ދުނިޔެ

ތާލިބާން ސަރުކާރެއް ބަލައިނުގަނެވޭނެ: އިޓަލީ

އިޓަލީގެ ފޮރިން މިނިސްޓަރު ލުއިޖީ ޑިމާޔޯ ވިދާޅުވާ ގޮތުގައި ތާލިބާނުން ވެރިކަންކުރާ ގޮތަށް އަފްޣާންގައި އެކުލަވާލާ ސަރުކާރެއް ބަލައިގަތުން އިޓަލީއަށް ފަސޭހައެއް ނުވާނެ އެވެ. އަދި ބައިނަލްއަގުވާމީ މުޖުތަމައުން ވެސް ޝަރުތުތަކަކާ ނުލައި ތާލިބާނުންގެ ސަރުކާރެއް ބަލައިނުގަންނާނެ އެވެ.

ޑިމާޔޯ ވިދާޅުވީ ތާލިބާނުންގެ ސަރުކާރެއް ބަލައިނުގަތެއް ކަމަކު ތާލިބާނުންނާ މަޝްރާ ކުރަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ. އޭނާ ވިދާޅުވީ އަފްޣާންގެ ހުރިހާ ގަބީލާ ޖަމާއަތްތައް ހިމަނޭ ގޮތުން އެކުލަވާލާ ސަރުކާރެއް ބަލައިގަތުން ފަސޭހަ ވާނެ ކަމަށެވެ.

ދުނިޔޭގެ ގިނަ ގައުމުތަކުން ވެސް ބުނަމުން ގެންދަނީ ދާދި އެއްވާހަކަ އެވެ. ތާލިބާނުންނަށް އެންމެ ކަމުދާ ޗައިނާއާ ރަޝިއާ އަދި ޕާކިސްތާނުން ވެސް ބުނަނީ އެއް ވާހަކަ އެކެވެ.

އަފްޣާންގައި ދާޚިލީ ހަނގުރާމައެއް / ހަމަނުޖެހުންތަކެއް އުފެދެން ތާލިބާނުން މަގުފަހި ކޮށްގެން ނުވާނެ ކަމަށާއި އެނޫން ގޮތެއްގައި ތާލިބާނުންނަށް ރުހޭނެ ކަމަށް ގައުމުތަކުން ބުނެ އެވެ.

އަފްޣާނަނީ ޓެރަރިސްޓުންގެ ހާއްޔަކަށް ވެގެން ނުވާނެ ކަމަށް އިނިގިރޭސި ފޮރިން ސެކްރެޓަރީ ޑޮމިނިކް ރާބް ވެސް އޮތީ ވިދާޅުވެފަ އެވެ. އިނގިރޭސި ސަރުކާރު ވެސް އޮތީ ތާލިބާނުންގެ ވެރިކަމެއް ބަލައިގަންނަ ގޮތަކަށް ނޫނެވެ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން ވިދާޅުވީ އަފްޣާންގައި އިންސާނީ ހައްގުތައް ކަށަވަރުކޮށްދޭ ނަމަ ގުޅުން ދަމަހައްޓާނެ ކަމަށާއި އެހީތެރި ވެސް ވާނެ ކަމަށެވެ. އެހެން ނަމަވެސް ޓެރަރިޒަމަށް މަގުފަހިވާ ގޮތަށް ތާލިބާނުން ގައުމު ހިންގާ ނަމަ އެމެރިކާއިން އަފްޣާނަށް ވަންނާނެ ކަމަށެވެ.