ކޮވިޑް-19 އާ ގުޅިގެން އިއުލާނު ކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އުވާނުލި ނަމަވެސް، ފަސްކޮށްފައިވާ ލޯކަލް ކައުންސިލް އިންތިހާބު ބޭއްވޭ ގޮތަށް އެ އިންތިހާބާ ބެހޭ ހާއްސަ ގާނޫނަށް އިސްލާހެއް ގެނައުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުން ކުރަމުންދާއިރު، ބަލިމަޑުކަމެއްގެ ތެރެއިން ކޮންމެހެން އިންތިހާބެއް ބޭއްވުމުގެ ނަތީޖާއާމެދު މުހިއްމު ސުވާލުތަކެއް މިއަދު އަމާޒުވެއްޖެ އެވެ.
ސަރުކާރުގެ ފަރާތުން މަޖިލީހުގެ ހުޅުމާލެ ދާއިރާގެ އެމްޑީޕީ މެންބަރު އަލީ ނިޔާޒު ހުށަހަޅުއްވާފައިވާ ބިލުގެ އިބްތިދާއީ ބަހުސްގައި މިއަދު ދައުރުން ބޭރުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ހޯރަފުށި ދާއިރާގެ އެމްޑީޕީ މެންބަރު އަހުމަދު ސަލީމް (ސައްލެ) ވިދާޅުވީ ލާމަރުކަޒީ އުސޫލުން ރާއްޖެ ހިންގައި، ބާރުތައް ރައްޔިތުން އަތްމައްޗަށް ދޫކޮށްލުމަކީ މި ސަރުކާރުގެ މުހިއްމު ވައުދެއް ކަމަށެވެ.
ނަމަވެސް، މި ވަގުތު ސަރުކާރުގެ ކުރިމަތީގައި އޮތް އެންމެ ބޮޑު ވާޖިބަކީ ނުރައްކާތެރި ބަލިމަޑުކަމަކުން ރައްޔިތުން ސަލާމަތް ކުރުން ކަމަށްވާއިރު، މިފަދަ ދަނޑިވަޅެއްގައި އިންތިހާބެއް ބާއްވައިގެން އެ މަގުސަދު ހާސިލުކުރެވިދާނެތޯ ސައްލެ ވަނީ ސުވާލު އުފައްދަވައިފަ އެވެ.
"އިންތިހާބަށް ތައްޔާރުވާން ފަށާ ހިސާބުން ކޮންޓެކްޓް ޓްރޭސިން މަސައްކަތް ހުއްޓާލައިގެން ނޫނީ ދަތުރުފަތުރަށް މިހާރު ހުރި ހުރަސްތައް ނައްތާލައިގެން ނޫނީ މި އިންތިހާބު ރަނގަޅަށް ކުރިއަށް ގެންދެވިދާނެތޯ؟" އޭނާ ސުވާލު ކުރެއްވި އެވެ.
ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތަކީ ކޮވިޑް-19 އާ ދެކޮޅަށް ލިބޭ އެންމެ މުހިއްމު ހަތިޔާރުކަމަށްވާއިރު، ގައިޑްލައިންތަކަކާއެކު އިންތިހާބު ބާއްވަންޖެހުމަކީ އޭގެ ސަބަބުން ގިނަ ގޮންޖެހުންތަކެއް ކުރިމަތިވާނެކަމެއް ކަން ސައްލެ ފާހަގަކުރެއްވި އެވެ.
"މިސާލަކަށް އިންތިހާބުގެ ކަންކަން ވަރަށް މައްޗަށް ގޮސްފައިވަނިކޮށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް ޕޮޒިޓިވްވެއްޖެއްޔާ ކިހިނެއްތޯ ވާނީ؟ އެއާއެކު ކޮމިޝަނުގެ އެހެން މެންބަރުން އައިސޮލޭޓް ކުރަންޖެހިއްޖެއްޔާ ކިހިނެއްތޯ ވާނީ؟ ރަށަކަށް ފޮނުވާ އިސް އޮފިޝަލު ޕްރައިމަރީ ކޮންޓެކްޓަކަށް ވެގެން އައިސޮލޭޓް ކުރަންޖެހިއްޖެއްޔާ ދެން ކިހިނެއްތޯ ވާނީ؟" ބަހުސްގެ ތެރެއިން ގިނަ ސުވާލުތަކެއް އަމާޒު ކުރައްވަމުން އޭނާ ވިދާޅުވި އެވެ.
ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކުގެ ތެރޭގައި އިންތިހާބު ބާއްވަންޖެހޭނީ ޑައިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ކަނޑައަޅުއްވާ އުސޫލުތަކާއި ފިޔަވަޅުތަކާއެކު ކަމަށް ހިމަނާފައިވާއިރު، އަދި ވުޖޫދުގައި ނެތް ގައިޑްލަނަކާއެކު އިންތިހާބު ބޭއްވުމުގެ ވާހަކަ ދައްކާތީ ސައްލެ ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.
