ބޮލީވުޑް

ވިކީގެ ފިލްމުން ސާރާ ވަކިވާން މަޖުބޫރުވީ ސަބަބު

ވިކީ ކޯޝަލް އާއި ސާރާ އަލީ ޚާން ލީޑް ރޯލަށް ލައިގެން "ދި އިމޯޓަލް ވިޝްވާތުމާ" ކިޔާ ފިލްމެއް މިއަހަރު ކުރީކޮޅު ފަށާފައި ވެއެވެ. ނަމަވެސް ފިލްމުގެ ޝޫޓިން ފެށިތާ މާ ގިނަ ދުވަހެއް ނުވެ ފިލްމުގެ މަސައްކަތް ވަނީ ހުއްޓިފަ އެވެ.

މިއީ ވިކީ އާއި ސާރާގެ ފުރަތަމަ ފިލްމަށް ވާތީ ދެ ތަރިންގެ ފޭނުން މި ފިލްމާ މެދު ބޮޑު ޝައުގުވެރިކަމެއް ބަހައްޓަމުން ގެންދިޔަ އެވެ.

ފިލްމު ހުއްޓިފައި އޮތުމަށްފަހު އަނެއްކާ ފެށިއިރު ސާރާ ވަނީ ފިލްމުން ވަކިވެފަ އެވެ. އަދި ސާރާގެ ބަދަލުގައި ސައުތު އިންޑިއާ ބަތަލާ ސަމަންތާ ޕްރަބޫ އަށް ފިލްމު ދީފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ސާރާ ފިލްމުން ގަސްދުގައި ވަކިވީ ސްކްރިޕްޓަށް ބޮޑު ބަދަލެއް ގެނައުމުގެ ސަބަބުންނެވެ.

ފިލްމު ފެށިއިރު ސްކްރިޕްޓް އޮތް ގޮތުން ފިލްމަށް ބޭނުންވަނީ އުމުރުން ހަގު ބަތަލާ އެކެވެ. ނަމަވެސް ސްކްރިޕްޓް އަލުން ބަދަލުކުރުމުން މިހާރު ފިލްމަށް ބޭނުންވަނީ ތަންކޮޅެއް ދޮށީ ބަތަލާ އެކެވެ. ސާރާ ފިލްމުން ވަކިވީ އެހެންވެ އެވެ.އަދި ފިލްމުގެ ޝޫޓިން ހުއްޓިފައި ގިނަ ދުވަސް ތަކަކު އޮތުމަށްފަހު އަލުން ފެށުމުން ސާރާ މި ފިލްމަށް ދީފައި ހުރި ދުވަސްތައް ހުސްވެ އެހެން ފިލްމުތަކަށް އޭނާ ކަނޑައަޅާފައިވާ ތާރީޚްތަކާ ފުށުއަރާ ގޮތްވީ އެވެ.

ވިކީ އާއެކު ކުޅޭ ފިލްމު ހިތާ ދެކޮޅަށް ނަމަވެސް އޭނާއަށް ދޫކޮށްލަން ޖެހުނު އެއް ސަބަބަކަށް މިކަންވެސް ވިއެވެ.

ސާރާގެ ރޯލު ސަމަންތާ އަށް ދިން ކަމަށް ތުންތުން މަތިން ވާހަކަ ދެކެވުނު ނަމަވެސް ފިލްމު އުފައްދާ ފަރާތުން ބުނީ ސަމަންތާ އަދި ފިލްމު ކުޅެން ސޮއި ނުކުރާ ކަމަށާއި ފިލްމަށް އެކަށީގެންވާ ބަތަލާއަކު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

"ވިކީ މި ފިލްމުގައި ބައިވެރިވާތީ ސްކްރިޕްޓް ވަރަށް ވަރުގަދަ ވާން ޖެހޭނެކަމަށް ފިލްމު އުފައްދާ ފަރާތަށް ގަބޫލު ކުރެވޭ. އެހެންވެ ފާއިތުވީ 8-10 މަސް ވޭތުވީ ސްކްރިޕްޓް ވަރުގަދަކޮށް ބަޖެޓް ބޮޑުކުރުމުގައި،" ފިލްމާ ގުޅޭ މީހަކު މައުލޫމާތު ދީފައި ވެއެވެ.