ބަނދަރު ޕްރޮޖެކްޓް

ދެ ރަށެއްގެ ބަނދަރު މަސައްކަތުގެ އަޕްޑޭޓް ދީފި

ނ. މިލަދޫ ބަނދަރާއި ހއ. އިހަވަނދޫ ބަނދަރުގެ މަސައްކަތް ކުރިއަށް ދާ ގޮތުގެ އަޕްޑޭޓް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ދީފި އެވެ.

ބިން ހިއްކުމާއި ބަނދަރު ހެދުމުގެ ގިނަ މަސައްކަތްތަކެއް ކުރާ، އެމްޓީީސީސީން ބުނީ މިލަދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫގެ ދަށުން އެ ރަށުގެ ބަނދަރުގައި 38،461 ކިއުބިކު މީޓަރުގެ ބަނދަރު ފުންކުރުމާއި 248 މީޓަރުގެ ބޭރުތޮށިލުމާއި 286 މީޓަރުގެ އެއްގަމުތޮށި ލުމާއި 137 މީޓަރު ރިވެޓުމަންޓު ޖެހުމާއި 1،430 އަކަ މީޓަރަށް ޕޭމަންޓު ހެދުމުގެ އިތުރުން ނެރު ބައްތި ޖަހައި މަގުމަތި ބައްތި ހަރު ކުރާނެ ކަމަށެވެ.

އެ ރަށު ބަނދަރު މަޝްރޫއުގެ 38 ޕަސެންޓް މަސައްކަތް ނިމިފައި ވާއިރު އެމްޓީސީސީން ބުނީ އެ މަޝްރޫއުގެ ދަށުން ބަނދަރުގެ އަލަށް އިތުރު ކުރާ ސަރަހައްދު ފުން ކުރުމުގެ މަސައްކަތުގެ 82 ޕަސެންޓް މިހާރު ނިމިފައި ވާ ކަމަށެވެ.

އެރަށު ބަނދަރު މަޝްރޫއުގެ އަގަކީ 42.1 މިލިއަން ރުފިޔާ އެވެ.

ސަރުކާރާއި ރައްޔިތުން ހިއްސާވާ އެމްޓީސީސީން ކުރިޔަށް ގެންދާ މަސައްކަތް ތަކުގެ ތެރެއިން މިލަދޫ ބަނދަރުގެ ބޮޑު ޕަސެންޓެއްގެ މަސައްކަތް ނިމިފައިވާ އިރު އެމްޓީސީސީން ބުނީ ހއ. އިހަވަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތުގެ 35 ޕަސެންޓް ވެސް ނިމިފައިވާ ކަމަށެވެ. އަދި އެ ރަށު ބަނަދަރަށް އަލަށް އިތުރު ކުރާ ސަރަހައްދު ފުން ކުރުމުގެ މަސައްކަތުގެ 59 ޕަސެންޓު ވެސް ނިމިފައިވާ ކަމަށެވެ.

މި މަޝްރޫގެ ދަށުން އިހަވަންދޫ ބަނދަރުގައި 21،295 ކިއުބިކު މީޓަރުގެ ބަނދަރު ފުންކުރުމާއި 284 މީޓަރުގެ ބޭރުތޮށި ލުމުގެ އިތުރުން 95 މީޓަރުގެ އެއްގަމުތޮށި ލުމާއި 178 މީޓަރު ރިވެޓުމަންޓު ޖެހުމުގެ އިތުރުން 4،582 އަކަ މީޓަރަށް ޕޭމަންޓު ހަދާނެ އެވެ. އަދި މަގު ބައަތި އާއި ނެރު ބައަތި ވެސް ހަރުކުރާނެ އެވެ.

އިހަވަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތަކީ 48.5 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.