ދިވެހި ޕްރިމިއާ ލީގްގެ ފުރަތަމަ ބުރު ނިމެން ދާއިރު، ޔުނައިޓެޑް ވިކްޓަރީއަށް އަދި މޮޅެއް ލިބިފައެއް ނެތެވެ. އެ ކުލަބުގެ ކުރީގެ ކޯޗް މުހައްމަދު އާދަމް، މަގާމުން ދުރަށް ދާން ޖެހުނީ ނަތީޖާ ނުނެރެވުމުންނެވެ. އޭނާގެ ބަދަލުގައި އެ ޓީމުގެ އެސިސްޓެންޓެއްގެ ގޮތުގައި މަސައްކަތް ކުރި އިހްސާން އަބްދުލް ޣަނީ (ސާންތީ) ހެޑް ކޯޗް ކަމަށް ޕްރަމޯޓް ކުރި އެވެ.
މިރޭ ދަ ގުރާންޑޭ އާ ދެކޮޅަށް ކުޅޭ މެޗުގެ ޕްރީ މެޗު ޕްރެސްގައި ވާހަކަ ދައްކަމުން، ޔޫވީގެ އެސިސްޓެންޓް ކޯޗް އާދަމް އަބްދުއް ލަތީފު (ލައްޗޭ) ބުނީ، ކޯޗް ބަދަލު ވެގެން ޓީމަށް އަސަރެއް ނުކުރާނެ ކަމަށެވެ. އެއީ ޕްރީ ސީޒަނުން ފެށިގެން ޓީމުގައި ސާންތީ މަސައްކަތް ކޮށްފައިވުމުން ޓީމުގެ ހާލަތު އޭނައަށް ވަރަށް ރަނގަޅަށް އެނގޭތީ ކަމަށް ލައްޗޭ ބުންޏެވެ.
"ޓީމު ސްޕްރިޓް ޓީމުގެ ތެރޭގައި ގެއްލިގެން ނުދާނެ،" ޔޫވީގެ ޓީމަށް ބަދަލު ނާންނަކަން ފާހަގަ ކޮށް ލައްޗޭ ވާހަކަ ދެއްކި އެވެ. "ސަބަބަކީ މި މުބާރާތަކީ ވަރަށް ދިގު ލީގެއް. މި މުބާރާތުގައި ގަދަ އަޅައި މަސައްކަތް ކުރަންވީ ހުރިހާ ކުޅުންތެރިން ވެސް. ސީނިއާ ޕްލޭޔަރުން އެބަތިބި. އެ ޕްލޭޔަރުންގެ އެހީތެރިކަން ޔަންގު ޕްލޭޔަރުންނަށް އެބަ ބޭނުންވޭ. އެހެން ވީމަ އެ ހުރިހާ ކަމަކާ އެކީ އަޅުގަނޑުމެން ނުކުމެ އިރާދަ ކުރެއްވިއްޔާ ޔޫވީ މެޗު ކާމިޔާބު ކުރާނެ."
ދަ ގުރާންޑޭގެ ކޯޗް އިސްމާއީލް މަހުފޫޒް (އިންމަ) ބުނީ ކުރިން ދިޔަ މެޗުތަކުގައި އޭނާގެ ޓީމުން ދެއްކި ކުޅުން ދެމެހެއްޓުމަކީ އޭނާގެ އެންމެ އިސްކަން ދޭ އެއްކަންތައް ކަމަށެވެ. މިދިޔަ ސީޒަންގައި ލީގްގެ ވަކި ހިސާބަކުން ޓީމު އަޑި އަޅާލި ނަމަވެސް މި ސީޒަންގައި އޭނާގެ ޓީމު ދަނީ އެއްވަރެއްގައި ކުޅުން ހިފަހައްޓަމުންނެވެ.
"ވަރަށް މުހިންމު ކަމެއް އެއްވާނެއްގައި އެއް ރޫހެއްގައި ކުޅުން މީ،" އިންމަ ވާހަކަ ދެއްކި އެވެ. "އަދި ހާއްސަކޮށް އަޅުގަނޑުމެން ކަހަލަ ޓީމެއްގައި މިކަހަލަ އެވްރެޖް ޕްލޭޔަރުންތަކެއް އުޅޭ ޓީމެއްގައި އެއް ވާނެއްގައި ހިފެހެއްޓުމަކީ އެހާ ފަސޭހަ ވެސް ކަމެއް ނޫން. އަޅުގަނޑުމެންގެ ކުޅުންތެރިން މަސައްކަތުން މީތި މިހިފެހެއްޓެނީ. އިރާދަ ކުރެއްވިއްޔާ މި ވިސްނުން މިގޮތުގައި ހިފެހެއްޓުމަކީ ވަރަށް މުހިންމު ކަމެއް ލީގްގެ ރަނގަޅު ހިސާބެއްގައި ދެމިއޮތުމަށްޓަކައި."