ބޮލީވުޑް

އަބީޝެކް ކަޕޫރަށް "ރޮކް އޮން 2"ގެ ވާހަކައިގެ ކްރެޑިޓްދެނީ

Oct 27, 2015

މިހާރު ޝިލޮންގައި ޝޫޓްކުރަމުން އަންނަ މިއުޒިކް ޑްރާމް ފިލްމު "ރޮކް އޮން 2" ގެ ޕްރޮޑިއުސަރުން ކަމަށްވާ ރިތޭޝް ސިދްވާނީ އާއި ފަރްހާން އަޚްތަރު އެފިލްމުގެ ފުރަތަމަ ބައި "ރޮކް އޮން"ގެ ޑައިރެކްޓަރު އަބީޝެކް ކަޕޫރަށް ދެވަނަ ފިލްމުގެ ވާހަކައިގެ ކޯ-ރައިޓާގެ ކްރެޑިޓް ދޭން އެއްބަސްވެއްޖެ އެވެ.

އަބީޝެކް އަށް ދެވަނަ ފިލްމުގެ ކޯ-ރައިޓާގެ ކްރެޑިޓް ދޭން އެއްބަސްވީ މިފިލްމުގެ ލިޔުންތެރިޔާ ޕުބާލީ ޗޯދަރީ އާއި ޕްރޮޑިއުސަރު އަދި އެކްޓަރު ފަރްހާން އަޚްތަރު އާއި ދެކޮޅަށް މިފިލްމުގެ ވާހަކައަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ ކޯޓަށް މައްސަލަ ހުށެހެޅުމުން، އެމައްސަލައިގެ އަޑުއެހުންތައް ބޭއްވުމަށްފަހު ބޮމްބޭ ހައިކޯޓުންނެވެ.

މިމައްސަލައިގައި އަޑުއެހުންތަކަށްފަހު، އަބީޝެކް އަށް މިފިލްމުގެ ވާހަކަ ލިޔުންތެރިޔާގެ ކްރެޑިޓް ދޭން ފިލްމުގެ ޑައިރެކްޓަރުންނަށް ލަފާދިނުމުން ވަނީ "ރޮކް އޮން 2" ގެ ވާހަކައިގެ ކްރެޑިޓް އޭނާއަށް ދިނުމަށް ނިންމާފަ އެވެ. އަދި ސްކްރީންޕްލޭގެ ކެރެޑިޓް އަބީޝެކް އަށް ނުލިބޭނެ ކަމަށް ފިލްމުގެ ޕްރޮޑިއުސަރުންގެ ފަރާތުން ބުނަމުން ވަނީ ފިލްމުގެ ސްކްރީން ޕްލޭގެ ކްރެޑިޓް ލިބޭނީ ހަމައެކަނި ޕުބާލީ އަށް ކަމަށެވެ.

ހައިކޯޓުން އަބީޝެކް އަށް މިފިލްމުގެ ވާހަކައިގެ ކްރެޑިޓް ދޭން ނިންމީ ދެފަރާތަށްވެސް ފައިދާ ވަނީ މިގޮތަށް ކަންތައް ކުރުމުން ކަމަށް ފެންނާތީ އެވެ.

ބޮލީވުޑްގެ ފިލްމުތަކުގެ މިގޮތަށް ރައިޓްސްގެ މައްސަލަ ޖެހުމުން އާންމުގޮތެއްގައި ކޯޓަށް މައްސަލަ ހުށަހަޅަނީ ފިލްމުތައް ރިލީޒްކުރުމުން ކަމުގައި ވިޔަސް، މިފިލްމުގެ ރައިޓްސްގެ މައްސަލަ އަބީޝެކް ކޯޓަށް ހުށަހެޅިއިރު، ފިލްމުގެ ޝޫޓިން އަދި ނުފަށަ އެވެ.

މީގެކުރިން މިމައްސަލައިގެ ބޭއްވުނު އަޑުއެހުންތަކުގައި އަބީޝެކްގެ ވަކީލް ވަނީ ކޮޕީރައިޓްސްގެ ހައްގު ހޯދަން އަބީޝެކް އުޅެނީ ފިލްމުގެ ޕްރޮޑިއުސަރުންގެ ފަރާތުން ލާރި ހޯދުމުގެ ބޭނުމުގައި ނޫންކަމަށާއި ފިލްމުގެ ވާހަކަ ލިޔުންތެރިޔާއަށް އެނާ ކުރި މަސައްކަތަށް ކްރެޑިޓް ލިބެން ޖެހޭތީ ކަމަށެވެ.

އަންނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ރިލީޒްކުރުމަށް ހަމަޖެހިފައިވާ މިފިލްމުގެ ތަރިންނަކީ "ރޮކް އޮން" ގައި ވެސް ހިމެނުނު ތަރިންނަށް ވީއިރު، ފިލްމާއި އަލަށް ގުޅިފައިވަނީ ޝްރަދާ ކަޕޫރު އެކަންޏެވެ.