އަލީ ފާސިރު (ސެންޓޭ) ގެ ލަނޑުތަކާ އެކު، ސުޕަ ޔުނައިޓެޑް ސްޕޯޓްސްގެ މައްޗަށް 2-0 ން މޮޅުވެ ވެލެންސިއާ އިން އެއް ވަނައިގައި އޮތް މާޒިޔާ އާ ފަރަގު ކުޑަ ކޮށްފި އެވެ.
މިދިޔަ ހަފުތާގައި މާޒިޔާ އާ ދެކޮޅަށް ޑިފެންސިވް ގޭމެއް ކުޅެ ސަސްއިން މާޒިޔާ ހިފެހެއްޓުމުން ވެލެންސިއާ އަށް ބޮޑު ފުރުސަތެއް އޮތެވެ. މިރޭ ސަސް ބަލިކޮށް ދެ ވަނައިގައި ވެލެންސިއާ އިން ވަނީ މާޒިޔާ އާ ހަތަރު ޕޮއިންޓަށް ކައިރިކޮށްފަ އެވެ. އަދި އެ ޓީމުގެ ފަހަތުން ތިން ވަނައިގައި އޮތް ކުލަބު ގްރީން ސްޓްރީޓާ ދެމެދު އޮތް ޕޮއިންޓްގެ ފަރަގުވެސް ވެލެންސިއާ އިން ވަނީ ހަތަރު ޕޮއިންޓަށް ފުޅާ ކޮށްފަ އެވެ.
މެޗުގެ 34 ވަނަ މިނެޓްގައި ސެންޓޭ، ފުރަތަމަ ލަނޑު ކާމިޔާބު ކުރީ، ސަސްގެ ކީޕަރު މިރުޒޯހިދު ކުރިއަށް ނުކުމެ ހުރުމުން އޭގެ ފައިދާ ނަގައި ދުރުން ފޮނުވާލި ބޯޅަ ގޯލްގެ ތެރެއަށް އޮއްސާލައިގެންނެވެ.
ވެލެންސިއާގެ ޑިފެންޑަރު އަކްރަމް އަބްދުލް ގަނީ، ހާފުގެ މެދެއްހާ ހިސާބުން އޭރިއާ ތެރެއަށް ނަގައިދިން ބޯޅަ، ސަސްގެ ޖޯޒީގައި ފުރަތަމަ މެޗު ކުޅުނު ޑިފެންޑަރު މުޖުތާޒު މުހައްމަދު (މުޖޭ) ބޮލުން ދިފާއު ކުރި އެވެ. އެހެންނަމަވެސް އޭނާ އަށް އެ ބޯޅަ ބޮލުން ރަނގަޅަށް ފޮނުވާ ނުލެވުމުން، އޭނާގެ ބޮލުގައި ޖެހިފައި ވެއްޓުނު ބޯޅަ ލިބުނީ ސެންޓޭ އަށެވެ. ސެންޓޭ ބޯޅަ ކޮންޓްރޯލް ކޮށްލައި ކީޕަރު މިރުޒޯހިދު ބޯމަތިން ގޯލްގެ ތެރެއަށް ބޯޅަ އޮއްސާލި އެވެ.
ދެ ވަނަ ހާފުގައި، ސަސްގެ އަބްދުﷲ ޖުނައިދު ވަނީ ލަނޑެއް ޖެހުމާ ވަރަށް ކައިރިއަށް ޖެހިލާފަ އެވެ. އަޖުނާން މުހައްމަދު ދިން ބޯޅަ ޖުނައިދު އަށް ލިބުނު އިރު ވެލެންސިއާ ކީޕަރު މުހައްމަދު ފައިސަލް ހުރީ ކުރިއަށް ނުކުމެ އެވެ. ޖުނައިދު މަސައްކަތް ކުރީ ފައިސަލް ބޯ މަތިން ގޯލްގެ ތެރެއަށް އޮއްސާލާށެވެ. އޭނާ ފޮނުވާލި ބޯޅައިގައި މާ ބޮޑު ބާރެއް ނެތެވެ. ފައިސަލް ވަނީ ފަހަތައް އެނބުރި ގޮސް އެ ބޯޅަ ސަލާމަތް ކޮށްފަ އެވެ.
މެޗުގެ 81 ވަނަ މިނެޓްގައި ސެންޓޭ ދެ ވަނަ ލަނޑު ކާމިޔާބު ކުރީ، ބޯޖަސް މާޓިން ނަގައިދިން ބޯޅަ ގޯލްގެ ތެރެއަށް ފޮނުވާލައިގެންނެވެ. ކުރިން މެޗުގައި މާޒިޔާ އާ ދެކޮޅަށް ރަނގަޅު ކުޅުމެއް ދެއްކި ސަސްގެ ޑިފެންސަށް މާޓިން ތިރިތިރިން ނަގައިދިން ބޯޅަ ދިފާއު ކުރަން ވަގުތުވެސް ލިބުނެވެ. އެހެންނަމަވެސް އަހްމަދު ފައްރާހް (ފައްރަ) ގެ ފައިދަށުން ދިޔަ ބޯޅަ ސެންޓޭއަށް ލިބި އޭނާ ވަނީ ވަނީ ގޯލްގެ މެދުތެރެއަށް ފޮނުވާލާފަ އެވެ.