ހަބަރު

ކޯރަމް ހަމަނުވެގެން މަޖިލިސް ނުފެށުނު

ކޮވިޑް-19 އާ ގުޅިގެން އިއުލާނު ކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އުވާނުލި ނަމަވެސް، ފަސްކޮށްފައިވާ ލޯކަލް ކައުންސިލް އިންތިހާބު ބޭއްވޭ ގޮތަށް އެ އިންތިހާބާ ބެހޭ ހާއްސަ ގާނޫނަށް އިސްލާހު ގެނައުމަށް ދައުރުން ބޭރުގައި ބޭއްވުމަށް މިއަދު ހަމަޖެއްސި ޖަލްސާ ކޯރަމް ހަމަނުވެގެން ނުފެށި، ލަސްވެއްޖެ އެވެ.

އެ އިސްލާހު ގެނައުމުގެ މަސައްކަތަށް ދައުރުން ބޭރުން ބާއްވާ ތިން ވަނަ ޖަލްސާ ތާވަލްކޮށްފައި އޮތީ މިއަދު ހެނދުނު 10:00 އަށެވެ.

ނަމަވެސް، އެ ގަޑިއަށްފަހު 15 މިނެއްޓު ފާއިތުވެގެން ދިޔައިރުވެސް، ކޯރަމް ހަމަނުވާކަމަށް ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވި އެވެ.

އެއާއެކު އީވާ ވަނީ ކޯރަމް ގަޑިއަށް ވަޑައިގެންނެވި މެންބަރުންނާއި، ސަލާމު ފޮނުއްވި މެންބަރުންގެ އިތުރުން ކަރަންޓީނުގައި މިވަގުތު ތިއްބެވި މެންބަރުންގެ ނަންތައް ވަކިވަކިން އިއްވަވައިފަ އެވެ.

އޭގެ ފަހުން އިތުރު 10 މިނެއްޓުގެ ވަގުތު ދެއްވަމުން، ޖަލްސާ ބޭއްވޭނެ ގޮތެއް ހަދައި ދިނުމަށް މަޖިލިސް ތަމްސީލުކުރާ ޕާޓީތަކުގެ ލީޑަރުންގެ އަރިހުން އީވާ ވަނީ އެދިވަޑައިގެންފަ އެވެ.

މިއީ، 19 ވަނަ މަޖިލީހުގައި ކޯރަމް ހަމަނުވެގެން ޖަލްސާއެއް ގަޑިއަށް ނުފެށުނު ފުރަތަމަ ފަހަރެވެ.