ދުނިޔެ

"ހައްޔަރުކުރަންވީ ޕޫޓިންއެއް ނޫން، ޓޯނީ ބްލެއާ"

ދެކުނު އެފްރިކާގައި ވެރިކަންކުރާ އެފްރިކަން ނެޝަނަލް ކޮންގްރެސް (އޭއެންސީ)ގެ ސެކްރެޓަރީ ޖެނެރަލް އެކިލޭ އެމްބަލޫލާ ބީބީސީގެ ހާޑްޓޯކްގައި ނޫސްވެރިޔާ ސްޓީވަން ސަކޫރާ އެކު ޒުވާބެއްގައި ބައިވެރިވެ ވަޑައިގެންފި އެވެ.

ބީބީސީއަށް ދެއްވި އިންޓަވިއުއެއްގައި ނޫސްވެރިޔާ އެދެނީ ދެކުނު އެފްރިކާގައި ބޭއްވުމަށް ހަމަޖެހިފައި އޮތް "ބްރިކްސް" ސަމިޓްގައި ބައިވެރިވެ ވަޑައިގަތުމަށް ރަޝިއާގެ ރައީސް، ލަޑިމިއާ ޕޫޓިން އެ ގައުމަށް ވަޑައިގަތުމުން ހައްޔަރު ކުރުމަށެވެ. އެއީ ސްޓީވަން ސަކޫރާ ދެކޭ ގޮތުގައި ދުނިޔޭގެ ޖިނާއީ ކޯޓް -- ދެކުނު އެފްރިކާއިން އިންޓަނޭޝަނަލް ކްރިމިނަލް ކޯޓަށް އެއްބާރުލުން ދިނުމަށް ކުރެވިދާނެ ކަމެކެވެ.

އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުން މިދާކަށް ދުވަހު ވަނީ ޕޫޓިން ހައްޔަރުކުރުމަށް އަމުރެއް ނެރެފަ އެވެ. ސަބަބަކީ ޕޫޓިން އަކީ ޔުކްރޭން ހަނގުރާމާގައި ޖިނާއީ ކުށްވެރިއެއް ކަމަށް އެ ކޯޓަށް ގަބޫލުކުރެވޭތީ އެވެ.

އެކިލޭ އެމްބަލޫލާ ވިދާޅުވީ އިރާގު ހަނގުރާމައިގައި ޖަރީމާތައް ހިންގި މުޖުރިމުން ކޮބައިތޯ އެވެ. ޕޫޓިން ހައްޔަރުކުރަން ގޮވާއިރު ޓޯނީ ބްލެއާ ކޮބައިތޯ އެވެ. އީރާގުގެ އާންމުން ކަތިލައި މުޅި ގައުމު ޚަރާބުކުރުމުގައި ޓޯނީ ބްލެއާ ކުށްވެރި ނުވަނީތޯ އެވެ. ޓޯނީ ބްލެއާ އަކީ އީރާގު ހަނގުރާމަ ހިންގި ދުވަސްވަރު އިނގިރޭސި ބޮޑުވަޒީރެވެ.

އޭނާގެ ގައުމަށް ހުޅަނގުން ކުރަމުން ގެންދާ ޕްރެޝަރުގައި ޖެހިވަޑައި ނުގަންނަވާނެ ކަމަށް އެމްބަލޫލާ ވިދާޅުވި އެވެ. އީރާގާއި އަފްޣާނިސްތާންގައި ޖަރީމާ ހިންގި ބަޔަކީ އިނގިރޭސިންނާއި އެެމެރިކާ ކަމަށް އޭނާ ވިދާޅުވި އެވެ.

އިންޓަނޭޝަނަލް ކްރިމިނަލް ކޯޓަށް އޮތް އެންމެ ރަނގަޅު ގޮތަކީ އީރާގާއި އަފްޣާނިސްތާންގައި ޖަރީމާ ހިންގާފައި ތިބި އެމެރިކާ އާއި އިނގިރޭސިވިލާތުގެ ވެރިން ހައްޔަރުކުރަން ފުލުފުލުން އަމުރު ނެރުން ކަމަށް އޭނާ ވިދާޅުވި އެވެ.

އީރާގުގައި ދުނިޔެ ނައްތާލާ ވަރުގެ ބާރުގަދަ ހަތިޔާރު ހުރި ކަމަށް ބުނެ މުޅި އީރާގު ހަލާކުކުރީ އދ. އަޑީގައި އޮވެގެން އެމެރިކާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ދުނިޔޭގައި އޮތުމަށް އެދިވަޑައިގަންނަވަނީ ހަމަހަމަ އުސޫލުތަކެއް ކަމަށް އެމްބަލޫލާ ވިދާޅުވި އެވެ. އެ ނޫން ގޮތަކުން އޭނާގެ ގައުމަށް ޕްރެޝަރު އައެއް ކަމަކު އެކަމަށް އެއްވެސް އިޖާބައެއް ނުދެއްވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.