ވެލެންސިއާ

ދިވެހި ކޯޗުންގެ ފެންވަރު ދަށެއް ނުވާނެ: އާތީ

ދިވެހި ކޯޗުންގެ ކޯޗިން އެޑިއުކޭޝަނާއި، ތަޖުރިބާގެ ގޮތުން ވަކި ފެންވަރު ދަށް ނުވާނެ ކަމަށް ކުލަބު ވެލެންސިއާގެ ހެޑް ކޯޗް މުހައްމަދު އާތިފް (އާތީ) ބުނެފި އެވެ.

ސީޒަން ފެށިއިރު، ހުރިހާ ކުލަބެއްގައި ތިބީ ދިވެހި ކޯޗުންނެވެ. އެހެންނަމަވެސް ލީގްގެ ތިން ވަނަ ހަފުތާގެ ފަހުން، މާޒިޔާގެ ކޯޗް ކަމުގައި ހުރި މުހައްމަދު ނިޒާމް އިސްތިއުފާ ދިނުމުން، ބަދަލުގައި މާޒިޔާއިން ހަމަޖެއްސީ ޔޫރަޕްގެ ފުޓްބޯޅައިގައި ތަޖުރިބާކާރު ކޯޗެއް ކަމަށްވާ، ސާބިއާގެ ރިސްޓޯ ވިޑަކޮވިޗް އެވެ.

ދިވެހި ޕްރިމިއާ ލީގްގައި ޓީމުތަކުގެ ކޯޗުކަން ކުރެވޭނީ، އެންމެ ދަށް ވެގެން އޭ ލައިސެންސް އޮތް ކޯޗުންނަށެވެ. ދިވެހި ކޯޗުންގެ ގޮތުގައި ޓީމުތަކުގައި ތިބި ހަތް ކޯޗުންގެ ތެރެއިން ދެ ކޯޗުންނަކީ ޕްރޯ ލައިސެންސް ހާސިލު ކޮށްފައިވާ ކޯޗުންނެވެ. ޓީސީގެ ކޯޗް ޝާޒްލީ މުހައްމަދު (ޝާަޒް) އާއި އީގަލްސްގެ ކޯޗް މުހައްމަދު ޝިޔާޒު (މޯހަން) ވަނީ އޭއެފްސީ ޕްރޯ ލައިސެންސް ހާސިލު ކޮށްފަ އެވެ.

މިއަހަރު ޕްރޯ ލައިސެންސް ހަދަން އެފްއޭއެމުން އިހްތިޔާރު ކުރި ދެ ކޯޗުންގެ ތެރެއިން އެކަކީ، ދަ ގުރާންޑޭގެ ކޯޗް އިސްމާއީލް މަހްފޫޒު (އިންމަ) އެވެ. ދެން ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗް އަލީ ސުޒޭން އެވެ.

"ފަސްޓް ޑިވިޝަންގައި ތިބި ކޯޗުންނަކީ ފުދޭވަރެއްގެ އެކްސްޕީރިއަންސްޑް ކޯޗުންތަކެއް މިހާރު ޔޫރަޕް މީހެއް މާޒިޔާގައި އެ ހުރީ،" ލީގްގައި މަސައްކަތް ކުރާ ދިވެހި ކޯޗުންނަށް އިޝާރާތް ކޮށް އާތީ ވާހަކަ ދެއްކި އެވެ.

"އެހެންނަމަވެސް ބާކި ތިބި ޓީމުތަކުގައި މިތިބީ ފުދޭވަރެއްގެ އެކްސްޕީރިއަންސްޑް އަދި ލައިސެންސް ލެވަލްގައިވެސް ތަޖުރިބާކާރު ކޯޗުން."

"އެހެންވީމަ ކޮންމެ މެޗަކީވެސް ޓެކްޓިކަލީ ތަފާތު މެޗެއް އެކި ކޯޗން ޓީމުތައް ބަލައިގެން ޓީމުތަކުގެ ސްޓްރެންތަށް ބަލައި އެކި މެޗުތަކަށް އެކިފަހަރު އެކިގޮތަށް މިރާވަނީ. ޓީސީ އާއެކު ކުޅޭއިރު އަޅުގަނޑުމެން ކުޅޭނެ ގޮތަކަށް ނޫން ކަންނޭނގެ އެހެން ޓީމަކާ ދެކޮޅަށް ކުޅޭނީ. އެހެވީމަ ޓީމު ޕާފޯމަންސްވެސް އެބަ ޑިޕެންޑްވޭ މިއަށް."

