ރާއްޖެ ކުޅިވަރު

ދިވެހިންގެ މަތިން ފަލަސްތީންގެ ސަޕޯޓަރުން ހަނދާނެއް ނުނެތޭ

ދިވެހިރާއްޖޭގައި މިދިޔަ އަހަރު އޮތް އޭއެފްސީ ޗެލެންޖް ކަޕް ކާމިޔާބުކޮށް، ފަލަސްތީން އޭޝިއަން ކަޕަށް ކޮލިފައިވުމަކީ ފަލަސްތީންގެ ފުޓްބޯޅައިގައި ލިބުނު އެންމެ ބޮޑު ކާމިޔާބެވެ. މި ކާމިޔާބީގައި ދިވެހިރާއްޖޭގެ ސަޕޯޓަރުންގެ ހިއްސާއެއް އެބައޮތެވެ. މި މުބާރާތުގައި ފަލަސްތީން ކުޅުނު ކޮންމެ މެޗެއްގައި ދިވެހި ސަޕޯޓަރުންގެ ތާއީދު ފަލަސްތީނަށް ލިބުނެވެ. ހާއްސަކޮށް މުބާރާތުގެ ފައިނަލް މެޗުގައި ގިނަ އަދަދެއްގެ ދިވެހި ސަޕޯޓަރުން ވަނީ ފަލަސްތީނަށް ތަރުހީބު ދީފަ އެެވެ. ރާއްޖޭގެ ގައުމީ ޓީމު ފައިނަލަށް ނުދިޔަ ނަމަވެސް، ފަލަސްތީނަށް ކާމިޔާބަށް ދިވެހިން އެދުނެވެ. ދިވެހިން ފަލަސްތީނަށް ދިން ސަޕޯޓްގެ އަގު ވަޒަންކުރައްވައި، ފައިނަލް މެޗަށް ފަހު ފަލަސްތީންގެ ރައީސް މަހުމޫދު އައްބާސް ވަނީ ރައީސް އަބްދުﷲ ޔާމީނަށް ގުޅުއްވައި، ޝުކުރު އަދާކުރައްވައިފަ އެވެ.

އޮސްޓްރޭލިއާގައި މިހާރު ކުރިއަށްދާ އޭޝިއަން ކަޕްގައި ފަލަސްތީން ކުޅުނު ފުރަތަމަ މެޗުގައި މިއަދު ޖަޕާނާ ދެކޮޅަށް ނިކުތްއިރު، ރާއްޖޭން ފަލަސްތީންގެ ޓީމަށް ޗެލެންޖް ކަޕްގައި ދިން އެހީތެރިކަމުގެ މަތިން ފަލަސްތީންގެ ސަޕޯޓަރުން ހަނދާން ނުނެތޭކަން ސާބިތުވި އެވެ. ފަލަސްތީނާއި ޖަޕާން މިއަދު ހަންޓާ ސްޓޭޑިއަމްގައި ބައްދަލުކުރި މެޗަށް ފަލަސްތީންގެ ސަޕޯޓަރެއް ދިޔައީ ރާއްޖޭގެ ދިދަ ހިފައިގެންނެވެ. އަދި ރާއްޖޭގެ ދިދައާއެކު އެ ސަޕޯޓަރު ނަގާފައިވާ ފޮޓޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ.

"އަހަރެމެން ހަނދާނެއް ނުނެތޭ. އަބަދު ވެސް ހަނދާން ހުންނާނެ،" ރާއްޖޭގެ ސަޕޯޓަރުން ޗެލެންޖް ކަޕްގައި ފަލަސްތީނަށް ދިން ސަޕޯޓުގެ މަތިން ހަނދާން ނުނެތޭކަމަށް އިޝާޜާތްކުރަމުން ފުޓްބޯލް ފަލަސްތީން އިން ކުރި ޓުވީޓުގައި ބުނެފައިވެ އެވެ.

މި އަހަރުގެ އޭޝިއަން ކަޕްގައި ވާދަކުރަމަކީ ފަލަސްތީނަށް ތާރީހީ ކަމެކެވެ. ފީފާ އިން 1998 ވަނަ އަހަރު ފަލަސްތީން ބަލައިގަތުމުން ވޯލްޑް ކަޕާއި އޭޝިއަން ކަޕަށް ކޮލިފައިވުމުގެ ފުރުސަތު އެ ޓީމަށް ލިބުނު ނަމަވެސް، ފުޓްބޯޅައިގައި ކުރިއަށް ދިއުމަށް ގިނަ ހުރަސްތަކެއް ވަނީ ކުރިމަތިވެފަ އެވެ. ހުޅަނގު އައްސޭރި އާއި ގާޒާއާ ދެމެދު ދަތުރުކުރުމުގައި އިޒްޒޭލް އިން އަޅާފައިވާ ހުރަސްތަކާ ގުޅިގެން މީގެ ކުރިން ފަލަސްތީންގެ ޓީމަށް ވަނީ ހުރިހާ ކުޅުންތެރިން ހަމަކޮށްގެން ފަރިތަކުރުމަށް ވެސް ދަތިތަކެއް ކުރިމަތިވެފަ އެވެ. އިޒްރޭލްގެ ބޯޑަރު ހުރަސްކުރަން އުޅުނު ފަލަސްތީން ޓީމުގެ ބައެއް ކުޅުންތެރިން ވަނީ މީގެ ކުރިން ހައްޔަރު ވެސް ކޮށްފަ އެވެ.

އޭޝިއަން ކަޕްގެ ގުރޫޕް ޑީގައި މިއަދު މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޖަޕާން އަތުން ފަލަސްތީން ބަލިވީ 4-0 އިންނެވެ. މި މެޗުގައި ޖަޕާނަށް ލަނޑު ޖަހައިދިނީ ޔަޝުހިޓޯ އެންޑޯ އާއި ސިންޖީ އޮކަޒާކީ އާއި ކެއިސޫކޭ ހޮންޑާ އަދި މާޔާ ޔޮޝީޑާ އެވެ. މި ގުރޫޕްގައި ދެން އޮތީ ޖޯޑަން އާއި އިރާގެވެ.