އިދިކޮޅު ކޯލިޝަންގެ ސަޕޯޓަރުން މަގުމައްޗަށް ނިކުމެ އިހުތިޖާޖު ކުރަން ފަށައިފި އެވެ. އިދިކޮޅުގެ ސަޕޯޓަރުން މަގުމަތީ އިހުތިޖާޖު ފަށާފައިވަނީ ހައިކޯޓުން މިރޭ ނިންމި ނިންމުމާއެކުގައެވެ.
އިދިކޮޅުގެ ސަޕޯޓަރުން ވަނީ ހައިކޯޓްގައި ރައީސް ޔާމީންގެ ޝަރީއަތް ކުރިއަށް ދިޔަ ވަގުތުވެސް އެ ސަރަހައްދަށް އެއްވެފައެވެ. ހަ ގަޑިއިރަށް ދެމި ގެންދިޔަ ހުކުމް އިއްވުމުގެ މަޖިލިސް ނިމެންދެން އިދިކޮޅުގެ ސަޕޯޓަރުން ވަނީ އެ ސަރަހައްދުގައި ސުލްހަވެރި އިހުތިޖާޖު ކުރިއަށް ގެންގޮސްފައެވެ. ހުކުމް އިއްވާ ނިމުމާއެކު އިދިކޮޅުގެ ސަޕޯޓަރުން ވަނީ މަގުމައްޗަށް ނިކުމެ އަޑުއުފުލަމުން ހިނގަން ފަށާފައެވެ. ހިނގަމުން ގޮސް މަޖީދީމަގާއި ޗާންދަނީ މަގު ގުޅުނު ކަންމަތީ އިށީންދެ ތިބެވެސް އަޑުއުފުލިއެވެ.
އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ އިސް ބޭފުޅުންވެސް ބައިވެރިވާ މި ހިނގާލުމުގެ ބައިވެރިން ދަނީ އިންސާފުވެރި ޝަރީއަތެއް ބޭނުންވާ ކަމަށް ބުނެ އަޑުއުފުލަމުންނެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފަސް އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން މިއަދު ވަނީ ތާއީދު ކޮށްފައެވެ.
އެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުން ނެރުއްވި ރައުޔުގައި ބުނެފައިވަނީ، ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކޮށްފައިވާ ފައިސާއަކީ، ކުށް ކޮށްގެން ހޯދާފައިވާ ފައިސާ ކަމަށް ބެލެވޭ ހާލަތެއް އޮތް ކަމަށާއި، އެ ފައިސާއިން ރައީސް ޔަމީން ފައިދާ ހޯއްދަވާފައިވާކަން އެނގެން އޮންނަ ކަމަށް، އަދި ކުށުގެ ދައުވާގެ ފުރަތަމަ އުންސުރު ސާބިތުވާ ކަމަށެވެ.
"އެސްއޯއެފްގެ އެކައުންޓުން އަބްދުﷲ ޔާމީންގެ އެކައުންޓަށް ޖަމާކޮށްފައިވާ ފައިސާއަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާކަން އާދައިގެ ވިސްނުމުން ވިސްނާލުމުންވެސް އެނގޭ،" ފަނޑިޔާރު ހުސައިން މަޒީދުގެ ރައުޔުގައި ފާހަގަކުރެއްވި އެވެ.
ފަނޑިޔާރު މުހައްމަދު ނިޔާޒް ވެސް ވިދާޅުވީ އެ ފައިސާއަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާކަން ދައުލަތުން ސާބިތުކޮށްދޭން ނުޖެހޭ ކަމަށާއި، ދައުލަތުން ސާބިތުކޮށްދޭންޖެހެނީ އެއީ ކުށްކޮށްގެން ހޯދާފައިވާ ފައިސާކަމަށް ބެލެވޭ ހާލަތެއް ދައުވާލިބޭ ފަރާތުގެ ކިބާގައިއޮތްކަން ސާބިތުކުރުން ކަމަށެވެ.
