ސްކޫލް

"ބަލީގެ އެއްވެސް އަލާމާތެއް ހުރިނަމަ ކުދިން ސުކޫލަށް ފޮނުވައިގެން ނުވާނެ"

އަންނަ އާދިިއްތަ ދުވަހު ސުކޫލްތައް ހުޅުވޭއިރު ބަލީގެ ކިތަންމެ އާދައިގެ އަލާމާތެއް ހުރި ނަމަަވެސް އެފަދަ ދަރިވަރަކު ސުކޫލަށް ނުފޮނުވުމަށް ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން އިލްތިމާސްކޮށްފި އެވެ.

ގިނަ ދުވަސްތަކަކަށްފަހު އަލުން ސުކޫލުތައް ހުޅުވަން ނިންމާ ދަރިވަރުން ސުކޫލުތަކަށް ހާޒިރުވެގެން ކިޔަވަން ޖެހޭ ގޮތަށް ވަނީ ނިންމާފައެވެ. އެ ނިންމުމަށް އާދިއްތަ ދުވަހު އަމަލު ކުރަން ފަށާނެ އެވެ.

އެޗްއީއޯސީން ބުނީ ސުކޫލުތަކަކީ ރައްކާތެރި މާހައުލަކަށް ހެދުމަށް ކުރަންޖެހޭ ކަންކަން ހިމެނޭ ގައިޑްލައިނެއް ނެރެފައިވާއިރު ސުކޫލު މާހައުލު އެ ގައިޑްލައިންތަކާއި އެއްގޮތަށް ހުރުން ވަރަށް މުހިންމު ކަމަށެވެ. އަދި ސުކޫލަށް ދަރިވަރުން ފޮނުވާއިރު އެއީ ބަލީގެ އެއްވެސް އަލާމާތެއް ނެތް ދަރިވަރެއްކަން ޔަގީން ކުރުމަށް ބެލެނިވެރިންނަށް އިލްތިމާސް ކޮށްފައިވެއެވެ. އެޗްއީއޯސީގެ ތަރުޖަމާން ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ ބަލީގެ ކިތަންމެ އާދައިގެ އަދި ކިތަންމެ ކުޑަކުޑަ އަލާމާތެއް ހުރިނަމަވެސް އެފަދަ ދަރިވަރަކު ސުކޫލަށް ފޮނުވާކަށް ނުވާނެ ކަމަށެވެ. އަދި ބަލީގެ އަލާމާތެއް ފެނުމާއެކު ފްލޫކުލިނިކަށް ގެންގޮސް ޓެސްޓްކޮށް ނެގެޓިވް ނަތީޖާއެއް ލިބުމުން ނޫނީ ސުކޫލަށް ފޮނުވައިގެން ނުވާނެ ކަމަށެވެ.

"ބަލީގެ އެއްވެސް އަލާމާތެއް، ކިތަންމެ އާދައިގެ ކިތަންމެ ކުޑަކުޑަ އަލާމާތެއް ހުރި ނަމަަވެސް ކުއްޖަކު ސުކޫލަށް ފޮނުވާކަށް ނުވާނެ. ވީހާ އަވަހަށް ފްލޫ ކުލިނިކަށް ގެންގޮސް ސާމްޕަލް ނެގުމަކީ ވަރަށް މުހިންމު ކަމެއް. އަދި ނެގެޓިވް ނަތީޖާއެއް ނުލިބެނީސް ސުކޫލަށް ފޮނުވައިގެން ނުވާނެ،"

ކޮވިޑް19 ގެ ބަލި މާލެ ސިޓީގައި ފެތުރެން ފެށުމުން މާޗް މަހުން ފެށިގެން މުޅި އަހަރުހެން ނިމުނީ ސުކޫލްތައް ބަންދުކޮށްފައިވަނިކޮށެވެ. ނަމަވެސް އަންނަ އާދިއްތަ ދުވަހު ސުކޫލްތައް ހުޅުވުމަށް ވަނީ ނިންމާފައެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެކަޑަމިކް ކަލަންޑަރުގައިވާ ގޮތަށް އަންނަ އާދީއްތަ ދުވަހު 2020-2021 ގެ ދިރާސީ އަހަރުގެ ދެވަނަ ޓާމްގެ ކިޔެވުން ފަށާނެ ކަމަށެވެ. އަދި ބޭބީ ނާސަރީ އާއި ނާސަރީ ކުދިން ހިމެނޭހެން ހުރިހާ ގުރޭޑްތަކެއްގެ ދަރިވަރުން ސުކޫލަށް ހާޒިރުވެ ކިޔަވަން ނިންމާފައިވާ ކަމަށެވެ.