ބޮލީވުޑް

އައިޝްވަރިޔާ އިވެންޓަކަށް ދިއުމުން މަލާމާތްކޮށްފި

އައިޝްވަރިޔާ ރާއީ މިހާރު ކުޅެ ރިލީޒްވުމަށް ތައްޔާރުވަމުންދާ "ޕޮންނިޔިން ސެލްވަން"ގެ އޯޑިއޯ އަދި ޓްރެއިލާ ލޯންޗިން ރަސްމިއްޔާތުގައި އިއްޔެ އޭނާ ވަނީ ބައިވެރިވެފަ އެވެ.

މަނީ ރަތުނަމް ޑައިރެކްޓްކޮށްފައިވާ މި ފިލްމުގެ ޓްރެއިލާ ލޯންޗުގައި ސައުތު ސުޕަސްޓާ ރަޖްނީކާންތު ވެސް ބައިވެރިވެފައި ވެއެވެ.

އައިޝްވަރިޔާ ވަނީ ރަޖްނީކާންތާއި ޑައިރެކްޓަރު މަނީއާ ވަރަށް އަދަބު އިހްތިރާމާއެކު ބައްދަލުކޮށްފަ އެވެ. ނަމަވެސް ޓްރޯލްކުރާ މީހުންގެ މަސައްކަތަކީ ޓްރޯލް ކުރުން ކަމަށް ވާތީ އައިޝްވަރިޔާ މިފަހަރު ވެސް މަލާމާތުގެ ޝިކާރައަކަށްވީ އެވެ.

އޭނާއަށް މިފަހަރު މަލާމަތްކުރީ ބޮޓޮކްސް ޖަހާފައޭ، ޕްލާސްޓިކް ސާޖަރީ ހަދާފައޭ ކިޔައިގެންނެވެ. އަދި އޭނާ ވާހަކަ ދައްކާ ރާގާއި ވައްތަރަށް ވެސް ގިނަ ބަޔަކު ވަނީ މަލާމާތްކޮށްފަ އެވެ. އަދި އަނެއް ބަޔަކު އޭނާ މާފަލަވެފައި ހުރީއޭ ކިޔައިގެން ވެސް މަލާމަތް ކޮށްފައި ވެއެވެ.

މީހުން މަލާމާތް ކުރިޔަސް މި އިވެންޓަށް ދިޔަ ނޫސްވެރިން ބުނެފައިވަނީ އައިޝްވަރިޔާ ފެނުނީ ރީތިކަމުގެ ލާމަސީލު މިސާލެއްގެ ގޮތުގައި ކަމަށެވެ. އަދި އެހެން މީހުންނަށް އިހުތިރާމާއި ގަދަރު ދިނުމުގައި ވެސް އޭނާ ފަދަ ދެވަނަ އެއް ނެތް ކަމަށެވެ.

"ޕޮންނިޔިން ސެލްވަން"އާ ބެހޭ ގޮތުން ވާހަކަ ދެއްކިއިރު އޭނާގެ އަޑަށް ބަދަލު އައީ އެ ފިލްމުގެ ވާހަކައިގެ އަސަރުގަދަކަމުން އޭނާއަށް ޖަޒުބާތުގައި ޖެހި ރޮވޭ ގޮތް ވުމުން ކަމަށް މި ޚަބަރުގައި ބުނެފައި ވެއެވެ. ނަމަވެސް ޓްރޯލް ކުރާ މީހުންނަށް އެނޫން މަސައްކަތެއް ނޯންނާތީ ރަނގަޅަށް އައިޝްވަރިޔާ އަށް މިފަހަރުވެސް ޓްރޯލް ކުރީ އެވެ.