ހަބަރު

ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން ފާސްކޮށްފި

Oct 25, 2015
8

ނައިބު ރައީސްކަމުން އަހުމަދު އަދީބު ވަކިކުރުމަށް އިތުބާރު ނެތް ކަމުގެ ވޯޓެއް މަޖިލީހަށް ވެއްދުމަށް ސަރުކާރު ކޯލިޝަންގެ މަޖިލީހުގެ މެންބަރުން މަސައްކަތް ކުރުމަށް ޕީޕީއެމްގެ ޕީޖީ ގްރޫޕުން މިއަދު ފާސްކޮށްފި އެވެ.

ޕީޕީއެމްގެ މަޖިލިސް މެންބަރުން ރައީސްއާ ބައްދަލު ކުރެއްވުމަށް ފަހު މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ޕީޖީ ބައްދަލުވުމުގައި ނައިބު ރައީސްގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގުމަށް ހުށަހެޅީ ޕީޕީއެމްގެ ނައިބު ލީޑަރު ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ އެވެ. އަދި އެ ހުށަހެޅުމަށް ތާއީދު ކުރީ ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އެވެ. އެ މައްސަލަ ވަނީ ޕީޖީ ގްރޫޕްގައި ވޯޓަށް އެެހުމުން ފާސްވެފަ އެވެ.

އަދީބުގެ މައްޗަށް އިތުބާރު ނެތް ކަމަށް ފާސް ކުރަން 57 މެންބަރުންގެ ވޯޓް ބޭނުންވެ އެވެ. އަދީބު ނައިބު ކަމާ ހަވާލުވި ފަހުން ތިން މަސްވެސް ނުވެ އެވެ.

އަދީބުގެ މައްޗަށް ރައީސް އަވަހާރަކޮށްލަން އުޅުނު ކަމުގެ ތުހުމަތު ވަނީ ވަރަށް ބޮޑަށް ކުރެވިފަ އެވެ. އަދި ޗައިނާ އިން އެނބުރި ވަޑައިގަތުމާ އެކު ނައިބު ރައީސް ވަނީ އެއާޕޯޓުން ހައްޔަރުކޮށް ދޫނިދުއަށް ގެންގޮސްފަ އެވެ. މީގެ އިތުރަށް ރައީސް އަބްދުﷲ ޔާމީން މިއަދު ގައުމާ މުހާތަބު ކުރައްވައި ވިދާޅުވީ އެމަނިކުފާނުގެ އިތުބާރު ނެތް ކަމުގެ ވޯޓެއް މަޖިލީހަށް ވެއްދުމަށް ނައިބު ރައީސް މަސައްކަތް ކުރެއްވި ކަމަށެވެ. އަދި އެކަން ކޮށްފައި ވަނީ އެމްޑީޕީގެ މެންބަރުންނާ ގުޅިގެން ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.