ހަބަރު

ހިތްވަރުގަދަ ވަހީދާއާ ބައްދަލުކޮށްލަން ޔޫކޭ ސަފީރު ބޭނުން

Jan 19, 2021
13

މާލޭގައި ޓެކްސީ ކުރާ ހަމައެކަނި އަންހެން ޑްރައިވަރު، އާމިނަތު ވަހީދާގެ އާދާޔާހިލާފު ހިތްވަރަކީ ނަމޫނާއެއްގެ ގޮތުގައި އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެރަން ރޮސްލާ ސިފަ ކުރައްވައިފި އެވެ.

ދެހާސް ސަތާރަ ވަނަ އަހަރު ޓެކްސީ ކުރަން ފެށި އައިންތު ދުއްވާ ކާރަށް ތަކުރާރުކޮށް ގެއްލުންދެ އެވެ. އަހަރަކު އެއް ފަހަރު ކަހަލަ ގޮތަކަށް ގޮސް އަހަރީ ކަމަކަށް އެކަން ވެފައި ވެއެވެ.

އޭނާގެ ޓެކްސީ ޕާކު ކޮށްފައި އޮއްވާ ގޮސް ކާރުގެ ވިންޑް ސްކްރީން ތަޅާލަނީ އެވެ. ނޫނީ ފަހަތު ބިއްލޫރިގަނޑު ތަޅާލަން އެއްޗަކުން ޖަހައި ފުނޑުފުނޑު ކޮށްލަނީ އެވެ. މަރާމާތަށް ކުރަން ޖެހޭ ހުރިިހާ ހަރަަދެއް އައިންތު އަަށެވެ. ގެއްލުން ދޭ ބައެއްގެ ބޭނުމަކީ ވެސް އެއީ އެވެ.

އައިންތު ބުނާ ގޮތުގައި، ކާރުގެ ބިއްލޫރިތައް ތަޅާލުމުގެ އިތުރަަށް، އިންޖީނު ވަގަށް ނެގުމާއި ފުރޮޅުގައި ކަޓަރު އެޅުން ކަހަލަ ކަންކަން ވެސް ކުރެ އެވެ. އެކަމަކު އޭނާ ކާންބޯން ކުރާ މަސައްކަތް ހުއްޓައި ނުލަ އެވެ. ކާރު މަރާމާތު ކޮށްގެން، އަނެއްކާވެސް ހުންގާނުގައި ހިފަނީ އެވެ. ދައްކަމުންދާ ބިރަށާއި އިންޒާރުތަކަކަށް އޭނާގެ ވަރުގަދަ އަޒުމް ގުޑުވައިނުލެވެ އެވެ.

އަހަރުތަކެއް ވަންދެން ފުލުހަށް ހުށަހެޅި މައްސަލަތަކުން ހައްލެއް ނުލިބި ކުރިމަތިވެފައި އޮތް މާޔޫސްކަމަށް ކޮންމެވެސް ވަރެއްގެ ތަސައްލީއެއް މިހާރު ވަނީ ލިބިފައި އެވެ. މިދިއަ އޮކްޓޯބަރު މަހު އޭނާގެ ކާރަށް ގެއްލުންދިން މައްސަލާގައި މުދަލަށް ގެއްލުންދިނުމުގެ ދައުވާވަނީ ކޮށްފަ އެވެ.

އެ ހަބަރަށް އިޝާރާތް ކުރައްވައި، އިނގިރޭސި ސަފީރު ވަނީ ވަހީދާގެ އާދަޔާހިލާފު ހިތްވަރަށާއި ވަރުގަދަ އަޒުމަށް ތައުރީފު ކުރައްވައިފަ އެވެ.

"ބިރުދެއްކުމުގެ ތެރެއިން ކުރިއަށް ދިއުމަށް އާދަޔާހިލާފު ހިތްވަރެއް ބޭނުން ވާނެ. އަހަރަމެން ކުރާ ކަމެއް ކުރަނީ އެކަން ކުރާ ހިތްވާތީ. ހިތުގައި އެކަމަށް އޮންނަ ލޯތްބެއްގެ ބޮޑު ކަމުން،" ސަފީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފަ އެވެ.

ވަހީދާ ނަމޫނާއެއްގެ ގޮތުގައި ސިފަ ކުރައްވަމުން ސަފީރު ވަނީ އެހެން އެންމެންނަށް ހާއްސަ މެސެޖެއް ވެސް ދެއްވައިފަ އެވެ.

"ކުރަން ބޭނުންވާ ކޮންމެ ކަމަކަށްވިޔަސް އެކަމާ ހަސަދަވެރިވާ ބަޔަކު ހުރަސް އެޅިޔަ ދީގެން ނުވާނެ،" ސަފީރު އެދިވަޑައިގެންނެވި އެވެ. އެފަދަ ހިތްވަރަކާއި އަޒުމެއްގެ މަތީގައި ސާބިތުކަމާއެކު ހުރި ވަހީދާއާ ބައްދަލުކޮށްލަން ވެސް ސަފީރު ބޭނުންފުޅުވެ އެވެ.

"ކޮންމެވެސް ދުވަހަކުން އޭނަ [ވަހީދާ] އާ ބައްދަލު ކޮށްލަން ބޭނުން،" ސަފީރު ވިދާޅުވެފައިވެ އެވެ.