އެކްޓަރު މިރްޒާ އައްބާސް އަލީ އަކީ ސައުތު އިންޑިއާގައި އެއް ދުވަސްވަރެއްގައި ވަރަށް މަޝްހޫރުކަން ހޯދި އެކްޓަރެކެވެ.
އައްބާސްގެ ފުރަތަމަ ފިލްމު ރިލީޒްކޮށްފައިވަނީ 1996 ގައެވެ. "ކަދަމް ދެސަމް" ކިޔާ މި ތަމަޅަ ފިލްމުގައި އޭނާއާ އެކު ބަތަލާގެ ރޯލު އަދާކުރީ ތައްބޫ އެވެ.
މި ފިލްމު ރިލީޒްކުރުމާއެކު އައްބާސްގެ ތަރި މެދުއުޑުގައި ފިޔަޖަހަން ފެށި އެވެ. އޭގެ ފަހުން އޭނާ ވަނީ އައިޝްވަރިޔާ ރާއީ އާއި، މަމްމޫތީ، އަޖިތު ކުމާރާއެކު "ކަޑުކޮންޑައިން ކަޑުކޮންޑައިން" ކިޔާ ފިލްމެއް ކުޅެފަ އެވެ.
މި ފިލްމުގެ ލަވައެއް ކަމަށްވާ "ޗުއިމުއިސީ ތުމް ލަގްތީ ހޯ" އެ ދުވަސްވަރު ވަރަށް މަޝްހޫރުވި އެވެ. އެ ލަވައިގައި އައްބާސްއާ އެކު ހަރަކާތްތެރިވެފައިވަނީ ޕްރީތީ ޖަންގިއާނީ އެވެ.
ކަމަލް ހަސަންގެ "ހޭ ރާމް"ގައި އައްބާސް ވަނީ ޑޮކްޓަރެއްގެ ރޯލު ވެސް އަދާކޮށްފަ އެވެ.
އައްބާސް ބޮލީވުޑަށް ތައާރަފްވީ 2002 ގައި ރިލީޒްކުރި "އަންޝް" އިންނެވެ. ނަމަވެސް އެ ފިލްމު ފްލޮޕްވުމުން އޭރު އޭނާއަށް ކުޅެން ލިބިފައި އޮތް އިތުރު ދެ ފިލްމެއް ވެސް އޭނާ އަތުން ބީވި އެވެ. މީގެތެރޭގައި ބިޕާޝާ ބާސޫއާ އެކު ކުޅެން ހަމަޖެހިފައި އޮތް "ޕިރް ވޮހީ" ކިޔާ ފިލްމެއް ހިމެނުނެވެ.
އައްބާސްގެ ތަރި އެރިހާ ބާރަށް އޮއްސުނީ އޭނާ ފަހުން ކުޅުނު ފިލްމުގައި ފްލޮޕްވުމުންނެވެ. ފިލްމީ ކެރިއަރު ޔޫ-ޓާންއެއް އަޅައިގެން ގޮސް މުޅީން ހުއްޓުމަކަށް އައުމުން އައްބާސް ވަނީ ވަޒީފާއެއް ހޯދައިގެން ބޭރު ގައުމެއްގައި ދިރިއުޅެން ފަށާފަ އެވެ.
އިންޑިއާ ދޫކޮށް އޭނާ އެހެން ގައުމަކަށް ހިޖުރަ ކުރުމަށްފަހު ވެސް އައްބާސްގެ ދިރިއުޅުމަށް ކުރިއެރުން ލިބޭ ގޮތެއް ނުވި އެވެ. އެކަށީގެންވާ ވަޒީފާއެއް ނުލިބި، ދިރިއުޅުމަށް ބޭނުންވާ ޒަރޫރީ ބޭނުންތައް ފުއްދުމަށް އެކި ކަހަލަ ވަޒީފާތައް އޭނާއަށް އަދާކުރަން ޖެހުނެވެ. އެގޮތުން ޕެޓްރޯލް ޕަމްޕެއްގައި މަސައްކަތް ކުރުމުގެ އިތުރުން ފާޚާނާ ސާފުކުރުމުގެ މަސައްކަތާއި މެކޭނިކެއްގެ ގޮތުގައިވެސް އޭނާ މަސައްކަތް ކޮށްފައި ވެއެވެ.