އިތުރަށް ވިދާޅުވީ އިންތިހާބެއް އަސާސަކީ މިނިވަންކަމާއެކު ކެމްޕޭނުކުރުމާއި، ތާއީދު ހޯދަން ރަށްރަށަށް ދަތުރުކުރުމުގެ އިތުރުން މިނިވަންކަމާއެކު ވޯޓުލުމުގެ ހައްގު ކަށަވަރުވުން ކަމަށެވެ.
ނަމަވެސް، ފާއިތުވި 15 ދުވަހުގެ ތެރޭގައި 600 އެއްހާ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު، މިފަދަ ހާލަތެއްގައި ގައުމު އޮތް އިރު، އިންތިހާބު ބާއްވަން ސިއްހީ މާހިރުންނަށް ލުއި ދެވޭނެ މިންވަރާމެދުވެސް އޭނާ ވަނީ ސުވާލު އުފައްދަވައިފަ އެވެ.
މީގެ އިތުރުން، ކައުންސިލް އިންތިހާބަށް 50 މިލިއަން ރުފިޔާ ބަޖެޓުކޮށްފައިވާއިރު، ބަލިމަޑުކަމެއްގެ ތެރެއިން އިންތިހާބު ބާއްވަންޖެހުމުން، ހަރަދު އިންތިހާއަށް އިތުރުވެގެންދާނެކަމަށްވެސް ސައްލެ ވިދާޅުވި އެވެ.
މިގޮތުން، ވޯޓުލާ މަރުކަޒުތައް ޑިސްއިންފެކްޓު ކުރުމަށް 3.5 މިލިއަން ރުފިޔާ އާއި، ވޯޓުލާ މީހުންގެ ހުން ބެލުމަށް ހުން ބަލާ ކަށިގަނޑު ގަތުމަށް 1.2 މިލިއަން ރުފިޔާގެ އިތުރުން، އިންތިހާބުގައި ހަރަކާތްތެރިވާނެކަމަށް ބެލެވޭ 6،000 އެއްހާ އޮފިޝަލުންނަށް ޕީޕީއީ ހޯދުމަށް ތިން މިލިއަން ރުފިޔާ ހަރަދުވާނެކަމުގެ އަންދާޒާތަކެއްވެސް އޭނާ ވަނީ ވާހަކަފުޅުގެ ތެރެއިން ހިއްސާ ކުރައްވައިފަ އެވެ.
"އަޅުގަނޑުގެ ސުވާލަކީ މިހާ ތާށި، މިހާ ދަތި ދަނޑިވަޅެއްގައި އަޅުގަނޑުމެންގެ އަސާސީ ކަންތައްތަކަށް ބޭނުންވާ ފައިސާ ނުލިބިގެން އުޅޭ ވަގުތެއްގައި މި ހަރަދުތައް ކޮށްގެން ކޮންމެހެން މި އިންތިހާބު ބޭއްވުން މުހިއްމުތޯ،" ސައްލަ ސުވާލު ކުރެއްވި އެވެ.
ކޮވިޑް-19 އިގެ ވެކްސިން މިހާރު އުފެއްދި، މި މަހުގެ ތެރޭގައި ރާއްޖެއަށް ލިބޭނެކަމުގެ އިޝާރާތެއް ލިބިފައިވާއިރު، އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ދެވި، ރޯދަ މަހުގެ ފަހަށް އިންތިހާބު ފަސްކޮށްލައިފިނަމަ، މި ހުރިހާ މައްސަލަތަކަށް ހައްލު ލިބިގެންދާނެކަން އޭނާ ފާހަގަކުރެއްވި އެވެ.
"އެއްވެސް ގައިޑްލައިންގެ ދަށުން އިލެކްޝަންސް ކޮމިޝަން މަސައްކަތް ކުރުމަކީ، މިނިވަންކަމާއެކީ އެ ކޮމިޝަނަށް މަސައްކަތް ކުރެވޭނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" އިންތިހާބު އިތުރަށް ފަސްކުރަން ތާއީދުކުރައްވަމުން ސައްލެ ވިދާޅުވި އެވެ.
ނިޔާޒް ވަނީ، ގާނޫނު އިސްލާހުކުރާތާ ހަތް ދުވަހުގެ ތެރޭގައި އިންތިހާބު ބޭއްވުމުގެ މަސައްކަތް އީސީން ފަށަންޖެހޭނެކަމަށް ބަޔާންކޮށްފަ އެވެ.
