ދުނިޔެ

އެމެރިކާ އެމްބަސީ ކާބުލްއިން ދޯހާއަށް

އަފްޣާނިސްތާންގެ ކާބުލްގައި ހުރި އެމެރިކާގެ ޑިޕްލޮމެޓިކް އޮފީސްތައް ގަތަރުގެ ދޯހާއަށް ބަދަލުކޮށް ނިމިއްޖެ ކަމަށް ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން ވިދާޅުވެއްޖެ އެވެ.

ބްލިންކެން ވިދާޅުވި އަފްޣާނު ބިމުން އެމެރިކާ ސިފައިން ފޭބުމަކީ ޗެޕްޓަރެއް ނިމުން ކަމަށާއި އަފްޣާން – އެމެރިކާ ޗެޕްޓަރުތައް އަދި އޮތީ ކަމަށެވެ.

ބްލިންކެން ވިދާޅުވި ގޮތުން އަފްޣާންގައި 20 އަހަރު ހޭދަކުރުމަށް ފަހު އެމެރިކާ ސިފައިން އެގައުމުން ފައިބަން ނިންމި ނިންމުމަކީ ޑިޕްލޮމެޓިކް އެއްބަސްވުމެއް ތަންފީޒުކުރަން ކުރެއްވި ކަމެކެވެ. އެއީ އެސަރަހައްދުގައި އޮތް ނުރައްކާތެރިކަން ނައްތާލެވިގެން ކުރެއްވި ކަމެއް ނޫނެވެ.

އަފްޣާންގައި އެމެރިކާއިން ޑިޕްލޮމެޓިކް އޮފީހެއް ދެން ނުހިންގާނެ ކަމަށާއި އޮފީހެއް ހުޅުވަން ޖެހުނަސް ވަޑައިގަންނަވާނީ އެމެރިކާގެ ކޮންގްރެސްގެ ތެރެއިން ކަމަށް ސެކްރެޓަރީ އޮފް ސްޓޭޓް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެމެރިކާ ސިފައިން ދެން މަސައްކަތްކުރާނީ ގަތަރުގައި ކަމާށާއި މެދުއިރުމައްޗަށް ޚާއްސަ ވަފުދުތައް ދޯހާގައި ތިބުމާ ގުޅޭ ގޮތުން ކޮންގްރެސްގެ ލަފަޔަށް އެދިވަޑައިގަންނަވާނެ ކަމަށެވެ.

ބްލިންކެން ވިދާޅުވީ 123،000 މީހުން އަފްޣާނުން ބޭރުކުރެވިއްޖެ ކަމަށާއި 6،000 ސިފައިން ވެސް އޭގެ ތެރޭގައި ހިމެނޭ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުން އަފްޣާނުން މީހުން ބޭލުމަށް އެމެރިކާއިން ކުރީ ބުރަ މަސައްކަތްތަކެވެ. އެޒާތުގެ މަސައްކަތްތަކެއް ދުވަހަކު ވެސް އެމެރިކާ ސިފައިން ނުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

އަފްޣާނުން އެމެރިކާ ސިފައިން ބޭލުން ރަސްމީކޮށް މިހާރު އޮތީ ނިންމާފަ އެވެ. އެމެރިކާގެ ކިބައިން އަފްޣާނަށް މިނިވަންކަން ލިބިއްޖެ ކަމަށް ބުނެ ތާލިބާނުން ވަނީ މިނިވަންކަން ފާހަގަކޮށް އުފާކޮށްފަ އެވެ.