ބޮލީވުޑް

ކާން 2023: އައިޝްވަރިޔާގެ ހޫޑީ ހެދުން ރީތިތަ؟

ފްރާންސްގައި ކޮންމެ އަހަރަކު އޮންނަ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލް ނުވަތަ ކާން ފިލްމް ފެސްޓިވަލްގައި އައިޝްވަރިޔާ ބައިވެރިވެ ރެޑް ކާޕެޓްގައި ހިނގާތާ 21 އަހަރު ވެއްޖެ އެވެ.

ކާން ރެޑް ކާޕެޓްގައި ހިނގަން އައިޝްވަރިޔާ އަޅާ ހެދުންތަކަށް ފާއިތުވީ އަހަރުތަކުގައި ވަރަށް ބޮޑެތި ފާޑުކިޔުންތަކާއި މަލާމާތް ރައްދުވެފައި ވެއެވެ.

ކާން 2023ގައި މިދިޔަ ބުރާސްފަތި ދުވަހުގެ ހަވީރުގެ ވަގުތެއްގައި އައިޝްވަރިޔާ ވަނީ ބޮޑު ހޫޑީއެއް ލާފައިވާ ގައުނެއް ލައިގެން ހިނގާފަ އެވެ. މިއީ ރިހި ފާޑަކަށް ދާ ކުލައެއްގެ ހެދުމެކެވެ. ހެދުމުގައި ބޮޑު ހޫޑީއެއް އިން އިރު ކަޅުކުލައިގެ ބޮޑު ޓައީ ހެދުމުގެ ކުރިމަތީގައި ޖަހާފައި ވެއެވެ.

އައިޝްވަރިޔާ މިހެދުމުގައި ހިނގާތަން ފެނިފައި ބައެއް މީހުން ހީކުރީ އެއީ އިންޑިއާގެ އެކްޓަރު އަދި މޮޑެލް އުރުވަޝީ ރައްޓެލާ ކަމަށެވެ. ހެދުން އެޅުމުގެ ފެންވަރު ދަށްކަމުންނެވެ.

މި ހެދުމާ މެދު ހިތްހަމަނުޖެހި ފާޑުކީ ބައެއް މީހުން ބުނީ މިއީ "ހޫޑީ ކޯޗާ" އެއް ކަމަށެވެ. އަނެއް ބަޔަކު ބުނީ ހީވަނީ އަވަސް އަރުވާލައިގެން އަންނަމުން އައިޝްވަރިޔާ ބަދިގެއިން އެލްމެނިއަމް ފޮއިލްގަނޑެއް ނަގައި ބޮލުގައި އަޅައިގެން އައިސް ހުރި ހެންނެވެ. ނަމަވެސް އައިޝްވަރިޔާ ދެކެ ލޯބިވާ ފޭނުން ބުނީ އޭނާއަކީ "ކުއީން އޮފް ކާން" ކަމަށާއި އޭނާގެ ހެދުން ރީތި ކަމަށެވެ.

މިއަހަރުގެ ފިލްމު ފެސްޓިވަލުގައި ބައިވެރިވާން ގޮސް ހުރި އައިޝްވަރިޔާގެ ފުރަތަމަ ފެނިލުމުގައި އަޅައިގެން ހުރީ ގަދަ ފެހިކުލައެއްގެ އޮފު އަރާ ގައުން އެކެވެ. މިއީ މަޝްހޫރު ފެޝަން ޑިޒައިނަރު ވެލަންޓީނޯ ފަރުމާ ކޮށްފައިވާ ހެދުމެއް ކަމަށް ވެއެވެ.

ކާން ފިލްމު ފެސްޓިވަލުގައި ކޮންމެ އަހަރަކު އައިޝްވަރިޔާ ބައިވެރިވަނީ އޭނާ ބްރޭންޑް އެމްބެސެޑަރުކަން ކުރާ ލޯރެއާލް ބްރޭންޑް ތަމްސީލުކުރުމުގެ ގޮތުންނެވެ. މި ފެހިކުލައިގެ ހެދުމަކީ ވެސް ލޯރެއާލް އިވެންޓަކަށް އޭނާ ލީ ހެދުމެއް ކަމަށްވެ އެވެ.