ފްރާންސްގައި ކޮންމެ އަހަރަކު އޮންނަ ކޭން ފިލްމް ފެސްޓިވަލްގައި ސާރާ އަލީ ޚާން މިއަހަރު އަލަށް ބައިވެރިވެފައި ވެއެވެ. މި ފެސްޓިވަލްގެ ރެޑް ކާޕެޓްގައި ހިނގާ ފިލްމީ ތަރިން އަޅާ ހެދުންތަކަށް ބޮޑު ސަމާލުކަމެއް ލިބި ގިނަ ބައެއްގެ ތައުރީފު ނުވަތަ ފާޑުކިޔުން އަބަދުވެސް އަމާޒުވަމުން ދެއެވެ. އެގޮތުން ސާރާއަށް މިފަހަރު ކުރިމަތިލާން ޖެހުނީ ވަރަށް ބޮޑު ފާޑުކިޔުމަކާ އެވެ.
ރެޑް ކާޕެޓްގައި ހިނގިއިރު ސާރާ ލައިގެން ހުރީ އައިވަރީ ކުލައިގެ ލެހެނގާ އަކާއި އެއާ ގުޅޭ މައްޗެކެވެ. މިއީ އާއްމުކޮށް އިންޑިއާ މީހުން ކައިވެނި ޕާޓީތަކުގައި ލާ އުޅޭ ޒާތުގެ ހެދުމެކެވެ.
ވަރަށް ހިތްވަރާއި ކެރޭ ގޮތް ދައްކަމުން ސާރާ ރެޑް ކާޕެޓްގައި މި ހެދުމުގައި ހިނގާތަން ފެނުމުން އޭނާގެ ފޭނުން އުފާވިޔަސް ސޯޝަލް މީޑިއާގައި ޓްރޯލްކުރާ މީހުންގެ އަމާޒަކަށް ސާރާ ވަނީ ވެފަ އެވެ.
މަޝްހޫރު ފެޝަން ޑިޒައިނަރުން ކަމަށްވާ އަބޫ ޖާނީ އާއި ސަންދީޕް ކޯސްލާ ފަރުމާ ކޮށްފައިވާ މި ހެދުން ސާރާގެ ގަޔަށް ވަރަށް ރީތިވިޔަސް މަލާމާތްކުރާ މީހުން ބުނަނީ މުނާސަބަތާ ނުގުޅޭ ކަމަށެވެ.
"ހީވަނީ ބޭބެއެއްގެ ކައިވެންޏަށް ގޮސް ހުރިހެން،" ސާރާގެ ފޮޓޯއަށް ކޮމެންޓްކުރި މީހަކު ބުންޏެވެ.
"އެހެން ސްޓައިލިސްޓެއް ހޯދިނަމަ މާ ރަނގަޅުވީސް،" އިތުރު މީހަކު ބުނެފައި ވެއެވެ.
ސާރާ ނޫނަސް ކޭން ފިލްމު ފެސްޓިވަލުގެ ރެޑް ކާޕެޓްގައި ހިނގާ ބޮލީވުޑް ތަރިންނަށް ވަރަށް ގިނަ ފަހަރު މަލާމާތް ރައްދުވެ އެވެ. އެގޮތުން އައިޝްވަރިޔާ ރާއީ އަށް ވެސް ވަރަށް ގިނަ ފަހަރު އޭނާ އަޅާ ހެދުން ކަމުނުގޮސްގެން މަލާމާތް ރައްދުވެފައި ވެއެވެ.
މިފަހަރުގެ ފިލްމު ފެސްޓިވަލުގައި ސާރާގެ އިތުރުން އައިޝްވަރިޔާ، އަދިތީ ރާއޯ ހައިދްރީ، އަނުޝްކާ ޝަރުމާ، 2017ގެ މިސް ވޯލްޑް މާނޫޝީ ޝީލާ އަދި އީޝާ ގުޕްތާ ވެސް ބައިވެރިވެ ރެޑް ކާޕެޓްގައި ހިނގަން ވަނީ ހަމަޖެހިފަ އެވެ.
އިންޓަނޭޝަނަލް މި ފިލްމު ފެސްޓިވަލް މޭ 16 އިން 23 އަށް ކުރިއަށް ދާނެ އެވެ.