ބޮލީވުޑް

ޝާހްރުކްގެ "ޕަޓާން" ސެޓުގައި ހިނގީ ކޮން ހައިޖާނެއް؟

ޝާހްރުކް ޚާން މިހާރު އަވަދިނެތި އުޅެނީ ތިން އަހަރުގެ މެދުކެނޑުމަކަށް ފަހު ބޮލީވުޑަށް އެނބުރި އަންނަ ފިލްމު "ޕަޓާން" ގެ ޝޫޓިންގް ގައެވެ. ޔާޝް ރާޖް ފިލްމްސް އިން ޕްރޮޑިއުސްކުރާ މި ފިލްމު ޑައިރެކްޓަރު ކުރަނީ ސިދާރްތު އާނަންދެވެ.

މުމްބާއިގައި މިހާރު ކުރިޔަށްދާ މި ފިލްމުގެ ޝޫޓިންގްގައި ވަރުގަދަ ހާޖައިނުގަނޑެއް ހިނގައިގެން އުޅޭ ކަމުގެ ޚަބަރުތަކެއް އިއްޔެ އިން ފެށިގެން އިންޑިޔާގެ ނޫސްތަކުން ދަނީ ރިޕޯޓު ކުރަމުންނެވެ. ސެޓުގައި ކުރިމަތިވި މައްސަލަތަކެއްގެ ސަބަބުން ފިލްމުގެ ޝޫޓިން މެދުކެނޑިފައިވާ ކަމަށް މި ޚަބަރުތަކުގައި ބުނެފައި ވެއެވެ.

މި މައްސަލަގަނޑު ފެށުނީ ޑައިރެކްޓަރު ސިދާރްތު އާއި އޭނާގެ އެސިސްޓެންޓް ޑައިރެކްޓަރެއްގެ މެދުގައި ހިނގި މާރާމާރީއަކާ ގުޅިގެން ކަމަށް ވެއެވެ. ނަމަވެސް މި ސެޓުގައި ހުރި މީހަކު އިންޑިޔާގެ ނޫހަކާ ވާހަކަ ދައްކަމުން ފަހުން ބުނެފައިވަނީ އެ ކަހަލަ އެއްވެސް ކަމެއް ފިލްމު ސެޓުގައި ނުހިނގާ ކަމަށެވެ.

އޭނާ ބުނި ގޮތުގައި މިއީ ކަނޑައެޅިގެން ދޮގު ވާހަކަ އެކެވެ. ސިދާރްތު އާއި ފިލްމު ކުރޫންގެ މެދުގައި އޮންނަނީ ވަރަށް ގާތް އެއްބަނޑުއެއްބަފާ ކަމުގެ ގުޅުމެއް ކަމަށް މައުލޫމާތު ދިން މީހާ ބުންޏެވެ.

"އެދުވަހު ދިމާވި ކަމަކީ ލައިޓް މޭން އެއްގެ ގޮތުގައި މަސައްކަތްކުރި މީހަކަށް ކުޑަ ކުޑަ އަނިޔާއެއް ވީ. އެންމެން ވެސް އެމީހާއަށް އަވަހަށް ފަރުވާ ދެވޭތޯ އުޅުނު. އެ ވަގުތު ސެޓުގައި ހުރި ޖޫނިއާ އާޓިސްޓަކު އެ މަންޒަރު ފޮޓޯނަގައި ސޯޝަލް މީޑިއާއަށް ލާން އުޅޭހެން ހީވެގެން ސިދާރްތު ބުނީ އެހެން ނަހަދާށޭ. އެއީ މީހުން ކުރާ ކަހަލަ ކަންތަކެއް ނޫނޭ. ނަމަވެސް އެމީހާ އެ ވާހަކަ އަޑުނާހާ ވީޑިއޯ އާއި ފޮޓޯތައް ނަގާތީ ޑައިރެކްޓަރު ކައިރިއަށް ރުޅިއައިސްގެން ފޯނު އަތުލާފައި އެމީހާ ސެޓުން ބޭރުކުރީ،" މައުލޫމާތު ދިން މީހާ ބުންޏެވެ.

މީހަކަށް އަނިޔާއެއް ވުމުން އެމީހާ އެ ހާލަތުގައި އޮއްވާ ފޮޓޯނަގައި ހެދުމަކީ ކުރަން އެކަށީގެންވާ ކަމެއް ނޫންކަމަށް ޑައިރެކްޓަރަށް ގަބޫލު ކުރެވިގެން ފޯނުއަތުލަން އުޅުމުން ޖޫނިއާ އާޓިސްޓް ގަދަ ހަދައި ހަރުކަށިކަން ދައްކަން ފެށުމުން ސެޓުގައި ތިބި ސެކިއުރިޓީން އައިސް އެމީހާ އެތަނުން ނެރުނީ އެވެ. ހަގީގަތުގައި ކަން ވީ އެހެން ނަމަވެސް ދޮގު ވާހަކަތައް ފަތުރަނީ ކާކުކަން ނޭނގޭ ކަމަށް އެމީހާ ބުންޏެވެ.

"ޕަޓާން"ގައި ޝާހްރުކްގެ އިތުރުން ދީޕިކާ ޕަދުކޯން އާއި ޖޯން އަބްރަހަމް ބައިވެރިވެ އެވެ. މިހާރު ޝޫޓްކުރަމުންދަނީ އެ ފިލްމުގެ ނިމޭ މަންޒަރުތަކެވެ. މި މަންޒަރުތަކުގައި ވަރަށް ވަރުގަދަ ތަޅާފޮޅާ މަންޒަރުތައް ހިމެނޭނެ ކަމަށް ވެއެވެ.