ބޮލީވުޑް

މަންމައާ ނުލައި ދިރިއުޅޭނެ ގޮތެއް ނޭނގޭ: ސާރާ

ސާރާ އަލީ ޚާން ކުޅޭ ފިލްމުތަކުގެ ވާހަކައިގެ އިތުރުން އޭނާ ސޯޝަލް މީޑިއާގައި ޝެއާ ކުރާ ޕޯސްޓްތަކަށް ވެސް ގިނަ ބައެއްގެ ސަމާލުކަން ލިބެ އެވެ. އެގޮތުން މަންމަ އަމްރިތާ ސިންގް އާއި ކޮއްކޮ އިބްރާހިމް އާއެކު ޗުއްޓީ ހޭދަކުރަނިކޮށް ނަގާފައި ޝެއާ ކުރި ފޮޓޯތަކަށް ވެސް ބޮޑު ތަރުހީބެއް ލިބެ އެވެ. އަދި ބައްޕަ ސައިފް އަލީ ޚާން އާއެކު ނަގާފައި ހުންނަ ފޮޓޯތައް ވެސް ފޭނުންނަށް ވަރަށް ކަމުދެ އެވެ.

ދާދިފަހުން ސާރާ ދިން އިންޓަވިއު އެއްގައި މައިންބަފައިން ވެކިވެފައި ވިޔަސް އޭނާގެ ހަޔާތުގައި އެމީހުންގެ އަހަންމިއްޔަތުކަން އޮތް މިންވަރު ކިޔައިދިނެވެ. އަދި އެ ދެ މީހުން ކުރެ އެކަކާ ވެސް ވަކިވާން ބޭނުން ނުވާ ކަމަށް ސާރާ ބުންޏެވެ. ޚާއްސަކޮށް މަންމަ އާ ވަކިން އުޅުން ޚިޔާލަށް ވެސް ނުގެނެވޭ ކަމަށް ސާރާ ބުންޏެވެ.

"އަހަރެން ހެނދުނު ހޭލާ ސަބަބަކީ ވެސް މަންމަ އޭ ބުންޏަސް ދޮގަކަށް ނުވާނެ. އަހަރެން އެހާ ބޮޑަށް މަންމައަށް ޑިޕެންޑް ވެފައި ވަނީ. އެހެންވެ މަންމަ ނެތް ދުވަހަކުން އަހަރެން އުޅޭނެ ގޮތެއް ތަސައްވަރު ކޮށްލަން ވެސް ނޭނގޭ،" ސާރާ ބުންޏެވެ.

ސާރާގެ މަންމަ އަމްރިތާ އަކީ ވެސް އޭނާގެ ރަން ޒަމާނުގައި ވަރަށް މަޝްހޫރު ބަތަލާ އެކެވެ. އަމްރިތާ ބޮލީވުޑަށް ނުކުތީ ސަނީ ޑެއޯލް އާއެކު 1983ގައި ކުޅުނު "ބޭތާބު" އިންނެވެ. އޭގެ ފަހުން ސައިފް އާ ކައިވެނިކޮށް ދަރިން ލިބެން ދެން އަމްރިތާ ފިލްމު ކުޅުމުގައި ދެމި ހުއްޓެވެ.

މަންމަ އާއެކު ފިލްމެއް ކުޅެފާނެތޯ ވެސް ނޫސްވެރިއަކު ސާޜާ އާ ސުވާލު ކުރި އެވެ. ޖަވާބުގައި ސާރާ ބުނީ އޭނާ އާއި މަންމަގެ ހަގީގީ ދިރިއުޅުން ވެސް ފިލްމަކަށް ދޫނުކުރާ ކަމަށެވެ. ހަމައެކަނި ތަފާތަކީ އެ ފިލްމުގައި އިންޓަވަލް އާއި ފްރީ ސްނެކްސް ނޯންނަ ކަން ކަމަށް ސާރާ ބުންޏެވެ.

ސާރާގެ ކެރިއަރަށް ބަލާއިރު އޭނާ އެންމެ ފަހުން ކުޅުނު "ގޭސްލައިޓް" ޑީޒްނީ+ހޮޓްސްޓާ އިން ސްޓްރީމްކުރަން ވަނީ ފަށާފަ އެވެ. މިއީ މާޑާ-މިސްޓްރީ އެކެވެ.