ހިންދީ ފިލްމު ބަލާ މީހުންނަށް 2008 ވަނަ އަހަރު ވަރަށް ހުނަރުވެރި އެކްޓަރެއް އަލަށް ފިލްމަކުން ބަލާލުމުގެ ނަސީބު ލިބުނެވެ. އެއީ ޒުވާން އެހާމެ ހުނަރުވެރި އެކްޓަރެކެވެ. އޭނާގެ ލޭގައި އެކްޓިން ހުނަރު ހުރިކަން ފުރަތަމަ ފިލްމުން ވެސް އޭނާ ސާބިތުކޮށްދިނެވެ. އެއީ އިމްރާން ޚާނެވެ. އާމިރު ޚާނަށް ބޮޑުބޭބެ ކިޔާ އެކްޓަރެކެވެ.
"ޖާނޭ ތޫ ޔާ ޖާނެ ނާ"އިން ތައާރަފްވުމަށްފަހު 2015 އާ ހަމަޔަށް އަށެއްކަ އަހަރު ވަރަށް މޮޅު ފިލްމުތަކެއް އިމްރާން ކުޅެފައި ވެއެވެ. ނަމަވެސް އޭގެ ފަހުން އޭނާ ގެއްލުނީ އެވެ. އިމްރާނުގެ ފޭނުން ވެސް އޭނާ ނުފެނިގެން އޭނާ ކޮބައިތޯ ވަރަށް ސުވާލުކުރެ އެވެ. އިމްރާން ގެއްލުނީ އޭނާ އަމިއްލައަށް ފިލްމީ މަސައްކަތް ހުއްޓާލުމުންނެވެ.
ދާދިފަހުން ރެޑިޓްގައި ބޭއްވި "އާސްކް-މީ" ސެޝަންއެއްގައި ފޭނެއް ކުރި ސުވާލުތަކަށް އިމްރާނު ލިޔުމުން ޖަވާބު ދީފައި ވެއެވެ. އިމްރާން ބުނީ ބޮލީވުޑުގައި އުޅުމަކީ ވަރަށް ނޭވާ ހާސްވާ ކަމަކަށް ވާތީ އޭނާ އަމިއްލައަށް އެ ކެރިއަރު ދޫކޮށްލީ ކަމަށެވެ.
ބޮލީވުޑް ގިނަ އެކްޓަރުންނަކީ ވަރަށް ބޮޑަށް ފިލްމީ ދުނިޔެ ވަދެ ހުސްވާ ބަޔަކަށްވާއިރު އިމްރާނުގެ ކެރިއަރުގައި އޭނާ އެހާ ޝައުގުވެރިކަމާއެކު ފިލްމީ މަސައްކަތް ކުރި ތަން ނުފެންނަ ކަމަށް އިތުރު ފޭނަކު ސުވާލު ކުރި އެވެ. ޖަވާބުގައި އިމްރާން ބުނީ އޭނާއަކީ ވަރަށް އަމާން އޮމާން އަދި މަޑުމައިތިރި ދިރިއުޅުމަށް ލޯބިކުރާ މީހެއް ކަމަށެވެ. އެހެންވެ ބޮލީވުޑްގެ ވިދާ ބަބުޅާ އަލިތަކުގެ ތެރޭގައި އޭނާއަށް ކެތްކޮށްލަން އެހާ ފަސޭހަ ނޫން ކަމަށެވެ.
"އަހަރެންގެ ޒަމާންވީ އެކުވެރިން ދެކެ އަހަރެން ލޯބިވޭ. އަހަރެން ގެންގުޅޭ ބުޅާތަކާއި ކުއްތާތައް ދެކެ ވަރަށް ލޯބިވޭ. އަސްލު އަހަރެން ފިލްމީ މަސައްކަތް ކުރިއިރުވެސް އެ ޝޫޓިންގެއް ނިންމާލާފައި އަހަރެންގެ ދުނިޔެއަށް އެނބުރިދަނީ. މީޑިއާގެ ސަމާލުކަމާއި އެނޫންވެސް ކަންތައްތަކާ ވީހާވެސް ދުރުގައި އުޅެން އަހަރެން ބޭނުންވި،" އިމްރާން ބުންޏެވެ.
މަދުމަދުން ނަމަވެސް އިންޓަނެޓުން ނުވަތަ ޓީވީން ފެނިލުން ކިހިނެއްތޯ އިމްރާނުގެ އިތުރު ފޭނަކު އޭނާ އާ ކުރި ސުވާލުގެ ޖަވާބުގައި އިމްރާނު ލިޔެފައިވަނީ އޭނާ ޓީވީ ބަލާ ނޫޅޭ ކަމަށެވެ. އަދި ބޮލީވުޑް ބަބްލް ތެރެއަށް ވަދެ ބޮލިވުޑް ކައިގެން ބޮއިގެން އެއަށް ނޭވާލައިގެން އޭގެ ތެރޭގައި ދިރިއުޅެން ބޭނުން ނުވާ ކަމަށެވެ. ސަބަބަކީ އެކަމަކީ އޭނާ ނޭވާހާސްވާ ކަމަކަށް ވާތީ ކަމަށް އިމްރާން ބުނެފައި ވެއެވެ.
ބޮޑުބޭބެ އާމިރުގެ ދައުރު އިމްރާނުގެ ކެރިއަރުގައި ވަރަށް ބޮޑުކަމަށް ގިނަ ބަޔަކު ހީކުރެ އެވެ. ނަމަވެސް އިމްރާން ބުނީ އެއީ ހަމަ ހީވާ ގޮތް ކަމަށާއި އާމިރުގެ މާ ބޮޑު ނުފޫޒެއް ކެރިއަރަށް ނުފޯރާ ކަމަށެވެ. ގިނަ މީހުން ހީކުރާހާ މުހިއްމު ރޯލެއް އޭނާގެ ކެރިއަރުގައި އާމިރުގެ ނެތް ކަމަށެވެ.
"އޭނާ (އާމިރު) ދުވަހަކުވެސް އަހަރެންނަށް ލިބޭ ސްކްރިޕްޓެއް ނުކިޔާ. އަދި ޕްރޮޑިއުސަރުން ކައިރީ އަހަރެންނާ ބައްދަލުކޮށް ރޯލުތައް ދޭކަށް ނުބުނޭ. އޭނާ އަހަންނަށް އިރުޝާދުދީ އަހަރެންގެ ކެރިއަރު ބައްޓަން ކޮށްދިން ނަމަ އަހަރެންގެ ފިލްމީ ކެރިއަރުގައި ކުޅުނު ދެބައި ކުޅަ އެއްބައި ފިލްމު ތަކަކީ އަހަރެން ކުޅޭނެ ފިލްމުތަކެއް ނޫން. އެހާ ފީކަޅާ ފިލްމުތައް އަހަންނަށް ޚިޔާރު ކުރެވިފައި އެބަހުރިކަން މިހާރު ގަބޫލު ކުރެވޭ،" އިމްރާން ބުންޏެވެ.