ޕީއެސްޖީ

ޕީއެސްޖީ ސުޕަކަޕް ޗެމްޕިއަން، ޕޮޗެޓީނޯއަށް ތައްޓެއް

އޮލިމްޕިކް މާސޭގެ މައްޗަށް 2-1 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި، ފްރާންސްގެ ސުޕަ ކަޕް ޕީއެސްޖީން ކާމިޔާބު ކޮށްފި އެވެ.

ދެ ހަފުތާ ކުރިން ޕީއެސްޖީގެ ކޯޗް ކަމާ މައުރީޝިއޯ ޕޮޗެޓިނޯ ހަވާލުވެ، އޭނާ ވަނީ އޭނާގެ ކޯޗިން ކެރިއަރުގައި ފުރަތަމަ ތަށި ހޯދާފަ އެވެ.

ފައިގެ ކުޑަހުޅަށް ލިބުނު އަނިޔާއެއްގައި އެއް މަސް ދުވަހު ކުޅުމާ ދުރުގައި ހުރި، ނޭމާ ވަނީ އެނބުރި ކުޅުމަށް އައިސްފަ އެވެ. މެޗުގެ ފަހު ކޮޅުގައި ޕީއެސްޖީއަށް ލިބުނު ޕެނަލްޓީ ވެސް ކާމިޔާބު ކުރީ އޭނާ އެވެ.

މި ސީޒަންގައި ލަނޑު ޖެހުމުގެ އުނދަގޫ ކުރިމަތި ވެފައިވާ މައުރޯ އިކާޑީ ވަނީ، އޭންހަލް ޑީމާރިއާ ތަނަވަސް ކޮށްދިން ފުރުސަތަކުން ޕީއެސްޖީއަށް ލީޑް ނަގައިދީފަ އެވެ. އޭގެ ކުރިން އިކާޑީ ފޮނުވާލި ބޯޅައެއް މާސޭގެ ގޯލަށް ވަން ނަމަވެސް، އެއީ ލަނޑެއް ކަމަށް ބަލައެއް ނުގަތެވެ. މާސޭގެ ލަނޑު ކާމިޔާބު ކުރީ، ޑިމިޓްރީ ޕަޔެޓް އެވެ.