ނަމަވެސް، އެ މާއްދާގައި (ށ) އިސްލާހުކޮށްފައިވަނީ، ސިއްހީ ކުއްލި ހާލަތު ދެމި އޮވެއްޖެނަމަ، އީސީން އިންތިހާބު ބޭއްވުމުގެ މަސައްކަތް ފަށައިގެން ކުރިއަށް ގެންދަންވާނީ، އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ކަނޑައަޅާ ފިޔަވަޅުތަކާއި އުސޫލުތަކާއި އިރުޝާދުތަކާ އެއްގޮތަށެވެ.
އަދި އިންތިހާބުގެ ކަންކަން ފެށުމަށް އީސީން ކަނޑައަޅާ ތާރީހުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ކަނޑައަޅާ ފިޔަވަޅުތަކާއި އުސޫލުތައް އެކުލަވާލައި، އާއްމުކުރަންވާނެކަމަށް އިސްލާހުގައިވެ އެވެ.
އަދި އިންތިހާބު ބޭއްވުމަށް އީސީން ކަނޑައަޅާ ތާރީހުގައި އިންތިހާބު ބާއްވައި، ނިންމުމަށްޓަކައި، އިންތިހާބުތަކާބެހޭ އާއްމު ގާނޫނުގެ އިތުރުން ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނުގައި ބަޔާންކޮށްފައިވާ އިންތިހާބުގެ ކަންކަމާ ގުޅޭގޮތުން ކަނޑައަޅާފައިވާ މުއްދަތުތަކަށް ބަދަލުގެނައުމަށް އަލީ ނިޔާޒް ހުށަހެޅުއްވި އިސްލާހުގައި ވަނީ ހިމަނައިފަ އެވެ.
މިގޮތުން، ޖުމްލަ ހަ މުއްދަތެއް ބަދަލުކުރަން ހިމަނާފައިވާއިރު އިންތިހާބު ބޭއްވުމުުގެ 45 ދުވަސް ކުރިން ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓު އާންމު ކުރަންވާނެ ކަމަށް ބުނެފައިވާ މުއްދަތު ވަނީ 30 ދުވަހަށް މަދުކޮށްފަ އެވެ.
އަދި ވޯޓާސް ލިސްޓަށް ޝަކުވާ ހުޅުހެޅުމަށް މިހާރު އޮތް 10 ދުވަސް ފަސް ދުވަހަށް ކުޑަ ކުރުމުގެ އިތުރުން، ހުށަހެޅޭ ޝަކުވާއަކާ މެދު ގޮތެއް ނިންމަންޖެހޭ މުއްދަތު ފަސް ދުވަހުން ތިން ދުވަހަށް ކުޑަކުރަން ހުށަހަޅާފައިވެ އެވެ.
މީގެ އިތުރުން، ޝަކުވާއަކާ ގުޅޭގޮތުން ނިންމާ ނިންމުމެއް ހައި ކޯޓަށް ހުށަހެޅުމަށް ދީފައިވާ މުއްދަތު ފަސް ދުވަހުން ތިން ދުވަހަށް މަދުކޮށްފައިވާއިރު، އެ މައްސަލަ ބަލައި ނިންމަން ހައި ކޯޓަށް ލިބިދީފައިވާ 15 ދުވަހުގެ މުއްދަތު، މި އިސްލާހުގައި ވަނީ ހަތް ދުވަހަށް ކުޑަކޮށްފަ އެވެ.
ދެން މި އިސްލާހުގައި މަދުކޮށްފައިވަނީ ރަސްމީ ނަތީޖާ އިއުލާން ކުރާތާ ގިނަވެގެން 14 ދުވަސް ތެރޭ އިންތިހާބާ ގުޅޭ މައްސަލަތައް ހުށަހެޅޭނެ ކަމަށްް ބުނާ މުއްދަތެވެ.
މިގޮތުން، އެ މުއްދަތު ހަތް ދުވަހަށް ކުޑަކުރުމަށް ބިލުގައި ހިމަނާފައިވާއިރު، އެފަދަ މައްސަލައަކާ ގުޅިގެން ގޮތެއް ނިންމަން ހައި ކޯޓަށް ލިބޭ 30 ދުވަހުގެ މުއްދަތު ވަނީ 15 ދުވަހަށް ބަދަލުކުރަން ހިމަނައިފަ އެވެ.
މި މަހުގެ ތެރޭގައި ގާނޫނު އިސްލާހުކޮށްދީފިނަމަ، އޭޕްރީލް 13 ގައި ރޯދަ މަސް ފެށުމުގެ ކުރިން އިންތިހާބު ބޭއްވޭނެކަމަށް އީސީން ވަނީ ބުނެފަ އެވެ.
އަދި އިންތިހާބު ބާއްވާ އާ ތާރީހެއްގެ ގޮތުގައި އަންނަ އޭޕްރީލް މަހުގެ ތިން ވަނަ ދުވަސް އީސީން ވަނީ ކަނޑައަޅައިފަ އެވެ.