ޕީއެސްޖީގެ ފޯވަޑް ނޭމާ ޖޫނިއާއަށް އަނިޔާވީ ބުރަ އަދި ކައިރި ކައިރީގައި މެޗުތައް ކުޅެން ޖެހޭ ގޮތަށް އެކުލަވާލާފައިވާ އުނދަގޫ ޝެޑިއުލްގެ ސަބަބުން ކަމަށް، ޕީއެސްޖީގެ ކޯޗް މައުރީޝިއޯ ޕޮޗެޓިނޯ ބުނެފި އެވެ.
ނޭމާގެ އުކުޅުވަޅަށް ލިބުނު އަނިޔާއެއްގައި، ހަތަރު ހަފުތާއަށް ކުޅުމާ ދުރަށް ދާން ޖެހޭނެ ކަމަށް ޑޮކްޓަރުން ވަނީ އިރުޝާދު ދީފަ އެވެ. އޭނާއަށް ގެއްލޭނެ އެންމެ މުހިންމު މެޗަކީ، ޗެމްޕިއަންސް ލީގްގެ ދެވަނަ ބުރުގައި ނޭމާގެ ކުރީގެ ކުލަބު ބާސެލޯނާ އާ ދެކޮޅަށް އަންނަ އަންގާރަ ދުވަހު ކުޅޭ މެޗެވެ.
"އަނިޔާގެ މައްސަލަތައް ގިނަ ވެގެން މިއުޅޭ ސަބަބަށް ބަލައިލި ނަމަވެސް ފެންނާނީ އުނދަގޫ ބުރަ ޝެޑިއުލް ސަބަބުން މިކަން ދިމާވާކަން،" ފްރާންސް ލީގްގައި ނީސް އާ ދެކޮޅަށް މިއަދު ކުޅޭ މެޗުގެ ޕްރީ މެޗު ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން ޕޮޗެޓިނޯ ބުންޏެވެ. "40 ދުވަހުގެ ތެރޭގައި އަހަރެމެން ކުޅެފިން ވަރުގަދަ ނުވަ މެޗު. އަހަރެން ވެސް ގަބޫލު ކުރަން ކޮވިޑް-19 އިގެ ހާލަތުގެ ސަބަބުން ޝެޑިއުލް މިހާ ބުރަވެގެން މިއުޅެނީ."
ނޭމާއަށް އަނިޔާވީ، ފްރެންޗް ކަޕްގައި މިދިޔަ ބުދަ ދުވަހު ދެ ވަނަ ޑިވިޝަންގެ ކޮން އާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. ކޮންގެ ސްޓިވް ޔޯބޯ ވަނީ، އެ މެޗުގައި ނޭމާއަށް ޓެކްލް ކޮށްފަ އެވެ. އެހެން ނަމަވެސް ކޮންގެ ކޯޗް ޕަސްކަލް ޑުޕާޒް ބުނީ އޭނާގެ ކުޅުންތެރިޔާ ނޭމާއަށް އަނިޔާވާ ގޮތަށް ޓެކްލު ނުކުރާނެ ކަމަށެވެ.
"އޭނާ [ނާމާ] ގެ ކަންތައްތައް ހުންނަ ގޮތުން ވެސް އެހެންވޭ ކުޑަ ކަމެއް ވިޔަސް އޭނާ ދައްކަނީ ވަރަށް ބޮޑު ކަމެއް ވެގެން އުޅޭ ގޮތަށް." ޑުޕާޒް ބުންޏެވެ.
ނީސް އާ ދެކޮޅަށް ކުޅޭ މެޗުގައި ޕީއެސްޖީ އޭންހަލް ޑީމާރިއާއަށް ނުކުޅެވޭނެ އެވެ. އަނިޔާގެ ސަބަބުން އޭނާ ވެސް ވަނީ އެކަހެރި ކޮށްފަ އެވެ. ބާސާ މެޗުގައި ވެސް އޭނާއަށް ނުކުޅެވޭނެ އެވެ. އެހެން ނަނަމަވެސް ކީޕަރު ކޭލޯ ނާވަސް ވަނީ އަނިޔާއިން ރިކަވާ ވެފަ އެވެ. މިރޭ މެޗުގައި އޭނާ ކުޅެނެ ކަމަށް ބެލެވެ އެވެ.
ލީގްގެ ތިން ވަނައިގައި ޕީއެސްޖީ އޮތީ، އެއް ވަނައިގައި އޮތް ލިއްލޭ އާ ތިން ޕޮއިންޓް ފަހަތުގަ އެވެ. ދެ ވަނަގައި އޮތީ އޮލިމްޕިކް ލިއޯން އެވެ.