"ޔޭ ރިޝްތާ ކިޔާ ކެހެލާ ތާހޭ" ގެ ފޭނުންނަށް ޝޯގެ އެންމެ މުހިއްމު އެއް ކެރެކްޓާ ކަމަށްވާ ނައިރާގެ ވަކިވުން ބަލައިގަންނަން އެހާ ފަސޭހައެއް ނުވި އެވެ. އެހެން ކަމުން ނައިރާގެ ރޯލު ކުޅުނު ޝިވާންގީ ޖޯޝީ އަނެއްކާ ވެސް މުޅިން އާ ރޯލަކުން މި ފިލްމަށް ތައާރަފު ކުރަން ޝޯ އުފައްދާ ފަރާތުން ދަނީ ތައްޔާރު ވަމުންނެވެ.
ޝޯއިން ނައިރާ ވަކިވެގެން ދިޔަތަން ފެނިފައި ޝޯގެ ފޭނުން އިންތިހާއަށް ހިތްހަމަނުޖެހިގެން ސޯޝަލް މީޑިއާގައި ވަރަށް ރުޅިގަނޑު ބާލާފައި ވެއެވެ. އެހެންކަމުން ޝިވާންގީ އަނެއްކާ ވެސް ޝޯގައި ބައިވެރި ކުރަން ނިންމީ އެވެ.
ކާރްތިކް އާއި ނައިރާގެ ވާހަކައަށް މިހާރު ނިމުން އައިސްފައިވީ ނަމަވެސް ކައިރާ (ކާރްތިކް އާއި ނައިރާގެ ޖޯޑަށް ފޭނުން ލޯބިން ކިޔާ ނަން) ފޭނުންނަށް ހިތްހަމަޖެހުމުގެ ނޭވާއެއް އަނެއްކާވެސް ލެވިދާނެ އެވެ. ސަބަބަކީ ކާރްތިކްގެ ހަޔާތަށް ނާއިރާ އެނބުރި އަންނާތީ އެވެ. ނަމަވެސް މިފަހަރު މުޅިން އާ މީހެއްގެ ގޮތުގަ އެވެ. އަދި މިފަހަރު ޝިވާންގީ މި ޝޯގައި ކުޅެނީ ބޮކްސިން ތަޅާ މީހެއްގެ ރޯލެވެ.
"ޔޭ ރިޝްތާ"ގެ ފަހުގެ އެޕިސޯޑުތަކުގައި ދައްކާފައިވަނީ ފަރުބަދައެއްގެ މަތިން ނައިރާ ވެއްޓޭ ތަނެވެ. ނައިރާ ވެއްޓުމުން ކާރްތިކް ވެސް އަމިއްލައަށް މަރުވާން ވިސްނަ އެވެ. މިފަދަ ގޮތަކަށް ނައިރާގެ ކެރެކްޓާ ޝޯ އިން ވަކިވެގެން ދާކަށް ޝޯގެ ފޭނުން ހިތްހަމައެއް ނުޖެހުނެވެ. އެހެންވެ ނައިރާ އަނެއްކާވެސް އެނބުރި އަންނާނެ ގޮތަކަށް ޝޯގެ ވާހަކަ މިހާރު ވަނީ ބަދަލުކޮށްފައި ކަމަށް ޚަބަރުތައް ބުނެއެވެ.
މިހާރު ހަމަޖެހިފައިވާ ގޮތުން ފަރުބަދަ މަތިން ވެއްޓުނަސް ނައިރާ މަރުނުވެ ސަލާމަތް ވެ އެވެ. އޭނާ ސަލާމަތްކުރަނީ ނުދަންނަ ބަޔަކު އެވެ. އެމީހުން އޭނާ ގެންގޮސް ފަރުވާ ދީގެން ރަނގަޅުކުރެ އެވެ. އަދި ނައިރާ ދެން މި ޝޯގައި ފެންނަނީ މުޅިން އާ ނަމެއްގައި އާ އަންހެންކުއްޖެއްގެ ގޮތުގަ އެވެ. ޝޯގައި ނައިރާއަށް ކިޔާ އާ ނަމެއް އަދި ހާމައެއް ނުކުރެ އެވެ. ނަމަވެސް އޭނާ ވާނީ ޕްރޮފެޝަނަލް ބޮކްސާ އަކަށް ކަމަށް ވެއެވެ.
ބޮކްސާއެއްގެ ރޯލަށް ފިޓްވުމަށްޓަކައި ޝިވާންގީ މިހާރު ޕްރެކްޓިސް ފަށާފައިވާ ކަމަށް ޚަބަރުތައް ބުނެ އެވެ.
ކާރްތިކް އާއި ގޮއެންކާ އާއިލާއިން ނައިރާ މަރުވީކަމަށް ނިންމައި އޭނާގެ ޖަނާޒާގެ ކަންތައްތައް ފުރިހަމަކުރަން އުޅޭތަން ވެސް ޝޯގައި ފެންނާނެ އެވެ.
މީގެ ކުރިން ޝިވާންގީ ޝެއާ ކުރި ވީޑިއޯއެއްގައި އޭނާ ބުނެފައިވަނީ ނައިރާގެ ކެރެކްޓާ މަރުވާތަން ޝޯގައި ވަރަށް އަވަހަށް ދައްކާނެ ކަމަށެވެ. އަދި މި ޝޯ އުފައްދާ ފަރާތުން މިހާރު ބޭނުންވަނީ ނައިރާގެ ކެރެކްޓާ އަށް ނިމުމެއް ގެންނަން ކަމަށް ވެސް ޝިވާންގީ ބުނެފައި ވެއެވެ. ނަމަވެސް މީގެ މާނައަކީ ޝިވާންގީ ޝޯ އާ ވަކިވުމެއް ނޫނެވެ. އަދިވެސް ޝިވާންގީ އާއި މުހްސިން އެމީހުންގެ ފޭނުންގެ މުނިފޫހިފިލުވައިދިނުމުގައި މިޝޯގައި ދެމިތިބޭނެ އެވެ.