މަނީޝް މަލްހޯތުރާގެ ދިވާލީ ޕާޓީއަށް ދިޔަ ބޮލީވުޑް ތަރިންގެ ތެރޭގައި އައިޝްވަރިޔާ ރާއީ އާއި ކަރިޝްމާ ކަޕޫރު ހިމެނެ އެވެ.
ކަރިޝްމާ އަކީ އައިޝްވަރިޔާގެ ފިރިމީހާ އަބީޝެކް ބައްޗަންގެ ކުރީގެ ލޯބިވެރިޔެކެވެ. ކަރިޝްމާ އާއި އަބީޝެކްގެ އެންގޭޖްމެންޓް ވެސް ވަރަށް ކުލަގަދަކޮށް ބާއްވާފައިވެ އެވެ. އަދި ކައިވެނިކުރާނެ ތާރީޚުވެސް ކަނޑައެޅި އެވެ. ނަމަވެސް އެންމެ ފަހު ވަގުތު ކޮންމެވެސް މައްސަލަތަކެއް ޖެހިގެން ކައިވެނި ނުކުރާ ގޮތަށް ނިންމައި ދެ ލޯބިވެރިން އަބަދުގެ އަބަދަށް ވަކިވީ އެވެ.
އައިޝްވަރިޔާ އާއި އަބީޝެކް ކައިވެނިކުރީ ކަރިޝްމާއާ އެކު ވީއެންގޭޖްމަންޓް ރޫޅާލިތާ ފަސް ވަރަކަށް އަހަރު ފަހުންނެވެ. ނަމަވެސް ކަރިޝްމާ މެންނާއި ބައްޗަން އާއިލާގެ މެދުގައި އޭރުއްސުރެ ވަރަށް ހިތްހަމަނުޖެހުންތައް އޮތެވެ.
އަބީޝެކްގެ ދައްތަ ޝްވޭތާ ނަންދާ ކައިވެނިކޮށްގެން އުޅެނީ ކަރިޝްމާގެ ދެބެންގެ ދެދަރި މީހަކާ ނަމަވެސް ދެ އާއިލާގެ ގުޅުން އޮތީ ވަރަށް ބޮޑަށް ގޯސް ވެފަ އެވެ. އަދި އައިޝްވަރިޔާ އަކީ ވެސް ކަރިޝްމާ އާއި އޭނާގެ ކޮއްކޮ ކަރީނާ ކަޕޫރު ވަރަށް ދިމާކޮށްލައިގެން އުޅުނު ސްޓާރެކެވެ.
ނަމަވެސް ހުރިހާ ޝަކުވާތަކަކާއި ނަފްރަތެއް އަދި ރުޅިވެރިކަމެއް އެއްފަރާތްކޮށްފައި ކުއްލިއަކަށް އައިޝްވަރިޔާއާ ބައްދަލުކޮށް ކަރިޝްމާ މާއެކުވެރި ގޮތަކަށް އުޅުމުން ގިނަ ބަޔަކަށް މިކަން ހަޖަމުކުރަން ދަތިވީ އެވެ. އަދި މަނީޝްގެ ޕާޓީގައި އައިޝްވަރިޔާއާ އެކު ކަރިޝްމާ ނަގާފައިވާ ފޮޓޮއެއް އޭނާ ސޯޝަލް މީޑީއާގައި ޝެއާ ކުރުމުން މި ފޮޓޯ އިސާހިތަކު ވައިރަލް ވީއެވެ.
މި ފޮޓޯއަށް ކޮމެންޓުކުރި ފޭނަކު ބުނީ ފޮޓޮއަށް ބަލާފައި އަބީޝެކް އާއި ކަރިޝްމާގެ މާޒީއެއް އޮތްކަން ވެސް ހަނދާން ނެތިއްޖެ ކަމަށެވެ. އަދި ހުރިހާ އެންމެން ވެސް މާޒީ ހަނދާން ނައްތާލައި ސުލްހަވެރިކަމާއެކު ބައްދަލުކުރީތީ ބައެއް ފޭނުން ވަރަށް އުފާވެއްޖެކަމަށް ބުނެ ކޮމެންޓުކޮށްފައި ވެއެވެ.