ކައިރިކައިރީގައި ކޯޗުން ބަދަލުވުމުގެ ސަގާފަތެއް ރާއްޖޭގެ ފުޓްބޯޅައިގައި ކުރިއަށްދާ ދުވަސްވަރެކެވެ. އެ ރޯޅީގައި މިހާތަނަށް ނުޖެހި އޮތީ ތިން ކުލަބަކުންނެވެ. ދަ ގުރާންޑޭ ސްޕޯޓްސް ކުލަބު، ކުލަބު ވެލެންސިއާ އަދި ކުލަބު ގްރީން ސްޓްރީޓްސް އެވެ. އަށް ޓީމު ހިމެނޭ ލީގްގެ ފަސް ޓީމުގައި ކޯޗުން ބަދަލު ވެއްޖެ އެވެ.
ސީޒަން ފެށި އިރު، އެހެން ކުލަބުތަކުގައި ތިބި ތިން ކޯޗަކު ވަނީ، ކުރިން މަސައްކަތް ކުރި ކުލަބު ނޫން އެހެން ކުލަބަކަށް ބަދަލު ވެފަ އެވެ. އީގަލްސްގައި ނަތީޖާ ދަށް ކޮށް ދިއުމުން އެ ޓީމުގެ ކޯޗް ކަމުން އަމިއްލައަށް އިސްތިއުފާ ދިން، މުހައްމަދު ޝިޔާޒު (މޯހަން) އަކީ މިހާރު ސުޕަ ޔުނައިޓެޑް ސްޕޯޓްސްގެ ކޯޗެވެ. ނަތީޖާ ރަަނގަޅަށް އިން އިރުވެސް، މަގާމުން އިސްތިއުފާ ދޭން ޖެހުނު ދެ ކޯޗުންގެ ތެރެއިން، މާޒިޔާގެ ކުރީގެ ކޯޗް މުހައްމަދު ނިޒާމް އަކީ މިހާރު ޓީސީގެ ކޯޗެވެ. ޓީސީގެ ކުރީގެ ކޯޗް ޝާޒްލީ މުހައްމަދު (ޝާޒް) އަކީ މިހާރު އީގަލްސްގެ ކޯޗެވެ.
މިހާތަނަށް މަގާމުގައި ހިފަހައްޓާލި ވެލެންސިއާގެ ކޯޗް މުހައްމަދު އާތިފް (އާތީ) ބުނީ ވެލެންސިއާގެ މެނޭޖުމެންޓުން އެފަދަ އެއްވެސް ޕްރެޝަރެއް އަދި ނެތް ކަމަށެވެ. ދެ ވަނަ މަގާމުގައި ހިފަހައްޓާ ނުލެވުނަސް، ލީގްގައި އަދިވެސް ގިނަ މެޗުތަކެއް ހުރުމުން ކޯޗުން ސްޓާފުންނާއި ކުޅުންތެރިން ފުރަސްޓޭޓްވާ ހިސާބަށް ވެލެންސިއާ ނުދާ ކަމަށް އާތީ ބުންޏެވެ.
ފުޓްބޯޅައިގެ ކޯޗް ކަމަކީ ރާއްޖޭގައިވެސް މުޅި ދުނިޔޭގައިވެސް އެންމެ ރިސްކީ ޖޮބް ކަންނޭންގެ. ފުޓްބޯޅައިގައި މިހާތަނަށް އައިރު ވަރަށް ބައިވަރު މަރުހަލާ ކަޑަތު ކޮށްފައި މިއައީ. އެއްވެސް ޕްރެޝަރެއް އަދިއެއް ނެތް ވެލެންސިއާ މެނޭޖުމެންޓަކުން،" މި ރޯޅީގައި ވެލެންސިއާ ނުޖެހި އޭނާގެ މަގާމުގަައި ދެމިހުރެވިދާނެ ކަމާމެދު އޮތް ޔަގީން ކަމަކީ ކޮބައިތޯ ސުވާލު ކުރުމުން އާތީ ވާހަކަ ދެއްކި އެވެ. "އެހެންވީމަ އަހަރެމެން މިތިބީ ވަރަށް އެކީގައި އަދި ވެލެންސިއާއަކަށް ނެތް ޕްރެޝަރެއް. އެކަމަކު މި އޮއިވަރަކީ ފުޓްބޯޅައިގައި އަހަރެން ދެކެން ބޭނުންވާ އޮއިވަރެއް ނޫން."
އެވްރެޖް ސްކޮޑަކާ އެކުވެސް މި ސީޒަންގައި ރަނގަޅު ނަތީޖާތަކެއް ނެރެމުންދާ ގްރާންޑޭގެ ކޯޗް އިސްމާއީލް މަހްފޫޒްއަށްވެސް އެ ސުވާލު ކުރިމަތި ކުރީ މެވެ. މިކަން މިހާބޮޑު ވާހަކައަކަށް ވެގެން އުޅެނީ މިފަހަގެ ތާރީހްގައި ސީޒަންގެ މިހާރު ކުރީ ކޮޅު ގިނަ ޓީމު ތަކުގެ ކޯޗުން ކައިރިކައިރީގައި ބަދަލު ވުމުން ކަމަށެވެ. އޭނާގެ މަގާމަށް ވާނެ ގޮތަކާ މެދު ވިސްނަން އޭނާ ވަގުތު ނެތް ކަމަށާއި އެއަށް ވުރެ ޓީމުގައި އޭނާ ކުރަން ޖެހޭ މަސައްކަތް މުހިންމު ކަމަށް އިންމަ ބުންޏެވެ.
"އަޅުގަނޑު އެއަށް މާބޮޑު ފިކުރެއް ނުކުރަން އަޅުގަނޑު ކުރާ މަސައްކަތުގައި ކުރިއަށް ދެވޭތޯ އަޅުގަނޑު ބަލަނީ." އިންމަ ބުންޏެވެ.
ގްރީންގެ ކޯޗް އަލީ ނިސްތާރު މުހައްމަދު ބުނީ، ގުރީންގެ މެނޭޖުމެންޓުން އޭނާއަށް އިތުބާރު ކުރާ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
"އަޅުގަނޑަށް ވަރަށް ޔަގީންކަން އެބައޮތް އަޅުގަނޑާ މެދު ގްރީން ސްޓރީޓުސް އަށް އޮތް އިތުބާރަށް. މިއުޗުއަލް އަންޑަސްޓޭޑިންއެއްވެސް އެބައިން،" ނިސްތާރު ބުންޏެވެ. "ގުރީން ސްޓްރީޓްސްގެ މެނޭޖުމެންޓާއި އަޅުގަނޑާ ވަރަށް ރަނގަޅަށް ރިލޭޝަންޝިޕް އިނީ."