ބޮލީވުޑް

މާމަ ޝަރުމީލާ ޓޭގޯގެ ބައޮޕިކް ސާރާ ކުޅެފާނެތަ؟

ސާރާ އަލީ ޚާން އާއި އޭނާގެ މާމަ ޝަރުމީލާ ޓޭގޯގެ ވަރަށް ޚާއްސަ ގުޅުމެއް އަބަދުވެސް އޮވެ އެވެ.

ޝަރުމީލާގެ ފުރަތަމަ މާމަ ދަރިފުޅަށް ވާތީ ޝަރުމީލާގެ ހިތުގައިވެސް ސާރާއަށް ޚާއްސަ ލޯތްބެއް އޮވެ އެވެ.

މާމަގެ ހަޔާތުގެ ވާހަކައިގެ މައްޗަށް ފިލްމެއް ތައްޔާރުކުރާނަމަ އެ ފިލްމެއްގައި މާމަގެ ރޯލު ސާރާ ކުޅެފާނެތޯ ސޯޝަލް މީޑިއާގައި ފޭނަކު ސާރާއާ ސުވާލު ކުރި އެވެ.

ސާރާ ބުނީ މާމަގެ ފަށުވި ހަރަކާތްތަކާއި ބަނިޔާދަންކަން އެގޮތަށް ކޮޕީ ކުރުމަކީ ވެސް އޭނާއަށް ވަރަށް އުނދަގޫ ކަމަކަށް ވާނެ ކަމަށެވެ.

"މާމައަކީ ވަރަށް ޝާޙީ ގޮތްތަކެއް ހުންނަ މީހެއް. އަހަރެންގެ ކިބައިން އެފަދަ ގޮތްތަކެއް ހުންނަކަމެއް ޚުދު އަހަންނަށް ވެސް ނޭނގޭ،" ސާރާ ބުންޏެވެ.

ޝަރުމީލާ އަކީ އޭނާގެ ރަން ޒަމާނުގައި ވަރަށް ވިދާލި ބަތަލާ އެކެވެ. އަދި ވަރަށް މޮޅު ފިލްމުތަކެއް އޭނާ ހިންދީ ފިލްމު އިންޑަސްޓްރީއަށް ދޫކޮށްފައި ވެއެވެ.

ޑައިރެކްޓަރު ޝަކްތީ ސާމަންތާ 1964 ގައި އުފެއްދި "ކަޝްމީރު ކީ ކަލީ" އިން ފިލްމު ބަލާ މީހުންގެ ހިތްތައް އަތުލައި އޭގެ ފަހުން ރާޖޭޝް ކަންނާއާ އެކު "އާރާދަނާ"، "ސަފަރް"، އަދި "އަމަރް ޕްރޭމް" ފަދަ ރީތި ލޯބީގެ ފިލްމުތައް ޝަރުމީލާ ކުޅެފައި ވެއެވެ.

އޮންލައިން ޝޯއެއްގައި ވާހަކަ ދައްކަމުން ސާރާ ބުނީ މާމައާ އެކު އެހާ ގިނައިން ފިލްމީ މަސައްކަތްތަކުގެ ވާހަކަ ނުދައްކާ ކަމަށެވެ.

"އަހަރެން "ބަޅީ އައްމާ' (މާމަ)އާ ވަރަށް ގިނައިން ވާހަކަ ދައްކަން. ނަމަވެސް ކެރިއަރާ ގުޅޭ ވާހަކަތައް އާއްމުކޮށް ނުދައްކަން. އެނޫނަސް މާމައާ ދައްކާނެ ވަރަށް ގިނަ ވާހަކަ ހުރޭ. މާމައަކީ ވަރަށް ގިނައިން ނޫސްތަކާއި ފޮތް ކިޔައި އުޅޭ މީހަކަށް ވާތީ މާމަގެ މައުލޫމާތު ވަރަށް މުއްސަނދި. އެހެންވެ މާމައާ ދައްކަނީ ދުނިޔޭގައި ހިނގާ ކަންކަމުގެ ވާހަކަތައް،" ސާރާ ބުންޏެވެ.

ފިލްމީ ރޮނގުން ބަލާއިރު ސާރާ މިހާރު މަސައްކަތް ކުރަމުންދަނީ ލަކްޝްމަން އުޓޭކަރް އުފައްދާ ފިލްމެއްގަ އެވެ. މި ފިލްމުގެ ބަތަލަކީ ވިކީ ކޯޝަލް އެވެ. އަދި ވިކްރާންތު މެސީއާ އެކު "ގޭސްލައިޓް" ކިޔާ ފިލްމެއްގެ މަސައްކަތް ވެސް ސާރާ ދަނީ ކުރަމުންނެވެ.