ލައިސެންސާއި ރާއްޖޭގެ ފުޓްބޯޅައިގެ ތަޖުރިބާއަށް ބަލާއިރު ދިވެހި ކޯޗުން ރަނގަޅެވެ. އެހެންނަމަވެސް ރާއްޖޭގެ ލީގް ސަރަހައްދީ އެހެން ގައުމުތަކުގެ ލީގް ތަކާ ވާދަ ކުރެވޭނީ ބިދޭސީ ކޯޗުންގެ އެހީތެރި ކަމާއެކު އެވެ. އަވަށްޓެރި އިންޑިއާ އާއި ބަންގުލަދޭޝްގެ ލީގްތަކުގައި ކޮލިޓީ އުފުލިގެން ދަނީ އެ ގައުމުތަކުގެ ލީގްގައި ގިނަ ބިދޭސީ ކޯޗުން މަސައްކަތް ކުރާތީ އެވެ. ބޭރުގެ ކޯޗުން ތަމްރީން ވެގެން އަންނަނީ އެކި ގައުމުތަކުންނެވެ. އެހެންވެ އެ ކޯޗުންގެ ފުޓްބޯޅައިގެ ވިސްނުން އެކި ފަންތީގައި ތަފާތެވެ. އެއީ ޓެކްނިކަލް ނަޒަރުން ވިސްނާނަމަ ލީގްގެ ކޮލިޓީ މުއްސަނދި ވާނެ ކަމެކެވެ.

އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރުކަން ކުރިން ކުރި ތަޖުރިބާކާރަކު ބުނެފައި ވަނީ، ރާއްޖޭގެ ފުޓްބޯޅަ ބަދަލު ކުރަން ގިނަ ބިދޭސީ ކޯޗުން ކުލަބުތަކުގައި މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

ވެލެންސިއާ މިރޭ ނުކުންނާނީ ޓީސީ އާ ދެކޮޅަށެވެ. އާތީ ބުނީ، އީގަލްސް އާ ދެކޮޅަށް ވެލެންސިއާ ކުޅުނު ކްލޯޒް ގޭމާއި މިރޭ ޓީސީ އާ ދެކޮޅަށް ކުޅޭ މެޗު ތަފާތު ވާނެ ކަމަށެވެ. އެހެންނަމަވެސް ޓީސީ އާ ދެކޮޅަށް ކުޅޭނެ ގޭމް އަކީ ކޮބައިކަމެއް އޭނާ ބުނެފައެއް ނުވެ އެވެ.

ވެލެންސިއާ މަސައްކަތް ކުރަނީ މެޗަކަށް ފަހު މެޗަކުން ކުޅުން އިމްޕްރޫވް ކޮށްގެން ކުރިއަށް ދާން ކަމަށާއި އެގޮތަށް މަސައްކުރާ އިރު ޓީމު ހުރިހާ ޑިޕާޓްމެންޓެއް އެއްވަރަށް މަސައްކަތް ކުރެވޭތޯ ބަލާ ކަމަށް އާތީ ބުންޏެވެ. ވެލެންސިއާ އެއް ވަނައިގައި އޮތީ 10 ޕޮއިންޓާ އެކު އެވެ. ބައިކޮޅަށް ގޯލެއް ވަދެފައެއް ނުވެ އެވެ. އޭނާ ބުނީ އެއް ވަނައިގައި އޮތުމަކީ ފަސޭހަ ކަމެއް ނޫން ކަމަށެވެ.

"ޕޮއިންޓް ޓޭބަލްގެ ކުރީގައި އޮތުމަކީ ފަސޭހަ ކަމެއްކަމަށް މީޑިއާ އަށް ހީވެދާނެ އެހެންނަމަވެސް ޕޮއިންޓް ޓޭބަލްގެ ކުރީގައި އޮތުމަކީ އެންމެ އުނދަގޫ ކަންތައް،" އާތީ ވާހަކަ ދެއްކި އެވެ. "އެއީ އިދިކޮޅަށް ކުޅޭ ޓީމު ޕޮއިންޓެއް ހޯދަންވެސް މާބޮޑަށް މަސައްކަތް ކުރާނެ. ދަށުގައި ހުރި ޓީމުތަކުން އަންނާނީ ކޮންމެ ގޮތަކަށް ހަދާފައި ނަމަވެސް ޕޮއިންޓް ހޯދަން."

"އެހެންވީމަ އަސްލުގައި މި ދިމާވާ ގޮތަކީ އަހަރެމެން މަސައްކަތް ކުރާނީ ކުރީގައި ދަމަހައްޓައިގެން ޕޮއިންޓެއް އިތުރު ކުރަން. އެމީހުން މަސައްކަތް ކުރާނީ ޕޮއިންޓް ތާވަލުގައި އޮތް ހިސާބަށް ވުރެ މައްޗަށް ދިއުމަށް. ވަރަށް ބޮޑު ޗެލެންޖަކަށް ވާނީ. ފައިނަލު މެޗެއް ގޮތަށް މި މެޗުތައް ދާނީ."