ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މާދަމާ ބާއްވާ ގޮތަށް ޝެޑިއުލްކޮށްފި އެވެ.
މަޖިލީހުގެ އިދާރާއިން ބުނީ މާދަމާ ހެނދުނު މަޖިލީހުގެ ޖަލްސާއެއް ބާއްވާނެ ކަމަށެވެ. އެހެން ނަމަވެސް އަދި އެޖެންޑާ ފައިނަލް ނުވާ ކަމަށް މަޖިލީހުން ބުންޏެވެ.
މަޖިލީހުގެ ޖަލްސާތައް މިދިޔަ ހަފްތާ ބާއްވާފައެއް ނުވެ އެވެ. ޖަލްސާތައް މެދުކަނޑާލާފައި ވަނީ ރައީސް އަވަހާރަކޮށްލަން ދިން ހަމަލާއަށް ފަހު ހަފްތާއެއް ވަންދެން ޖަލްސާ ބޭއްވުމަށް ފަހުގަ އެވެ.
އެނގިފައިވާ ގޮތުގައި ޖަލްސާތައް މެދުކަނޑާލީ ކޮމިޓީތަކުގައި ގިނަ މަސައްކަތްތަކެއް ހުރުމުން އެ މަސައްކަތްތައް ނިންމުމަށް ވަގުތު ދިނުމުގެ ގޮތުންނެވެ. މަޖިލިސް ޖަލްސާތައް މެދުކަނޑާލި އިރު ރައީސްގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއް މަޖިލީހަށް ވެއްދުމަށް މަސައްކަތް ކުރާ ކަމުގެ އަޑުތައް އޮތީ ފެތުރިފަ އެވެ. އެ މުއްދަތުގައި ވެސް މަޖިލީހުގެ ކޮމިޓީތައް އައީ ބާއްވަމުންނެވެ.
އެގޮތުން ޓެރަރިޒަމް ހުއްޓުވުމުގެ ބިލާއި އިންޓަގްރިޓީ ކޮމިޝަންގެ މެންބަރުންގެ މުސާރަ މަޖިލީހުން ކަނޑައަޅާފައިވެ އެވެ.