ދުނިޔެ

އަފްޣާންގައި ސިފައިން އަދި މަޑުކުރަން ފެނޭ: ބޮރިސް

އަފްޣާންގެ ވެރިރަށް ކާބުލްގައި އެމެރިކާ ސިފައިން އަދި މަޑުކުރަން ފެނިވަޑައިގަންނަވާ ކަމަށް އިނގިރޭސި ބޮޑުވަޒީރު، ބޮރިސް ޖޯންސަން ވިދާޅު ވެއްޖެ އެވެ. ބޮރިސް ވިދާޅުވީ އެމެރިކާގެ ރައިސް، ޖޯ ބައިޑަން އަށް ދަންނަވައިގެން ނަމަވެސް އަފްޣާނުން ސިފައިން ބޭލުން މަޑުޖައްސާލެވޭތޯ ބައްލަވާނެ ކަމަށެވެ.

އެމެރިކާއިން ކަޑައަޅާފައި އޮތީ މި މަހުގެ ނިޔަލަށް އަފްޣާނުން ސިފައިން ހުސް ކުރާ ގޮތަށެވެ. އެހެން ނަމަވެސް ބޮރިސް ވިދާޅުވީ މަޝްރަހު މިހާރު އޮތީ ކުރިން ހީކުރެވުނު ގޮތަށް ނޫން ކަމަށާއި ސިފައިން މުޅިން ހުސްކޮށްފި ނަމަ ހާލަތު އަދި ވެސް ވާނީ ގޯސް ކަމަށެވެ.

ސްކައި ނިއުސް އިން ބުނާ ގޮތުން ބޮރިސްއާ ބައިޑަން މިކަމާ ގުޅޭ ގޮތުން މިއަދުގެ ވަގުތެއްގައި މަޝްވަރާ ކުރައްވާނެ އެވެ.

ބައިޑަން ކުރިން ވިދާޅުވެފައި އޮތީ އޯގަސްޓް 31 އަށް ފަހު ވެސް އަފްޣާންގައި ސިފައިން ތިބެން ޖެހިދާނެ ކަމަށާއި ދެން ހަދާނެ ގޮތަކާ މެދު މަޝްވަރާ ކުރެވެމުން އަންނަ ކަމަށެވެ. ބައިޑަން މިހެން ވިދާޅުވި ނަމަވެސް މައިގަނޑު ވިސްނުމަކީ ކުރިން ކަނޑައެޅި ތާރީޚަށް ސިފައިން ބޭލުން ކަމަށް ޕެންޓަގަނުން ބުނެ އެވެ.

އަފްޣާންގެ ހާލަތާ ގުޅިގެން މިއަދު އޮންނަ ޖީ7 ގެ އެމެޖެންސީ ސެޝަންގައި އަފްޣާންއާ މެދު ގޮތެއް ނިންމާނެ އެވެ. އަފްޣާނާ މެދު ބައިނަލްއަގްވާމީ ޖަމާއަތްތަކުން ކަންކުރާނެ ގޮތް ކަނޑައަޅާނެ އެވެ.

އަފްޣާންގައި ތިބި އެމެރިކާ ސިފައިން އޯގަސްޓް 31 ގެ ކުރިން ބާލަން ނިންމާފައި އޮތް ނަމަވެސް އިނގިރޭސިވިލާތުގެ ސިފައިން މުޅިން ބޭލުމަށް ވަކި ތާރީހެއް ނެތެވެ. އެހެން ނަމަވެސް އެމެރިކާ ސިފައިންނާ ނުލައި ކާބުލްގެެ ރައްކާތެރިކަން ދެމެހެއްޓުމަކީ އިނގިރޭސި ސިފައިންނަށް ކުރެވޭނެ ކަމެއް ނޫނެވެ. އެެހެން ކަމުން އެމެރިކާއިން ވިސްނާފައި އޮތް ގޮތަށް ސިފައިން ބާލާ ނަމަ އިނގިރޭސި ސިފައިން ވެސް ފައިބައިގެން ދާނެ އެވެ.

އިނގިރޭސިވިލާތުން ބުނީ ކާބުލްގެ އެއާޕޯޓްގައި މިހާރު ވެސް އެގައުމުގެ 1،000 ސިފައިން އެބަތިބި ކަމަށާއި މަސައްކަތްތައް އަވަސް ކުރުމަށް އަވަށްޓެރި ގައުމުތަކާ ވެސް ވާހަކަދައްކާނެ ކަމަށެވެ.