ހަބަރު

ނައިބު ރައީސްގެ އިތުބާރުނެތް ކަމުގެ މައްސަަލަ ވައްދައިފި

  • މި ވޯޓް ކާމިޔާބު ކުރަން 57 ވޯޓް ބޭނުންވާނެ
  • މިއީ ރާއްޖޭގައި ނަގާ މިފަދަ ދެވަނަ ވޯޓް
  • މައްސަލަ ވެއްދީ 50 އަށްވުރެ ގިނަ މެންބަރުންގެ ސޮޔާއެކު

ނާއިބު ރައީސް އަހުމަދު އަދީބުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް މިއަދު ވައްދައިފި އެވެ.

ހައްޔަރުކޮށް ދޫނިދޫގައި ބަހައްޓާފައި ހުންނެވި ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓް ނަގަން މަޖިލީހަށް ވެއްދީ މިއަދު އެވެ.

ނަން ނުޖެހުމަށް އެދުނު ޕީޕީއެމްގެ ޕިޖީ ގްރޫޕްގެ މެންބަރަކު ވިދާޅުވީ ނައިބު ރައީސް އަދީބުގެ މައްޗަށް ނަގާ އިތުބާރު ނެތް ކަމުގެ ބޯޓްގެ މައްސަލަ ވެއްދީ 50 އަށްވުރެ ވުރެ ގިނަ މެންބަރުންގެ ސޮއި ހޯދައިގެން ކަމަށާއި މި ވޯޓް މަޖިލީހުގައި ކާމިޔާބުވާނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އާއި ނައިބު ރައީސް މަގާމުން ވަކި ކުރަން މަޖިލީހަށް ވެއްދޭނީ ގާނޫނު އަސާސީގެ 100 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުން މެންބަރުންގެ ތިން ބައިކުޅަ އެއްބައި މެމްބަރުންގެ ސޮޔާ އެކު ސަބަބު ބަޔާންކޮށެވެ. ނާއިބު ރައީސްގެ އިތުބާރު ނެތް ކަމަށް ނަގާ ވޯޓުގައި މަޖިލީހުގެ ތިންބައިކުޅަ ދެބައި ވޯޓު ލިބެންޖެހެ އެވެ. އެއީ 57 މެންބަރުންގެ ވޯޓެވެ. މަޖިލީހުގައި ތިއްބަވަނީ 85 މެންބަރުންނެވެ.

އަދީބުގެ މައްޗަށް މި މައްސަލަ ވެއްދުމުން މިއީ ރާއްޖޭގެ ތާރީހުގައި ނައިބު ރައީސެއްގެ މައްޗަށް އިތުބާރު ނެތް ކަމަށް ވޯޓް ނަގާ ދެވަނަ ފަހަރަށް ވެގެން ދިޔައީ އެވެ.

ރައީސް އަބްދުﷲ ޔާމީން ވަރަށް ބޮޑަށް އިތުބާރު ކުރެއްވި ނައިބު ރައީސް އަދީބުގެ އިތުބާރު ގެއްލުނީ ރައީސް ޔާމީންގެ ހައްޖު ދަރުފުޅު ނިންމައްވާލެއްވުމަށްފަހު މިދިއަ މަހުގެ 28 ވަނަ ދުވަހު މާލެ ވަޑައިގެންނެވި ވަގުތު ރައީސް ޔާމީން އަަވަހާރަކޮށްލަން "ފިނިފެންމާ" ލޯންޗުގައި ދިން ބޮމުގެ ހަމަލާއަށްފަހު އެވެ.

ނައިބު ރައީސް ހައްޔަރުކޮށްފައި ވަނީ ގައުމަށް ހިޔާނާތްވެ، ރައީސުލްޖުމްހޫރިއްޔާ އަވަހާރަކޮށްލަން މަސައްކަތް ކުރެއްވުމުގެ ތުހުމަތަށެވެ.

ކަން ހިނގާނެ އުސޫލު

ނައިބު ރައީސް މަގާމުން ވަކިކުރަން ހުށަހަޅާ ގަރާރުގައި ބަޔާންކޮށްފައިވާ މައްސަލަ ތަހުގީގުކޮށް ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީއަކާއި އެ މައްސަލަ މަތިކުރެވިދާނެ އެވެ. ނައިބު ރައީސް ގާމުން ވަކިި ކުރުމުގެ ބަހުސު މަޖިލީހުގައި ފެށުމުގެ 14 ދުވަސް ކުރިން ނާއިބު ރައީސް އަންގަންޖެހެ އެވެ. ދިފާއުގައި އަނގަބަހުންނާއި ލިޔުމުން ވެސް ނާއިބު ރައީސް އަށް ޖަވާބުދާރީ ވުމުގެ ހައްގު ނައިބު ރައީސަށް ލިބޭނެ އެވެ. ގާނޫނީ ވަކީލުން ވެސް ބޭނުން ކުރެއްވިދާނެ އެވެ.