ޔުނައިޑެޓް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ކޮވިޑް-19 ގެ ވެކްސިން ޖަހައިގެން އައި ނަމަވެސް ކަރަންޓީނަށް ލުއި ދިނުމަށް އަދި ނިންމާފައި ނުވާ ކަމަށް ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.
ކޮވިޑް-19 އާ ގުޅިގެން ގިނަ ގައުމުތަކެއްގެ ބޯޑަރު އަދިވެސް ބަންދު ކޮށްފައިވާއިރު ވަރަށް މަދު ގައުމަކަށް ނޫނީ ދަތުރުކޮށް ނޫޅެވެއެވެ. އޭގެ ތެރެއިން އެއް ގައުމަކީ ޔޫއޭއީ އެވެ. ދިވެހިންގެ ގިނަ ބަޔަކު އެ ގައުމަށް މި ދުވަސްވަރު ޗުއްޓީ ހޭދަ ކުރަން ޔޫއޭއީއަށް ދަތުރު ކުރެއެވެ. އެ ގައުމުން މިހާރު ވަނީ ކޮވިޑްގެ ވެކްސިނެއް ހޯދާ ރައްޔިތުންނަށް ވެކްސިން ދެމުންނެވެ.
ޔޫއޭއީން އަންނަ މީހުން ވެކްސިން ޖަހައިގެން އަންނަނަމަ ކަރަންޓީނަށް ލުއި ދިނުމަށް ނިންމާފައިވޭތޯ ދެންނެވުމުން އެޗްއީއޯސީގެ ތަރުޖަމާން ޑރ. ފާތުމަތު ނަޒްލާ ރަފީގު ވިދާޅުވީ ވެކްސިން ޖަހައިގެން އަންނަ މީހުންނަށް ލުއި ދިނުމާމެދު އަދި ގޮތްތަކެއް ނިންމާފައިނުވާ ކަމަށާ އެކަމުގެ މަޝްވަރާ ކުރާ ކަމަށެވެ.
ވެކްސިން ޖަހައިގެން ދަތުރުކުރާ މީހުންނަށް ލުއި ދިނުމާ ގުޅޭގޮތުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ހާއްސަ ގައިޑްލައިނެއް އަދި ނެތެވެ.
ނަޒްލާ ވިދާޅުވީ ޔޫއޭއީގައި މިވަގުތު ޖަހަމުންދާ ވެކްސިނަކީ ޑަބްލިއުއެޗްއޯއިން ފާސް ކޮށްފައިވާ ވެކްސިނެއް ނޫން ކަމަަށާ އަދި އެ ވެކްސިނުން ލިބޭ ރައްކާތެރިކަން މުޅީން ޔަގީން ކުރެވިފައި ވެސް ނުވާ ކަމަށެވެ. އެހެން ކަމުން ކޮވިޑްގެ އެ ވެކްސިން ޖަހައިގެން އައި ނަމަވެސް ކަރަންޓީނަށް ލުއި ދިނުމަށް ނިންމާފައިނުވާ ކަމަށެވެ.
ޔޫއޭއީގައި ޖަހަމުންދަނީ ޗައިނާއިން ކޮވިޑް-19 އަށް ހޯދި ވެކްސިނެވެ. އެ ވެކްސިން މިހާރު ވަނީ ހުރިހާ މަރުހަލާތަކެއް ފުރިހަމަ ކޮށްފައެވެ. ޗައިނާގައި އެތައް މިލިއަން ބަޔަކަށް އެ ވެކްސިން ދީފައިވާއިރު ބައެއް ގައުމުތަކުން ދަނީ ޗައިނާއިން ވެކްސިން ގަނެ އެ ގައުމުގެ ރައްޔިތުންނަށް ވެކްސިން ދެމުންނެވެ.