ވިޔަފާރި

ތާޖު ރިސޯޓަށް ޝަރަފުވެރި އެވޯޑެއް

Jan 19, 2021

ރާއްޖޭގެ ތާޖު އެގްޒޯޓިކާ ރިސޯޓް އެންޑް ސްޕާއަށް، ފޯބްސްގެ ޓޫރިޒަމް މަޖައްލާއިން ދޭ ރޭޓިންއެއް ކަމަށްވާ "ފޯބްސް ޓްރެވަލް ގައިޑް ފޯ ސްޓާ އެވޯޑް" ލިބިއްޖެ އެވެ.

ފޯބްސް ޓްރެވަލް ގައިޑް ފޯ ސްޓާ އެވޯޑު ލިބުމާ ގުޅިގެން މާލެ އަތޮޅު އެނބޫދޫ ފަޅުގައި ހިންގަމުން ގެންދާ ތާޖު އެގްޒޯޓިކާ ރިސޯޓުގެ ޖެނެރަލް މެނޭޖަރު ސަމްރާތު ދަތު ވިދާޅުވީ ހިދުމަތް ދިނުމުގައި ގިނަ ގޮންޖެހުންތަކެއް ކުރިމަތި ވަމުންދިޔަ އަހަރެއްގައި މިފަދަ އެވޯޑެއް ލިބުމަކީ ބޮޑު ހިތްހަމަ ޖެހުމެއް އަދި ޝަރަފެއް ކަމަށެވެ.

ތާޖު ރިސޯޓުން ބުނި ގޮތުގައި މި އެވޯޑު ދެނީ އެކަމަށް ހާއްސަކޮށް ބަލަން ޖެހޭ ބެލުންތަކެއް ބެލުމަށް ފަހު އެވެ. މީގެތެރޭގައި ރިސޯޓަށް ދާ ޓޫރިސްޓުންނަށް މަރުހަބާ ކިޔުމުން ފެށިގެން އެ ފެސިލިޓީއެއްގައި ހުންނަ ތަފާތު ސިފަތައް ވެސް ހިމެނެ އެވެ.

ތާޖު އެގްޒޯޓިކާ ރިސޯޓަކީ 64 ވިލާގެ ލަގްޒަރީ ރިސޯޓެވެ. މި ރިސޯޓުގައި ދެ ކޮޓަރި ހިމެނޭ ގޮތަށް "ރެހެންދި" ގެ ނަމުގައި ޕްރެޒިޓެންޝަލް ވޯޓާ ވިލާއެއް ވެސް ހުރެ އެވެ.