ބޮލީވުޑް

ފިލްމެއް ކުޅެން ސޮއިކުރުވަން ޝާހްރުކް ގޭދޮށުގައި ބަނޑަހަ ޖަހައިގެން

މީހެއްގެ ސަމާލުކަން މިއަށް ވުރެ ރަނގަޅު ގޮތެއް ނެތެވެ. ޖަޔަންތު ސީޖް އެސް ނަމަކަށް ކިޔާ މި ފްރީލާންސް ޑައިރެކްޓަރު ބޭނުންވަނީ ޝާހްރުކް ޚާން ލައްވާ ފިލްމެއް ކުޅުވާށެވެ. މިކަން އޭނާއަށް ކުރެވޭނެ އެއްވެސް ގޮތެއް ނުފެނުމުން އެންމެ ފަހުން ޝާހްރުކްގެ ގޭގެ ބޭރުގައި މަގުމަތީގައި ކުޑަ ޓެންޓެއް ޖަހައިގެން މިހާރު އޭނާ ދިރިއުޅެނީ އެތާގަ އެވެ.

ޖަޔަންތަކީ ބެންގަލޫރޫގެ ވަޒަންވެރިއެކެވެ. މުމްބައިގައި ހުންނަ ބޮލީވުޑް އެކްޓަރު ޝާހްރުކްގެ ގޭގެ ބޭރުގައި ކޭމްޕް ޖަހައިގެން އޭނާ ދިރިއުޅެން ފެށީ މި ހަފުތާ ތެރޭގަ އެވެ.

ޖަޔަންތު ބުނަނީ މި ކަމަކީ އޭނާ އުފައްދާ "ޕްރޮޖެކްޓް އެކްސް" ކުޅެން ޝާހްރުކް ލައްވާ ސޮއި ކުރުވަން ކުރާ މަސައްކަތެކެވެ.
އޭނާ ޝާހްރުކްގެ ގޭގެ ބޭރުގައި ބަނޑަހަ ޖަހައިގެން އުޅޭ ޚަބަރު މިހާރު ސޯޝަލް މީޑިއާގައި ވައިރަލްވެ ވަރަށް ގިނަ ބައެއްގެ ސަމާލުކަން މި މީހާއަށް ވަނީ ލިބިފަ އެވެ. އަދި ޝާހްރުކްގެ ފޭނުން ވެސް މި މީހާއަށް ސަޕޯޓްކޮށް ޝާހްރުކް ލައްވާ ފިލްމު ކުޅެން އެއްބަސް ކުރުވާފައި ނޫނީ މަސައްކަތް ހުއްޓާނުލަން ހިތްވަރު ދެމުން އެބަދެ އެވެ.

ޖަޔަންތުގެ ވާހަކަ މިހާރު އިންޑިޔާގައި ވަރަށް މަޝްހޫރު ވެފައިވާއިރު އޭނާއަށް މިކަން ކުރުމުގެ ޚިޔާލު އައި ގޮތް ޖަޔަންތު ވަނީ އިންޑިޔާ ނޫހަކަށް ކިޔައިދީފަ އެވެ.

"މިދިޔަ އޮގަސްޓް މަހު އަހަރެން ކީ ޝާހްރުކްގެ އިންޓަވިއު އެއްގައި އޭނާ ބުނެފައިވަނީ "ޒީރޯ"ގެ ފަހުން އެއްވެސް ފިލްމެއް ކުޅެން ސޮޔެއް ނުކުރަމޭ. އެ ހިސާބުން ޝާހްރުކް ލައްވާ ފިލްމެއްގައި ސޮއިކުރުވުމުގެ ޚިޔާލެއް އަހަރެންގެ ހިތުގައި އުފަންވެއްޖެ. އަދި ޝާހްރުކް ލައްވާ ފިލްމެއް ކުޅުވަން އަހަރެންނަށް ސޮއި ކުރުވިއްޖިއްޔާ ކިހިނެއްބާއޭ ވާނީ އަހަރެންގެ ހިތަށް އަރަން ފަށައިފި،" ޖަޔަންތުގެ އިންޓަވިއުގައި ބުނެފައި ވެއެވެ.
ވަގުތުން ފިލްމެއްގެ ޕޯސްޓަރެއް ޖަޔަންތު ތައްޔާރުކޮށް ޝާހްރުކް ޓެގް ކޮށްފައި ސޯޝަލް މީޑިއާގައި އެ ޕޯސްޓަރު ޝެއާ ކުރި އެވެ.

