ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް

މިދިޔަ ސީޒަންގެ ހާލަތު ތަކުރާރުވިޔަ ނުދޭނަން: އިންމަ

މިދިޔަ ސީޒަންގައި، ދަ ގުރާންޑޭ އަށް ކުރިމަތިވި ހާލަތު މި ސީޒަންގައި ތަކުރާރު ވިޔަ ނުދޭނެ ކަމަށް އެ ޓީމުގެ ކޯޗް އިސްމާއީލް މަހްފޫޒް (އިންމަ) ބުނެފި އެވެ.

މިދިޔަ ސީޒަންގެ ފުރަތަމަ ހަތަރު މެޗުން މޮޅުވެ ދެން ޖެހިގެން އައި މެޗުތަކުން ނަތީޖާ ނުނެރެވި އަޑި އަޅާލައިގެން ދިޔަ އެވެ. މި ސީޒަންގައި ވެސް ފުރަތަމަ ހަތަރު މެޗުގައި އެ ޓީމުގެ ނަތީޖާތައް ރަނގަޅެވެ. މެޗުގައި ދައްކާ ކުޅުން ވެސް ރަނގަޅެވެ. ލީގްގެ ފަސް ވަނަ މެޗުގައި މިދިޔަ ހަފުތާގައި ގުރީން ސްޓްރީޓްސް އަތުން ބަލިވީ އެވެ. އެއީ މިފަހަރުގެ ލީގްގައި ދަ ގުރާންޑޭގެ ފުރަތަމަ ބައްޔެވެ.

މިއަދު އިންމަގެ ޓީމު ނުކުންނާނީ، ކުލަބު ވެލެންސިއާ އާ ދެކޮޅަށެވެ. ކުރީ މެޗުން ބަލި ވިޔަސް ޓީމު އިތުރަށް އަޑިގަނޑަކަށް ނުވެއްޓޭނެ ކަމުގެ ޔަގީންކަން އިންމަ އަށް އެބައޮތެވެ. އެއީ އެންމެ ފަހުން ގުރީން ސްޓްރީޓްސް އަތުން ބަލިވި ނަމަވެސް، އެ މެޗުގައި ޓީމުން ފެނުނު ޕާފޯމަންސްގެ ސަބަބުންނެވެ.

"އަޅުގަނޑު ވެސް އެންމެ ކަންބޮޑުވި ކަމަކީ ރަނގަޅު ޕާފޯމަންސެއް އެންމެ ފަހުން މެޗުގައި ކޮށްފަ އަޅުގަނޑުމެންނަށް ނަތީޖާ ނުނެރެވި ދިއުން އޭގެ ސަބަބުން އަޅުގަނޑުމެންގެ ޓީމަށް ކޮށްފާނެ އަސަރެއް، އެކަމް ވަރަށް ބޮޑަށް އަޅުގަނޑުގެ ކޮންސާނަކަށްވި،" އިންމަ ވާހަކަ ދެއްކި އެވެ. "އެހެން ނަމަވެސް ވޭތުވެދިޔަ ދެ ދުވަހެއްގެ ތެރޭގައި ވެސް އަޅުގަނޑުމެންގެ ޓީމުގެ ޕްލޭޔަރުންގެ ފަރާތުން މާޔޫސްވެ އެކަހަލަ އެއްވެސް ކަމެއް ފެނިފައެއް ނެތް. އެހެންވީމަ ހަމަ އުންމީދުގައި ތިބީ ހުރިހާ ކުޅުންތެރިން ވެސް އެކައްޗެއް ކިޔައިގެން މެޗުގައި ރަނގަޅު ނަތީޖާއެއް ނެރުން."

"މެޗަކުން އަޅުގަނޑުމެން ޕޮއިންޓް ގެއްލުމުން ބައެއް ފަހަރުތަކުގައި ދިމާވޭ ދެން އަންނަ މެޗުތަކުގައިވެސް ނަތީޖާތައް ގޯސްވުން. އެހެން ނަމަވެސް އަޅުގަނޑުމެން ޓީމުގައި ޕްލޭއަރުންގެ މޯޓިވޭޝަނަށް އަދި އެ ކުޅުންތެރިންގެ ހިތްވަރަކަށް ބަދަލެއް ނާދޭ. ސަބަބުތަކެއް ވެސް އެބަހުރި، އަޅުގަނޑުމެންގެ ޓީމަށް ރަނގަޅަށް ނުކުޅެވިގެނެއް ނޫން. އަޅުގަނޑުމެން ޓީމު ހުސް އަތާ ފައިބަން ޖެހުނީކީއެއް. ޓީމު ރަނގަޅު ޕާފޯމަންސެއް ކުރި. އިރާދަކުރެއްވިއްޔާ މި ވޯކިން ރޭޓާއި މި މޯޓިވޭޝަނާއި މި ވިނިން މެންޓަލިޓީ މުޅި ސީޒަންގައި ދެމެހެއްޓޭތޯ އަޅުުގަނޑުމެން ވަރަށް މަސައްކަތް ކުރާނަން."

ގުރާންޑޭގެ ފޯވަޑްލައިންގައި އެންމެ މުހިންމު ދައުރެއް އަދާ ކުރަމުން ދަނީ އަޔާޒު އަހްމަދު (އަޔާ) އެވެ. މާޒިޔާގެ މެޗުގައި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނުކުމެ އަޔާ ވަނީ ގުރާންޑޭއަށް މެޗުން ޕޮއިންޓެއް ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާ ކޮށްފަ އެވެ. ގުރީން އާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާ އަށް ފުރުސަތު ދިނީ ފުރަތަމަ 11 އިންނެވެ. ގުރީންގެ ކުޅުންތެރިންގެ ފަރާތުން އޭނާ އަށް ގިނަ ފައުލުތަކެއް ކުރި އެވެ.

އިންމަ ބުނީ، އަޔާއަށް ޓާގެޓް ކޮށްގެން އިދިކޮޅު ޓީމުގެ ކުޅުންތެރިން ގިނަ ފައުލުތަކެއް ކުރާނެކަން އޭނާ ބުނެދީފައި ވާނެ ކަމަށެވެ. އަދި އެކަމަށް އަޔާވެސް ސަމާލު ވުމުގެ މުހިންމުކަން ފާހަގަ ކޮށްފައިވާނެކަން އިންމަ ބުންޏެވެ.

މާޒިޔާ އާ ޕޮއިންޓްގެ ގޮތުން ހަމަހަމަ ކުރުމަށް، މެޗުން މޮޅުވުން ނޫން ގޮތެއް ވެލެންސިއާ އަށް ނެތެވެ. މާޒިޔާ އެއް ވަނައިގައި އޮތީ ތިން ޕޮއިންޓްގެ ލީޑަކާ އެކު އެވެ.