ދުނިޔެ

އިރާގު ހަނގުރާމާގައި ގޯސް ހެދުނު އައިއެސް އުފެދުނީ އެހެންވެ: ބްލެއާ

ލަންޑަން (ބީބީސީ) - އިރާގު ހަނގުރާމައިގާ ހެދުނު ގޯސްތަކަށް މާފަށް އެދޭ ކަމަށާއި، އައިއެސް އުފެދުނީ އެ ހަނގުރާމައިގެ ސަބަބުން ކަމަށް ބުނާ ވާހަކައިގާ ހަގީގަތް އެކުލެވޭ ކަމަށް އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ޓޯނީ ބްލެއާ ވިދާޅުވެއްޖެއެވެ.

ސީއެންއެން އަސް ދެއްވި އިންޓަވިއުއެއްގައި ބްލެއާ ވިދާޅުވީ އިރާގަށް އަރައި ސައްދާމް ހުސެންގެ ވެރިކަން ނިމުމަކަށް ގެނައި ފަރާތްތަކުން މިއަދު އިރާގަށް ކުރިމަތި ވެފައިވާ މައްސަލަތަކުގެ ޒިންމާ ކޮންމެވެސް ވަރަކަށް ނަގަން ޖެހޭ ކަމަށެވެ.

ޓޯނީ ބްލެއާ ގެ ވާހަކަ ފުޅުގައި ވަނީ އަނެއްކާވެސް އެ ހަނގުރާމަ ދިފާއު ކުރައްވާ މޭރުމުން ވެސް ވާހަކަ ދައްކަވާފައެވެ. ބްލެއާ ވިދާޅުވީ ސައްދާމުގެ ވެރިކަން ނިމުމަކަށް ގެނައުމަށް ކުރެވުނު މަސައްކަތާމެދު މާފަށް އެދެން ދަތި ކަމަށާއި، އެކަން އެގޮތަށް ނުކުރި ނަމަ މިހާރު ސީރިއާއަށް ކުރިމަތިވެފައިވާ ހާލަތު އިރާގަށް ކުރިމަތި ވުމުގެ ފުރުސަތު އޮތް ކަމަށެވެ.

ބްލެއާ އިތުރަށް ވިދާޅުވީ އޭނާ އިރާގުގެ މައްސަލައިގާ އޭރު ގެންގުޅުއްވި ސިޔާސަތު ކާމިޔާބު ނުވި ނަމަވެސް އޭނާގެ ދައުރަށް ފަހު އިނގިރޭސި ވިލާތުން ގެންގުޅުނު ސިޔާސަތު ވެސް ވަކި ކާމިޔާބު ވެފައި ނުވާ ކަމަށެވެ. އަދި މިހާރު ސީރިޔާގެ ދާހިލީ ހަނގުރާމައިގާ ޔޫރަޕުން ގެންގުޅޭ ސިޔާސަތު ވެސް ކަމު ނުދާ ކަމަށެވެ.

ބްލެއާ ވިދާޅުވީ އިރާގަށް އެރުމުގައި އަސާސަކަށް ބެލި އިންޓެލިޖެންސް ރިޕޯޓްތައް ކަމުނުދާ ކަމަށާއި އަދި ހަނގުރާމަ ރޭވުނު ގޮތާއި، ހަނގުރާމައަށް ފަހު އިރާގަށް ވާނެ ގޮތް ލަފާ ކުރުމުގައި ވެސް ގޯސްތަކެއް ހެދުނު ކަމަށެވެ.

ނިއުކްލިއާ ހަތިޔާރު ހުރި ކަމަށް ބުނެ އެމެރިކާއިން އިރާގަށް އެރައި ސައްދާމް ހުސެންގެ ވެރިކަން ނިމުމަކަށް ގެނަސް އޭނާ އަވަހާރަ ކޮށްލި ހަނގުރާމައިގާ އެމެރިކާގެ އެންމެ ބޮޑު އެކުވެރިޔަކީ އިނގިރޭސިވިލާތެވެ. އޭރު އެމެރިކާގެ ރައީސަކަށް ޖޯޖް ޑަބްލިއު ބުޝް ހުންނެވި އިރު، އިނގިރޭސިވިލާތުގެ ބޮޑުވަޒީރަކަށް ހުންނެވީ ޓޯނީ ބްލެއާއެވެ.