ބޮލީވުޑް

އައިޝްވަރިޔާގެ މުއްސަނދިކަން 100 މިލިއަން ޑޮލަރަށް ވުރެ މަތި

އައިޝްވަރިޔާ ރާއީއަކީ ބޮލީވުޑް ބަތަލާއެއްގެ އިތުރުން ވަރަށް މަޝްހޫރު އިންޓަނޭޝަނަލް މޮޑެލް އެކެވެ. މިހާރުވެސް އެންމެ ނަން މަޝްހޫރު ބްރޭންޑްތަކުގެ ގިނަ އިޝްތިހާޜުތަކެއް އައިޝްވަރިޔާ ކުޅެ އެވެ.

މިސް. ވޯލްޑްގެ ތާޖު އައިޝްވަރިޔާ ހާސިލުކުރީ 1994 ވަނަ އަހަރު އެވެ. އޭގެ ފަހުން އޭނާ ވެފައި ވަނީ އެންމެ ނުފޫޒު ގަދަ ބަތަލާއިންގެ ތެރޭގަ އެވެ. މިހާތަނަށް ގިނަ އަދަދެއްގެ ބްލޮކްބަސްޓާ ފިލްމުތައް ކުޅުމުގެ އިތުރުން ގިނަ އެވޯޑުތަކާއި ޕަދްމާ ޝްރީ ވެސް އައިޝްވަރިޔާ ވަނީ ހޯދާފަ އެވެ.

އެހެންކަމުން ފާއިތުވީ 28 ވަރަކަށް އަހަރުގެ ކެރިއަރުގައި އައިޝްވަރިޔާއަށް ވަރަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައި ވާނެ ކަން ޔަގީން ކުރެވެ އެވެ. ޓައިމްސް އޮފް އިންޑިއާގައިވާ ރިޕޯޓެއް ބުނާ ގޮތުގައި އައިޝްވަރިޔާގެ މުއްސަނދިކަން 776 ކްރޯޑު (100 މިލިއަން ޑޮލަރު) އަށް ވުރެ މައްޗެވެ.

އެގޮތުން އޭނާ ފިރިމީހާ އަބީޝެކް ބައްޗަން އާއި ދަރިފުޅު އާރާދިޔާ ބައްޗަން އާއެކު ދިރިއުޅޭ ބަންގްލާ ޖާލްސާގެ އަގަށް އެކަނި ބަލާލުމުން ވެސް އޭނާގެ މުއްސަނދިކަން އަންދާޒާ ކޮށްލެވެ އެވެ. ޖާލްސާއަކީ 112 ކްރޯޑުގެ އަގުހުރި ގެއެކެވެ.

މީގެ އިތުރުން ޑުބާއީގެ އެންމެ މުއްސަނދިން އުޅޭ ހިސާބުން އޭނާ ގެދޮރު ގަނެފައި ވެއެވެ. އަދި މުމްބާއިގެ އެންމެ މުއްސަނދިން ދިރިއުޅޭ ސަރަހައްދުން ވެސް ގިނަ އަދަދެއްގެ ތަންތަން ގަނެފައި ވެއެވެ.

އައިޝްވަރިޔާ މިހާރު ފިލްމެއް ކުޅެދެނީ 10-12 ކްރޯޑު ރުޕީސް އަށެވެ. އަދި އެކި އެކި އިންޓަނެޝަނަލް ބްރޭންޑްތައް އިޝްތިހާރުކޮށްދީގެން އަހަރަކު 80-90 ކްރޯޑު ހޯދަ އެވެ.

ބްރޭންޑްތަކުގެ އިޝްތިހާރުތަކުގެ އެންމެ ދުވަހެއްގެ ޝޫޓިންގް އަށް އޭނާ 6-7 ކްރޯޑު ޗާޖްކުރެ އެވެ.

އައިޝްވަރިޔާ އިޝްތިހާރުކޮށްދޭ ބައިނަލްއަގުވާމީ ބްރޭންޑް ތަކުގެ ތެރޭގައި ލޯރެއާލް، ސްވިސް ލަގްޒަރީ ވޮޗް ބްރޭންޑް ލޮންޖައިންސް، އަދި ލަކްސް އާއި ނަކްޝަތުރާ ޑައިމަންޑް ޖުވެލަރީ، ކޮކާ-ކޯލާ، ޕެޕްސީ ފަދަ ބްރޭންޑްތައް ހިމެނެ އެވެ.

އައިޝްވަރިޔާގެ އަތުގައި ހުރި ކާރުތަކަށް ބަލާއިރު 7.95 ކްރޯޑުގެ އަގުހުރި ރޯލްސް ރޮއިސް އަކާއި މާސިޑިސް ބެންޒްގެ ގިނަ އަދަދެއްގެ ކާރުތައް ހިމެނެ އެވެ.