ لِوَلَدِهِ " رواه ابن ماجه (3862) وحسنه الألباني މާނައީ: "ތިން ދުޢާއެއް އިޖާބަ ކުރެއްވޭނޭކަމާމެދު އެއްވެސް ޝައްކައްނެތެވެ. އެއީ؛ އަނިޔާ ލިބިފައިވާ މީހާ ކުރާ ދުޢާއާއި، ދަތުރުވެރިޔާގެ ދުޢާއާއި، ބައްޕަ އޭނާގެ ދަރިޔަކަށް ކުރާދުޢާއެވެ."

ވީމާ، އަޅުގަނޑުމެންގެ ދަރީން އިޞްލާޙު ކޮށްދެއްވައި ތެދުމަގުގައި ސާބިތު ކޮށްދެއްވުންއެދި ދުޢާކުރާށެވެ. މައިންބަފައިންގެ ދުޢާގެ ސަބަބުން އެދަރީންނަށް ހެޔޮ ގޮތްތައް މާތް ﷲ މިންވަރުކުރައްވާނެއެވެ. މިފަދައިން ދަރީންނަށް ދުޢާކުރުމުގައި، ދުޢާ ކުރުމުގެ އަދަބުތަކާ އެއްގޮތަށް ދުޢާކުރާށެވެ. އަދި ދުޢާ އިޖާބަކުރެއްވުން ލަސްވެގެން، އެކަމާ ކެތްމަދުވެ ކަންބޮޑު ނުވާށެވެ. މާތް ﷲ ގެ ބަސްފުޅުގެ ތެދުކަމުގެ މައްޗަށް އީމާންވާހާލު، އެއިލާހަށް ދުޢާކުރާށެވެ. މައިންބަފައިންގެ ދުޢާއަކީ ދަރީންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ދެއްވުމުގެ ސަބަބެއްކަމުގައި ވެގެންދާނެއެވެ.