ބޮލީވުޑް

ބިލިއަނަރު ރާހުލް ޝަރްމާ އާއި އަސީންގެ ކައިވެނި އަންނަ މަހު

Oct 26, 2015
1

ބޮލީވުޑްގެ މަޝްހޫރު ބަތަލާ އަސީން އާއި އިންޑިއާގެ އެންމެ ބޮޑު މޮބައިލް ކުންފުނި މައިކްރޮމެކްސް މޮބައިލްގެ ފައުންޑާ އަދި ބިލިއަނަރު ރާހުލް ޝަރްމާ އަންނަ މަހުގެ 26 ގައި ކައިވެނިކުރާނެ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފި އެވެ.

އަންނަ މަހުގެ 26 ވަނަ ދުވަހު އަސީން އާއި ރާހުލްގެ ކައިވެނީގެ ހަފްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ ދިއްލީގެ ވެސްޓް އެންޑް ގްރޭންޑް ހޮޓަލުގަ އެވެ. މި ހޮޓަލަކީ ޝާހިދު ކަޕޫރާއި މީރާ ރާޖްޕުތް ކައިވެނީގެ ހަފްލާތައް ވެސް ބޭއްވި ހޮޓަލެވެ.

ރާހުލް އާއި އަސީން ކައިވެނި ކުރަން ހަމަޖެހިފައިވާ ދުވަސް އާންމުވެފައިވަނީ އޭނާގެ 30 ވަނަ އުފަންދުވަހުގެ އެއްދުވަސްކުރިން އިއްޔެ އެވެ.

އެންމެފަހުން "އޯލް އިޒް ވެޒް" އިން ފެނިގެންގޮސްފައިވާ އަސީން އާއި ރާހުލް ގުޅުވައިދިނުމުގެ އެންމެ އިސް ރޯލެއް އަދާކޮށްފައިވަނީ އަސީންއާއެކު "ކިލާޅީ 786" ގައި މަސައްކަތްކުރި އަކްޝޭ ކުމާރު އެވެ.

ކައިވެނީގެ ރަސްމިއްޔާތު ކުރިއަށް ހަމަޖެހިފައިވަނީ ވަރަށް ގާތް އެކުވެރިންނާއި ދެފަރާތުގެ އާއިލާގެ މީހުންގެ ކުރިމަތީގަ އެވެ. އަދި ހަމަ އެރޭ އެހޮޓަލުގައި ކައިވެނީގެ ރިސެޕްޝަން ބޭއްވުމަށް ހަމަޖެހިފައިވާއިރު، އަސީންގެ ބޮލީވުޑްގެ އެކުވެރިންނަށް ބާއްވާ ހާއްސަ ރިސެޕްޝަންއެއް މުމްބައިގައި އަންނަ މަހުގެ 28 ގައި ނުވަތަ 29ގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ނޫސްތަކުގައިވެ އެވެ.

މިހާރުން ފެށިގެން އަސީން އާއި ރާހުލްގެ ބައިވެރިވުމާއެކު ކައިވެންޏަށް ތައްޔާރުވުމުގެ ކަންތައްތައް ވަނީ ފެށިފަ އެވެ.

އަސީން އާއި ރާހުލް ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ މިހާރު ހަތަރު އަހަރުވެފައިވީ ނަމަވެސް، އަސީން އަކީ އޭނާގެ އަމިއްލަ ދިރިއުޅުމުގެ ކަންތައް ނޫސްތަކާއި ހިއްސާކުރާ މީހަކަށް ނުވުމުން ގިނަ ބަޔަކަށް މިކަން އޮތީ ނޭނގިފަ އެވެ.

ރާހުލް އާއި ކައިވެނިކުރަން އުޅޭކަން އަސީން ހާމަކޮށްފައިވަނީ މިއަހަރުގެ އޮގަސްޓް މަހުގެ ތެރޭގަ އެވެ.

މިއަހަރުގެ ފަހުކޮޅު ކައިވެނިކުރަން ނިންމާފައިވާ ކަމަށް ބުނަމުން އަސީން މީގެކުރިން ވަނީ ކައިވެނިކޮށް، އަމިއްލަ ދިރިއުޅުމަށް ވަގުތު ހުސްކުރުމުގެ ގޮތުން ހުރިހާ ޕްރޮފެޝަނަލް މަސައްކަތްތައް ނިންމަމުންދާ ކަމަށް ބުނެފަ އެވެ. އަދި ވަނީ ފިލްމުތަކަށް ސޮއިކުރުން މީގެ ދެއަހަރު ކުރިން ހުއްޓާލާފައިކަމަށް ވެސް ބުނެފަ އެވެ.

ކައިވެންޏަށް ފަހު ފިލްމު ކުޅުމާއި މުޅިން ވަކިވާނެ ކަމުގެ އިޝާރާތެއް ވެސް އަސީން ވަނީ ދީފަ އެވެ.

އަސީން އާއި ރާހުލްގެ ކައިވެނީގެ ހަފްލާ އަކީ ބޮލީވުޑްގެ ނަން މަޝްހޫރު ތަރިން އަނެއްކާ ވެސް ފެނިގެންދާ ހަފްލާ އެކެވެ.