ރައްޔިތުންގެ ބާރު ރަނގަޅަށް ދެނެގަތުމަށް ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، ދައުލަތުގެ ތަންފީޒީ އިދާރާތަށް ގޮވާލައްވައިފި އެވެ. އެމަނިކުފާނު މިކަމަށް ގޮވާލެއްވީ ދިވެހީންގެ އަވައްޓެރި ސްރީލަންކާއިން މިއަދު ފެންނަމުންދާ ސިޔާސީ ހަމަނުޖެހުންތަކަށް އިޝާރާތް ކުރައްވާ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.
އެމަނިކުފާނުގެ ވަނީ ރާއްޖޭގެ ހާލަތަކީ އުފެދި ބޮޑުވަމުން އަންނަ ހާލަތެއް ކަމަށް ވިދާޅުވެ ދައުލަތުގެ ތަންފީޒީ އިދާރާތަކުން ވަރަށް ރަނގަޅަށް ސަމާލުވެ ބަލަން ތިބެން ޖެހޭ ކަމަށެވެ. އަދި ބޯހަރުކޮށް އިސްކޮށްފިނަމަ ހާލަތު ރަނގަޅު ނުވާނެ ކަމަށް ވިދާޅުވިއެވެ. ރައީސް ޔާމީންގެ ޓްވީޓްގައި ރަނގަޅު ގޮތް އިހުތިޔާރު ނުކޮށްފިނަމަ ނިކުންނާނެ ނަތީޖާއަކީ ނިކަމެތިވުން ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ހާލަތަކީ އުފެދި ބޮޑުވުމުގައި އޮތް ހާލަތެއް. ބޯހަރު ކަމުން އަޅުގަނޑުމެންގެ ހާލަތު ރަނގަޅެއް ނުވާނެ،"
ރައީސް ޔާމީންގެ މެސެޖްގައި ވަނީ ސަރުކާރު ހިންގާ މައި ޕާޓީއަށްވެސް ރައްދު ދެއްވާފައި. ވިދާޅުވީ އެމްޑީޕީން ދެކޭ ހުވަފެންތަކުގައި ކުލަޖެހުމުގެ ކުރިން އެ ހުވަފެންތައް ފެނަށް ވެގެން ގޮސްފައިވާ ކަމަށެވެ.
ރައްޔިތުންގެ ބާރު ރަނގަޅަށް ދެނެގަތުމަށް ރައީސް ޔާމީން ގޮވާލެއްވިއިރު ނުފޫޒާއި ބާރުގަދަ ވެރިކަމެއް އޮތް ލަންކާގައި އެ ގައުމުގެ ރައްޔިތުން ނިކުމެ ވެރީން ވަނީ "ސައިޒު" ކޮށްފައެވެ. ސަލާމަތީ ބާރުތަކަށްވެސް ހިފަހައްޓާ ނުލެވޭ ވަރުގެ ވަރުގަދަ ކަމެއް ރައްޔިތުން ނިކުމެ ވަނި ދައްކާލާފައެވެ. އިގްތިސާދީ ގޮތުން މުޅީން އިނދަޖެހި ކޮޅަށް ތެދުވެވޭނެ ކަމުގެ އުންމީދު ގެއްލުމުން ރުޅިގަދަވެފައި ތިބި ރައްޔިތުން ނިކުމެ ރައީސް ގޮތަބަޔާ އަދި ބޮޑުވަޒީރު ރަނިލް ގެ ގެކޮޅަށް ވަނީ ވަދެގެންފައެވެ. ރައީސްގެ އޮފީހަށްވެސް ވަދެގަތެވެ. އެ ތަންތަނުގައި ރައްޔިތުން އުޅެމުންދާތާ ދެ ދުވަސް ވަނީ ވެފައެވެ. ބަޔަކު ވަނީ ރަނިލްގެ އަމިއްލަފުޅު ގެކޮޅުގައި ހުޅުޖަހާ އަންދާލާފައެވެ.
ރައްޔިތުންގެ ރުޅިވެރިކަން ކޮޅުން ލުމުން ރައީސާއި ބޮޑުވަޒީރުވެސް ވަނީ މަގާމުން އިސްތިއުފާ ދެއްވަން އެއްބަސްވެވަޑައިގެންފައެވެ. އަދި އަންނަ ބުދަ ދުވަހު މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް ވެސް ރައީސް ގޮތަބަޔާ ވަނީ ވިދާޅުވެފައެވެ.