ބޮލީވުޑް

އައިޝްވާރިޔާ އަށް ފިލްމުތަކުން ފުރުސަތު އޮހެނީ

Oct 26, 2015
1

ބަތަލާ އައިޝްވާރިޔާ ރާއީ ވަނީ މިމަހުގެ ކުރީކޮޅު ނިކުތް ޑައިރެކްޓަރު ސަންޖޭ ގުޕްތާގެ "ޖަޒްބާ" އާއެކު އަލުން ފިލްމީ ދުނިޔެއަށް ނިކުމެފަ އެވެ.

މިފިލްމާއެކު އައިޝްވާރިޔާގެ އެނބުރި އައުން ފާހަގަކޮށްފައިވާއިރު، އޭނާއަށް ގިނަ ފިލްމުތަކެއްގެ ހުށަހެޅުންތައް އަންނަނީ ލިބެމުންނެވެ.

"ޖަޒްބާ"ގެ ރިލީޒާއެކު އައިޝްވާރިޔާ ކަރަން ޖޯހަރުގެ "އެއި ދިލްހޭ މުޝްކިލް"ގެ މަންޒަރުތައް ލަންޑަންގައި މިހާރު ނަގަމުން އަންނައިރު، ޑައިރެކްޓަރު ސުޖޯއި ޖޯޝްގެ ދެފިލްމެއް ކުޅެން މިފަހުން ސޮއިކޮށްފަ އެވެ.

މިދެފިލްމު ކުޅެން ސޮއިކުރިކަން އައިޝްވާރިޔާ ވަނީ ޔަގީންކޮށްދީފަ އެވެ. އެގޮތުން އައިޝްވާރިޔާ ވަނީ އޭނާ ކުޅެން ސޮއި ކުރި ދެފިލްމަކީ "ދުރްގާ ރާނީ" އާއި ޖަޕަނީޒް ކްރައިމް ތްރިލާ ވާހަކަފޮތެއް ކަމަށްވާ "ދަ ޑިވޯޝަން އޮފް ސަސްޕެކްޓް އެކްސް"ގެ މައްޗަށް އުފައްދާ ހިންދީ ފިލްމު ކަމަށް ބުނެފަ އެވެ.

"މިދެފިލްމުގެ ތެރެއިން ފުރަތަމަ ޝޫޓްކުރަން ފަށާނީ ކޮން ފިލްމެއް ކަމެއް އަދި ނޭނގޭ" އައިޝްވާރިޔާ ބުނެފައިވެ އެވެ.

މިދެފިލްމު ކުޅެން އެއްބަސްވެފައިވާ ކަމަށް ބުނަމުން އައިޝްވާރިޔާ ވަނީ އޭނާ ސުޖޯއި ދަންނަނީ އޭނާގެ ފުރަތަމަ ފިލްމު "ޖަންކަރް ބީޓްސް" އުފެއްދި ހިސާބުން ކަމަށާއި، އޭރުއްސުރެން ސުޖޯއި އޭނާއަށް ފިލްމުތައް ހުށަހަޅަމުން އަންނަ ކަމަށެވެ.

މިފަހުން ވަނީ އައިޝްވާރިޔާ އަށް ސަންޖޭ ލީލާ ބަންސާލީގެ ފިލްމެއްގެ ހުށަހެޅުން ލިބުނުކަމުގެ އަޑުތަކެއް ވެސް އަރާފަ އެވެ.

މިކަމާ ގުޅިގެން އައިޝްވާރިޔާ ވަނީ އޭނާ ބަންސާލީ އޭނާ އާއި ފިލްމަކާ ގުޅިގެން ވާހަކަ ދެއްކި ކަމަށާއި އެހެންނަމަވެސް މިވަގުތު އެކަމާއި ގުޅޭ އެއްވެސް ވާހަކައެއް ހިއްސާކުރެވެން ނެތް ކަމަށެވެ.

މިފިލްމުގެ ވާހަކަތައް އައިޝްވާރިޔާ މީޑިއާ އާއި ހިއްސާނުކުރި ނަމަވެސް ވަނީ ބަންސާލީ އާއެކު އަނެއްކާވެސް ފިލްމެއްގައި މަސައްކަތް އޭނާ ހުރީ ކެތް މަދުވެފައި ކަމަށެވެ.

މިހާރު ކުޅެމުން އަންނަ "އެއި ދިލްހޭ މުޝްކިލް"ގެ މަންޒަރުތައް ނަގާ ނިމުމުން އައިޝްވާރިޔާ ދެން ކުޅޭނީ ޑައިރެކްޓަރު އޮމަންގް ކުމާރު ސަރަބްޖިތް ސިންގްގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމުގެ މަސައްކަތެވެ.

ސަރަބްގިތް ސިންގްގެ ކޮއްކޮ ދަލްބީރް ކޯރްގެ ރޯލުން އައިޝްވާރިޔާ ފެނިގެންދާނެ މިފިލްމަކީ ޕާކިސްތާނުގެ ޖަލުގައި 2013 ވަނަ އަހަރު މަރުވި އިންޑިއާގެ ސަރަބްޖިތްގެ ވާހަކަ އެވެ.