އެމެރިކާ ސިފައިން އަފްޣާނިސްތާން ދޫކޮށް ފާބައިގެން ދިއުމަކީ މޮޔަ ކަމެއް ކަމަށް އިނިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ޓޮނީ ބްލެއާ ވިދާޅުވެއްޖެ އެވެ. އޭނާ ވިދާޅުވީ އަފްޣާނުން އެމެރިކާއާ ނޭޓޯ ފޭބުމުން މިހާރު ފެންނަނީ ހިތާމަވެރި މަންޒަރުތަކެއް ކަމަށާއި އެކަން ކުރަން ޝައުގުވެރިވި ބައެއްގެ ބުއްދީގައި ކަމެއް ހުރިތޯ ބަލަން ޖެހޭ ކަމަށެވެ.
ޓޮނީ ބްލެއާ ވިދާޅުވި ގޮތުން އެމެރިކާއިން އެ ކުރަނީ އެމީހުންނަށް ވެސް ރަނގަޅު ކަމެއް ނޫނެވެ. އަދި އެއީ ދުނިޔޭގެ އެއްވެސް ބަޔަކަށް ރަނގަޅު ކަމެއް ނޫނެވެ. އޭނާ ވިދާޅުވީ މުޅި އަފްޣާން ގިރުވާލާފައި ދޫކޮށްލުމުން ހަމައަކަށް އެޅޭނެ ޒަމާނެއް ވެސް އެނގިވަޑައި ނުގަންނަވާ ކަމަށެވެ.
އަފްޣާނިސްތާނަށް އެމެރިކާ ސިފައިން އެރިއިރު، އިނގިރޭސި ބޮޑުވަޒީރަކީ ޓޮނީ ބްލެއާ އެވެ. އަދި 2003 ގައި އެމެރިކާއާ ގުޅިފައި އޮތް ބާރުތަކުން އީރާގަށް އެރިއިރު ވެސް ބޮޑުވޒީރަކީ ބްލެއާ އެވެ. އޭނާ ވިދާޅުވީ ދުނިޔޭގައި ހަމައެއް ލަމައެއް ނެތި ބަޔަކު ހިންގާ ކަންތައްގަނޑެއްގެ ސަބަބުން އިނގިރޭސިވިލާތަށް އޮންނަ އިހުތިރާމް ގެއްލި ދެނަވަ ޑިވިޒަނަށް ވެއްޓިދާނެ އެވެ.
"އަފްޣާނުން ސިފައިން ބޭލުމަކީ އަޅުގަނޑުމެންގެ ޝައުގުވެރި ކަމުގައި ކުރި ކަމެއް ނޫން،" ބްލެއާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އަފްޣާނަށް ސިފައި ފޮނުވީ އެންމެން އެކައްޗެއް ކިޔާފައި ކަމަށާއި އެމެރިކާއިން ގޯސް ހަދައިފި ކަމަށެވެ.
ޓޮނީ ބްލެއާ ވިދާޅުވީ އެމެރިކާއަށް ގޯހެއް ހެދިއްޖެކަން ގަބޫލު ކުރެވޭނީ ރަޝިއާ އާއި ޗައިނާ އަދި އީރާނުން އަފްޣާނަށް ފެތުރިގަނެ ފައިދާ ނަގަން ފެށުމުން ކަމަށެވެ. ޖޯ ބައިޑަން އަށް ސީދާ ނުވާ ގޮތަށް ބްލެއާ ވިދާޅުވީ މިއީ މަޝްވަރާ ކުރެވިގެން ކުރެވެން ޖެހޭ ކަމެއް ކަމަށެވެ.
ޓޮނީ ބްލެއާ ވިދާޅުވި ގޮތުން އެމެރިކާގެ ބާރު ދަނީ ދަށްވަމުންނެވެ. ގައުމުތަކާއެކު ގެންގުޅެން ޖެހޭ ޕޮލިސީއެއް އެމީހުންނަށް މިހާރު ނޭނގޭ ކަމަށް ވެސް ބްލެއާ ވިދާޅުވި އެވެ.