އައްޑު އަތޮޅު އިސްމެހެލާ ހެރާގައި ހިންގާ ސައުތު ޕާމް ރިސޯޓުން ދެ ޓޫރިސްޓުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން މިއަދު ބުނެފި އެވެ.
އެޗްޕީއޭ އިން ބުނި ގޮތުގައި، އެ ދެ ޓޫރިސްޓުން ރާއްޖޭން ފުރުމުގެ ކުރިން ނެގި ސާމްޕަލް އެ ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.
އަދި އެ މީހުންނާ ކޮންޓެކްޓުވި، އެ ރިސޯޓުގެ ތިން ސްޓާފެއްގެ ސާމްޕަލް ނަގާފައިވާ ކަމަށާއި، ނަމަވެސް، އޭގެ ނަތީޖާ އަދި ނުލިބޭކަމަށްވެސް ބުންޏެވެ.
ފަހަކަށް އައިސް ރިސޯޓުތަކުން ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަނީ އިތުރުވެފަ އެވެ.
މިގޮތުން، ވިޔަފާރިވެރިޔާ އަހުމަދު ޝިޔާމްގެ އޮޅުވެލި ރިސޯޓުން އިއްޔެ އިތުރު 14 މީހުންނާއެކު، އެ ރަށުން ޕޮޒިޓިވްވީ މީހުންގެ އަދަދު ވަނީ 78 އަށް އަރާފަ އެވެ.
އިއްޔެ އެ ރަށުން ޕޮޒިޓިވްވީ މުޅީންވެސް އެ ރަށުގައި މަސައްކަތް ކުރާ މުވައްޒިފުންނެވެ. އެޗްއީއޯސީން ބުނީ އެ ރިސޯޓުގެ މުވައްޒިފުން ކޮވިޑަށް ޓެސްޓްކޮށްފަައިވަނީ އެ ރަށުން ހަތަރު މީހަކު ޕޮޒިޓިވްވުމާއި ގުޅިގެން ކަމަށެވެ.
މީގެ އިތުރުން، ސަންގެލިން ޕޮޒިޓިވްވީ މީހުންގެ އަދަދު ވަނީ 70 އަށް އަރާފައެވެ. އިއްޔެ އެ ރަށުން ޕޮޒިޓިވްވީ ހަ މީހުންނެވެ.
އަނަންތަރާ ރިސޯޓުން ހަ މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އެއީ އިއްޔެ ޕޮޒިޓިވްވި ފަސް މީހުންނާއެކު އެވެ.
އިރުވެލި ރިސޯޓުން ފަސް މީހަކު ޕޮޒިޓިވްވެފައިވެއެވެ. އެ ރަށުން ފުރަތަމަ ޕޮޒިޓިވްވީ ބަލީގެ އަލާމަތް ހުރެގެން ޓެސްޓްކުރި ދެ މީހެކެވެ. އިއްޔެ ޕޮޒިޓިވްވީ އެކަކެވެ. އެޗްއީއޯސީން ބުނީ އެ ރިސޯޓުން އަދިވެސް ސާމްޕަލް ނަގަމުންދާ ކަމަށެވެ.
ގއ. އަތޮޅުގައި ހިންގަމުންދާ ރެސިޑެންޓް މޯލްޑިވްސް އިން 14 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އެ ރިސޯޓުން މި މަހުގެ 17 ވަނަ ދުވަހު ހަތް މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އަދި އޭގެ ފަހުން އިތުރު ހަތަރު މީހަކު ޕޮޒިޓިވްވިއެވެ. އިއްޔެ ޕޮޒިޓިވްވީ ތިން މީހުންނެވެ.
އަދި އަދާރަން ކްލަބް ރަންނާޅިން 13 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އެޗްއީއޯސީން ބުނީ ކޮންމެ ރިސޯޓެއްގެ އައުޓްބްރޭކް ވަކިން މޮނިޓާ ކުރަމުންދާ ކަމަށެވެ.