އާ އަހަރުގެ ފުރަތަމަ ހަފުތާއާއެކު ޓީވީ ޝޯތައް ބަލާ މީހުންގެ ފޭވަރިޓް ޝޯތަކަށް ވެސް ބަދަލުތަކެއް ވަނީ އައިސްފަ އެވެ. އާ އަހަރެއް ފެށުމާއެކު ޓީވީ ސިލްސިލާތައް އުފައްދާ ގިނަ މީހުން ބެލީ އެ މީހުންގެ ޝޯތަކުގެ ވާހަކައަށް ބެލުންތެރިން ޝައުގުވެރިވާ ކަހަލަ އަދި ނޭވާ ހިފަހައްޓާލައިގެން އިންނަން ޖެހޭ ކަހަލަ ބޮޑެތި ބަދަލުތަކެއް ގެންނާށެވެ. މިގޮތަށް ގެނައި ބައެއް ބަދަލުތައް ބެލުންތެރިންނަށް ކަމުދިޔައިރު އަނެއް ބަޔަކު އެ ބަދަލުތަކުން ޝޯތަކެއް ފޫހިވާގޮތް ވިއެވެ.
ޓީވީ ޝޯތަކުގެ ކާމިޔާބީ މިނަން ގެންގުޅޭ މިންގަނޑަކީ ޓާގެޓް ރޭޓިން ޕޮއިންޓްސް (ޓީއާރްޕީ) އެވެ. މިއީ އެ ޝޯއެއް އަމާޒު ކުރާ އުމުރުފުރައެއްގެ ނިސްބަތުން ޝޯ ބަލާ މީހުންގެ ނިސްބަތް ކަނޑައަޅާ މިންގަނޑެކެވެ.
އަހަރުގެ ފުރަތަމަ ހަފުތާގައި އެންމެ ކާމިޔާބު ހޯދައި ޓީއާރުޕީގެ އެންމެ ކުރި ހޯދާފައި ވަނީ ސްޓާ ޕްލަސްގެ "އަނޫޕަމާ" އެވެ. މި ޝޯގައި އަނޫޕަމާގެ ރޯލު ކުޅެނީ ރުޕާލީ ގަންގޫލީ އެވެ. މި ޝޯ ގިނަ ބަޔަކަށް ކަމުދަނީ އަމިއްލަ ދިރިއުޅުމުގައި ދިމާވާ ކަހަލަ ހާދިސާތައް ވަރަށް ގަބޫލު ކުރެވޭ ގޮތަކަށް ޝޯގައި ދައްކާތީ އެވެ.
"އަނޫޕަމާ" އާ ޖެހިގެން ދެ ވަނައިގައި މިހާރު އޮތީ "އިމްލީ" އެވެ. ހަމަ ސްޓާ ޕްލަސް އިން ދައްކާ މި ސިލްސިލާގައި އިމްލީގެ ރޯލު އަދާކުރަނީ ސުމްބުލް ތައުގީރެވެ. މަޔޫރީ ދޭޝްމުކް މާލިނީގެ ރޯލު އަދާ ކުރާއިރު އަދިތުޔާ ކުމާރުގެ ރޯލު ކުޅެނީ ގަޝްމީރު މަހަޖާނީ އެވެ.
"އިމްލީ" އަކީ ރަށްފުށުގައި ދިރިއުޅޭ ޒުވާން އަންހެންކުއްޖެކެވެ. ނޫސްވެރިއަކާ އިމްލީގެ ކައިވެނި ގަދަކަމުން ކުރުވާއިރު އިމްލީގެ ފިރިމީހާ އުޅެނީ ސިޓީން ވެސް މީހަކާ ކައިވެނި ކޮށްގެންނެވެ.
"އަނޫޕަމާ" އާއި "އިމްލީ" އަކީ ވަރަށް ފަހުން ފެށި ޝޯ ތަކެކެވެ. އެތައް އަހަރަކުއްސުރެ ދައްކަމުން އަންނަ އަދި ޓީއާރުޕީ ޗާޓުގެ ކުރީގައި ރަނިކަން ކުރަމުން އައި ޝޯތަކުގެ ތެރެއިން "ކުންޑަލީ ބާގްޔާ" އާއި "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" މިހާރު ވަނީ ތަންކޮޅެއް ފަހަތަށް ސޮއްސާލާފަ އެވެ. ކުރީގެ އެއްވަނަ ދެ ވަނަ މަގާމުގައި އޮތް މި ޝޯތައް މިހާރު އުޅެނީ ތިން ވަނަ އަދި ހަތަރު ވަނައިގަ އެވެ.
ކުރިން ޓޮޕް 5 ގައި ހިމެނެމުން އައި "ތާރަކް މެހެތާ ކާ އުލްޓާ ޗަޝްމާ" އާއި "ނާގިން 5" އަށް މިފަހަރު ޓޮޕް 5 އިން ޖާގައެއް ނުލިބުނެވެ.
ސްޓާ ޕްލަސްގެ "އަނޫޕަމާ" އަށް އެއްވަނަ ލިބިފައިވަނީ 3.9 މިލިއަން އިމްޕްރެޝަންސް އާއެކުގަ އެވެ. މާނައަކީ ޓާގެޓް އޯޑިއަންސްގެ ތެރެއިން މިހާ މީހުން ޝޯ ބަލާފައި ވުމެވެ.
"އިމްލީ" އަށް ދެވަނަ ލިބިފައި ވަނީ 3.1 އިމްޕްރެޝަންސް އާއެކު އެވެ. ތިން ވަނައިގައި އޮތީ "ގުމް ހެ ކިސީ ކޭ ޕިޔާރް މޭ" އާއި "ކުންޑަލީ ބާގްޔާ" އެވެ. ދެ ޝޯގެ ވެސް ޓީއާރުޕީ އަކީ 2.9 އެވެ.
"ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" އޮތީ މިދިޔަ ހަފުތާގައި ހަތަރު ވަނައިގަ އެވެ. އެއީ 2.7 އިމްޕްރެޝަންސް އާއެކުގަ އެވެ. ބެލެވޭ ގޮތުގައި ޝޯގެ މުހިއްމު އެއް ކެރެކްޓާ ނައިރާ އަލުން އެހެން ނަމެއްގައި ޝޯއަށް އަނބުރާ ގެންނަން ޝޯ އުފައްދާ ފަރާތުން މިހާރުދަނީ މަސައްކަތް ކުރަމުންނެވެ. ސަބަބަކީ ނައިރާ ނެތުމުން ބެލުންތެރިން ޝޯ ބަލަން ހިތްހަމަނުޖެހިގެންނެވެ.
ފަސް ވަނައަށް އެންމެ ގިނަ މީހުން ބަލާ ޝޯއެއްގެ ގޮތުގައި މިހާރު އޮތީ އިންޑިއަން އައިޑޮލްގެ މިފަހަރުގެ ސީޒަނެވެ. ޝޯގެ ޖަޖުން ކަމަށްވާ ނެހާ ކައްކަރް އާއި ހިމޭޝް ރޭޝަމްޔާގެ މަޝްހޫރު ކަމާއި ޝޯގައި މިފަހަރު ބައިވެރިވެފައިވާ ލަވަކިޔުންތެރިންގެ މޮޅުކަމުން ދުވަހެއް ދުވަހަކަށް މި ޝޯގެ މަގްބޫލުކަން އިތުރުވަމުންދާކަން ފާހަގަ ކުރެވެ އެވެ.