ބޮލީވުޑް

ސާރާގެ އާ ލޯބިވެރިޔަކީ ކްރިކެޓް ކުޅުންތެރިޔާ ޝުބަމް

ކާރްތިކް އާރްޔަން އާއި ސާރާ އަލީ ޚާން ރުޅިވި ފަހުން އޭނާ އާ ލޯބިވެރިޔަކު ހޯދައިފި ކަމަށް އިންޑިޔާގެ ނޫސްތަކުން ބުނެފި އެވެ. ސާރާގެ މިފަހަރުގެ ލޯބިވެރިޔަކީ އަލަށް ވިދަމުން އަންނަ ކްރިކެޓް ކުޅުންތެރިޔާ ޝުބަމް ގިލް ކަމަށް ޚަބަރުތައް ބުނެ އެވެ.

ސާރާ އާއި ޝުބަމްގެ ލޯބީގެ ވާހަކަތައް ހޫނުކަމާއެކު ދެކެވޭތާ ދުވަސްކޮޅެއް ފަހުން ޝުބަމް ވަނީ އޭނާ އާ ސާރާގެ ގުޅުމާ ބެހޭ ގޮތުން ވާހަކަ ދައްކާފަ އެވެ.

ޕަންޖާބު ޗެޓް ޝޯއެއްގައި ވާހަކަ ދައްކަމުން 23 އަހަރުގެ ޝުބަމް ބުނި ގޮތުގައި ބޮލީވުޑްގެ ޒުވާން ބަތަލާއިންގެ ތެރެއިން އެންމެ ފިޓް ބަތަލާ އަކީ ސާރާ ކަމަށެވެ.

އަދި އޭނާ އާއި ސާރާގެ މެދުގައި ލޯބީގެ ގުޅުމެއް އޮވޭތޯ ޝޯގެ ހޯސްޓް ކުރި ސުވާލުގެ ޖަވާބުގައި ޝުބަމް ބުނެފައިވަނީ ފަހަރެއްގައި އެއީ ތެދަކަށް ވެދާނެ ކަމަށެވެ.

ތެދު ތެދަށް އާނއެކޭ ނުވަތަ ނޫނެކޭ ބުނަން ޝޯގެ ހޯސްޓް ޕްރެޝަރު ކުރަން ފެށުމުން ޝުބަމް ބުނީ އޭނާ ވާހަކަ ދައްކަނީ ތެދު ބަހުން ކަމަށާއި އެއީ ފަހަރެއްގައި ހަގީގަތަކަށް ވެދާނެ ކަމަށާއި އަދި ފަހަރެއްގައި ހަގީގަތަކަށް ނުވެދާނެ ކަމަށެވެ.

ސާރާ އާއި ޝުބަމްގެ ލޯބީގެ ވާހަކަތައް ދެކެވެން ފެށީ މި އަހަރުގެ އޮގަސްޓް މަހު އެވެ. އެއީ ދެ މީހުން އެކުގައި ރެސްޓޯރެންޓަކަށް ރޭގަނޑުގެ ކެއުމަކަށް ގޮސް ތިއްބާ ފެނުނު ފަހުންނެވެ. އަދި އޭގެ ފަހުން އޮކްޓޯބަރު މަހު ދެ މީހުން މަތިންދާބޯޓެއްގައި ކައިރި ކައިރީގައި ހުރި ދެ ސީޓުގައި ތިއްބާ ނަގާފައިވާ ފޮޓޯތަކެއް ވެސް ވައިރަލް ވެފައި ވެއެވެ. އަދި އޭގެ ފަހުން ވެސް ދެ މީހުން އެކުގައި ބައެއް ތަންތަނުން ފެނިގެން ފޭނުން އެ ވާހަކަ ސޯޝަލް މީޑީއާގައި ޝެއާ ކޮށްފައި އެބަހުއްޓެވެ.

ޝުބަމްގެ ކުރިން ސާރާ ރައްޓެހިވެގެން އުޅުނީ އޭނާގެ "ލަވް އާޖް ކަލް" ކޯސްޓާ ކާރްތިކް އާރްޔަން އާއެވެ. ނަމަވެސް މި ލޯތްބަށް މާ ގިނަ ދުވަހެއް ނުވެ ވަނީ ނިމުމުގެ ސިއްކަ ޖެހިފަ އެވެ.

"ކޮފީ ވިތު ކަރަން"ގެ މިއަހަރު ދެއްކި ސީޒަން ހަތެއްގެ އެޕިސޯޑެއްގައި ސާރާ ވަނީ ކާރްތިކް އާ ލޯބީގެ ގޮތުން ގުޅިގެން އުޅުނުކަން ޔަގީން ކޮށްދީފަ އެވެ.