ހަބަރު

"ޖަލީލު ވަކިކުރީ ހަވާ ގެންނަން އެމްއެމްޕީއާރްސީއަށްދީގެން، ނާޒިމް ރައީސާ ދިމާކުރަން ހިތްވަރު ދީގެން"

Oct 25, 2015
1

ޑިފެންސް މިނިސްޓަރުކަން މުހައްމަދު ނާޒިމް ވަކި ކުރެއްވީ ރައީސާ ކުރިމަތިލާން ސިފައިންނަށް ހިތްވަރު ދެއްވައިގެން ކަމަށާއި އެ މަގާމުން މޫސާ އަލީ ޖަލީލު ވަކި ކުރެއްވީ ބަޑި ބޭސް އެތެރެކުރަން އެމްއެމްޕީއާރްސީ އަށް ހުއްދަ ދެއްވައިގެން ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ގައުމާ މުހާތަބު ކުރައްވާ ރައީސް މިއަދު ދެއްވި ދިގު ތަގުރީރުގައި ވިދާޅުވީ އެ ދެބޭފުޅުން މަގާމުން ވަކި ކުރުމުގައި ސިޔާސީ ބޭނުމެއް ނެތް ކަމަށާއި އޭގެ ތެރެއިން ޖަލީލު ވަކި ކުރުމާއި އެމަނިކުފާނަށް ދިން ބޮމުގެ ހަަމަލާއާ ވެސް ގުޅުމެއް ނެތް ކަމަށް ވެސް ރައީސް އޮޅުން ފިލުވައި ދެއްވި އެވެ.

ނާޒިމުގެ މައްސަލައަށް އިޝާރާތްކުރައްވާ ރައީސް ވިދާޅުވީ ނާޒިމުގެ ގެއިން ފެނުނު ފިސްތޯލައަކީ އޭގޭގައި ހުރި ތަކެތި ކަމަށާއި ނާޒިމަށް ޖެހިވަޑައިގަންނަވާނީ އެއީ އޭނަގެ އެއްޗެއް ނޫންކަން ޝަރީއަތުގައި ސާބިތުކޮށްދެއްވަން ކަމަށެވެ. އަދި އެ ހާދިސާއަށް ފަހު ފުލުހުން އަމަލު ކުރި ގޮތާމެދު ހިތްޕުޅު ހަމަޖެހިވަޑައި ނުގެން ނާޒިމް ރައީސަށް ޝަކުވާ ކުރެއްވި ކަމަށް ވެސް ވިދާޅުވި އެވެ.

އެ ޝަކުވާއާ ގުޅިގެން ބަލައި ފާސްކުރި ޓީމާ އެމަނިކުފާނު ބައްދަލުކުރެއްވި ކަމަށާއި ސްވަޓާއި ފޮރެންސިކް މީހުންގެ މައްޗަށް ހިމެނޭ އެ ޓީމުން ބޭނުންވާ ހުރިހާ ސުވާލަކަށް ޖަވާބު ދިން ކަމަށާއި އެގޭގައި ހުންނެވީ ޑިފެންސް މިނިސްޓަރު ކަން އެނގުނު ހިސާބުން ކަންކަން ކުރި ގޮތްވެސް ސާފުވި ކަމަށެވެ. ނަމަަވެސް އެހިސާބުން ސިފައިންގެ އިސް އޮފިސަރުންނާ ނާޒިމް ބައްދަލުކުރައްވާ ސިފައިންގެ ތެރޭގައި ލޭކެއްކެވުމުގެ މަސައްކަތް ނާޒިމް ކުރެއްވި ކަމަށެވެ.