ކުރިން ވެސް ހީކުރެވިފައިވާ ގޮތަށް އޭނާ ކުރި ޓުވީޓަކުން އެއްވެސް ކަމެއް ނުވި އެވެ. ނަމަވެސް އަދިވެސް އެ ޚިޔާލު ދޫކޮށްލާކަށް ޖަޔަންތުގެ ހިތެއް ނުރުހުނެވެ. އަނެއްކާ ޝާހްރުކްގެ އުފަން ދުވަހު އެ ޕޯސްޓަރު އޭނާ އަލުން ޓުވީޓް ކުރި އެވެ.

"ކުއްލިއަކަށް ޑިސެމްބަރު 1 ވަނަ ދުވަހު އަހަރެން ހިތަށް އަރައިފި ޝާހްރުކްގެ މަންނަތު ދޮށަށް ދާންވިއްޔޭ. އޭނާއާ އެތަނުން ދިމާވެއްޖިއްޔާ ސްކްރިޕްޓް ކިޔާދިނުމުގެ ފުރުސަތު ލިބިދާނޭ. އެހެން ހިތާ ބެންގަލުރޫ އިން ފުރައިގެން މުމްބައި އަށް އައީ،" ޖަޔަންތު ބުންޏެވެ.

ޝާހްރުކްގެ ގޭގެ ބޭރުގައި ކޭމްޕް ޖަހައިގެން ޖަޔަންތު ހުންނަން ފެށީ ޑިސެމްބަރު 31 ވަނަ ދުވަހުން ފެށިގެންނެވެ. އިރު އަރާއިރު އޭނާ އެ ތަނުގައި ހުންނާނެ އެވެ. އަދި އިރުއޮއްސިގެން ގޮސް ރޭގަނޑު ދަންވަރުވަންދެން ޝާހްރުކްގެ އިންތިޒާރުގައި އޭނާ ހުރެ އެވެ. ޝާހްރުކްގެ ގެ ބަލަހައްޓާ ގާޑުންނަށް ވެސް މިހާރު ޖަޔަންތު އެނގެ އެވެ. އަދި އެމީހުން ވެސް ޖަޔަންތާ ވާހަކަ ދައްކާ ކަމަށް އޭނާ ބުންޏެވެ.

"އަހަންނަކީ ފިލްމު އުފެއްދުމުގެ މަސައްކަތެއް ފަށަން ބޭނުންވެގެން ގަދައަޅާ މަސައްކަތްކުރާ މީހެއް. އިންނާނެ އަންހެންކުއްޖަކު ނުލިބޭނެކަން ޔަގީން. އެންމެ ފަހަރަކު ނަމަވެސް ޝާހްރުކް އާ ބައްދަލު ވާނެ ގޮތެއް ހަދައިދީބަލަ،" ޖަޔަންތު ނޫސްވެރިން ގާތު ބުންޏެވެ.

ޖަޔަންތު ބުނި ގޮތުގައި ޝާހްރުކް ލައްވާ އޭނާގެ ފިލްމުގައި ސޮއި ކުރުވާފައި ނޫނީ އެނބުރި ދިއުމުގެ ވިސްނުމެއް ނެތެވެ. ނަމަވެސް ފަހުން އޭނާ ފޭސްބުކްގައި ޝެއާކުރި ޕޯސްޓެއްގައި ބުނެފައިވަނީ "ޕްރޮޖެކްޓް އެކްސް"ގެ ޕޯސްޓަރު ހިފައިގެން އަމިއްލަ ރަށަށް އެނބުރި ދާން ނިންމައިފި ކަމަށެވެ.

މިހާ ދުވަހު ޝާހްރުކްގެ ގޭދޮށުގައި ޖަޔަންތު ހޭދަކުރިއިރުވެސް ޝާހްރުކްގެ ފަރާތުން އެއްވެސް ކަހަލަ ހިލަމެއް ވެފައެއް ނެތެވެ. ޝާހްރުކްގެ ފޭނުން ޖަޔަންތަށް ސަޕޯޓްކޮށް އޭނާގެ ވާހަކަ ސޯޝަލް މީޑީއާގައި ވަރަށް ގިނައިން ދައްކައި ޝާހްރުކްގެ ސަމާލުކަން މިކަމަށް ލިބޭތޯ ވަރަށް މަސައްކަތް ކޮށްދެ އެވެ.

ޖަޔަންތުގެ މަސައްކަތް ކާމިޔާބު ނުވެ އުޅެނިކޮށް ޝާހްރުކް ވަނީ އޭނާ އެނބުރި އަންނަ ފިލްމު އިއުލާން ކޮށްފަ އެވެ. އޭނާ ބުނި ގޮތުގައި އެ ފިލްމަކީ ޔާޝް ރާޖް ފިލްމްސްގެ "ޕަތާން" އެވެ.