"އަޅުގަނޑު ބެލި އިރު އެ ޓީމުން ނާޒިމް ބިރުފުޅު ގަންނަ ގޮތަކަށް ކަންތައް ކޮށްފައެއް ނެތެ. އެހެން ނަމަވެސް ފަހުން ނާޒިމް ސިފައިންގެ އިސް އޮފިސަރުންނާ ބައްދަލު ކުރައްވައި އެ މައްސަލާގައި ރައީސާ ކޮންފްރޮންޓް ކުރަން ހިތްވަރު ދެއްވާ ވާހަކަފުޅު ދެއްކެވުމުން މަގާމުން ވަކި ކުރީ އެހިސާބުން އިތުބާރު ގެއްލުނީ،" ރައީސް ވިދާޅުވި އެވެ. "ނާޒިމް އަންގަނީ ކަލޭމެން ދާށޭ މި މައްސަލާގައި ރައީސާ ކޮންފްރަންޓް ކުރަަން ޑިފެންސް މިނިސްޓަރު ނުޖެހޭ އަޅުގަނޑާ ކޮންފްރެންޓް ކުރަން ސިފައިންގެ އިސް އޮފިސަރުން ފޮނުވާކަށް،" ރައީސް ވިދާޅުވި އެވެ. އަދި ވިދާޅުވީ ފިސްތޯލައިގެ މައްސަލާގައި ނާޒިމް ވަކި ކުރެއްވުމުގެ ބަދަކުގައި ނިންމަވައިގެް ކުރިން ހުންނެވީ މައްސަލަ ނިމޭ ގޮތެއް ބައްލަވަން ކަމަށެވެ.

"ފިނިފެންމާ" ގައި ބޮން ގޮއްވާލި ހާދިސާއަށްފަހު ޑިފެންސް މިިނިސްޓަރު ކަމުން މޫސާ އަލީ ޖަލީލް ވަކި ކުރެއްވުމަކީ ސިޔާސީ ނިންމެވުމެއް ނޫން ކަމަށާއި އަދި އެއީ ބޮމުގެ ހަމަލައާ ގުޅުން އޮތް ކަމެއް ނޫން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖޭގައި ހަވާގެ ގޮތުގައި ގެންނަ ބަޑި ބޭހަކީ ސިފައިން ގެންނަ އެއްޗެއް ކަމަށާއި ނަމަވެސް ޖަލީލް އަމިއްލަފުޅަށް އެމަނިކުފާނާ ވެސް މަޝްވަރާ ނުކުރައްވާ ޒަމާންވީ އުސޫލުތައް ބަދަލު ކުރައްވާ ބަޑިބޭސް އެތެރެ ކުރުމުގެ ހުއްދަ އެމްއެމްޕީއާރްސީއަށް ދެއްވާފައިވާ ކަމަށެވެ. އަދި އެ ނިންމެވުން ނިންމެވީ އަމިއްލަފުޅަށް ކަމަށް އޮފިސަރުން ގާތުގައި ވިދާޅުވެފައިވާ ޔައުމިއްޔާވެސް އެބައޮތް ކަމަށެވެ.

"ވަރުގަދަ އަށް ހިފަހައްޓަމުން އައި އުސޫލެއް އޭނަ ވަނީ އަމިއްލަ އަށް ބަދަލުކޮށް އެމްއެމްޕީއާރްސީ އަށް ބަޑިބޭސް އިމްޕޯޓްކުރެވޭ ގޮތަށް ހުއްދަ ދެއްވާފައި،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެ ހުއްދައިގެ ދަށުން އެމްއެމްޕީއާރްސީން އިމްޕޯޓް ހަބާ ބަޑިބޭސް ކޮންޓޭނަރުގައި ހުރި ބަޑިބޭހުން ގޮވާތަކެތި އުފެއްދިދާނެ ކަަމަށާއި އެ ޝިޕްމެންޓްތެރޭގައި ދެން ހުރީ ކޯއްޗެއް ކަަމަށް ބަލައި ފާސްކުރެވުނު ކަން ސާފުވެފައި ނެތް ކަމަށެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ބޮން ގޮއްވި ހަމަލާގެ ތަހުގީގަށް ކާނާލް އަހުމަދު ފަޔާޒް ( ޕާޕާ) ހައްޔަރު ކުރި އިރު އިއްތިފާގަކުން އޭނާއަކީ މޫސާ އަލީ ޖަލީލާ ދެބޭންގެ ދެދަރި ބޭފުޅެއް ކަމަށެވެ.