ހެކިންނާ ގުޅޭގޮތުން ދިފާއުން ފާހަގަކުރި ނުކުތާއަށް އިޝާރާތްކުރައްވައި، ފަނޑިޔާރު ނިޔާޒް ވިދާޅުވީ އަދީބާއި، ޒިޔަތުގެ ހެކިބަސް ގަބޫލުކުރަންޖެހޭނީ އިތުރު ހެކިތަކުގެ މައްޗަށް ކަމަށާއި، އަދި ޔާމީންގެ މައްޗަށް ހުކުމް އިއްވާފައިވަނީ ހަމައެކަނި އެ ދެ މީހުންގެ ހެކި ބަހުގެ މައްޗަށް ބިނާކޮށް ނޫން ކަމަށެވެ.
"ތިން ހެކިންގެ ހެކި ބަސް އެއްފަރާތްކުރި ނަމަވެސް، ޝައްކެއް ނެތް މިންވަރަށް އަބްދުﷲ ޔާމީންގެ މައްޗަށް ދައުވާ ސާބިތުވޭ،" ފަނޑިޔާރު މަޒީދުގެ
ރައުއުޔަށް ތާއީދުކުރައްވަމުން ނިޔާޒް ވިދާޅުވި އެވެ.
މައްސަލަ ބައްލަވާ ތިން ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުންގެ އަގުލަބިއްޔަތުން ކްރިމިނަލް ކޯޓުގެ ހުކުމް ދެމެހެއްޓި ނަމަވެސް، އެ މައްސަލާގައި ފަނޑިޔާރު ހުސެއިން ޝަހީދު އިއްވެވި ރައުޔު ތަފާތެވެ.
މިގޮތުން، ފަނޑިޔާރު ހުސެއިން ޝަހީދު ފާހަގަކުރެއްވި ގޮތުގައި ގާނޫނުގެ ކުރިމަތީގައި ހުރިހާ އެންމެންވެސް ހަމަހަމަވެގެންވާއިރު، ކްރިމިނަލް ކޯޓުގައި ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ކޮށްފައިވާ ދައުވާއަކީ ތަފާތު ކުރުމުގެ ދަށުން ކޮށްފައިވާ ދައުވާއެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.
އަދި ޔާމީން އަމިއްލައަށް އެދިވަޑައިގެން އެސްކްރޯ އެކައުންޓެއް އުފައްދައި އެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކުރެއްވުމަށް އިސް ނެންގެވުމުން އެމަނިކުފާނުގެ ކިބައިގައި ނުބައި ނިޔަތެއް ނެތްކަން ހާމަވެގެންގޮސްފައިވާކަމަށް ފަނޑިޔާރު ހުސެއިން ޝަހީދުގެ ރައުޔުގައިވެ އެވެ.
މީގެ އިތުރުން، އެސްކްރޯ އެކައުންޓަށް ޖަމާކޮށްފައިވަނީ އިސްލާމިކް ބޭންކަށް ޖަމާކުރި ފައިސާ ނޫން ކަމަށާއި އެ ފައިސާއިން މަންފާ ހާސިލު ކުރުމަށްޓަކައި ރައީސް ޔާމީންގެ އެކައުންޓުގައި ބެހެއްޓުމަށްފަހު އެހެން ފައިސާ ޖަމާކުރި ކަމަށް ދައުލަތުން ބުނި ނަމަވެސް އެއީ ހަމަޖެހޭ ވާހަކައެއް ނޫން ކަމަށް ވިދާޅުވި އެވެ.
ހެކިންނާ ގުޅޭގޮތުން ދިފާއުން ފާހަގަކުރި ނުކުތާއަށް އިޝާރާތްކުރައްވައި، ފަނޑިޔާރު ހުސެއިން ޝަހީދު ވިދާޅުވީ އަދީބާއި ޒިޔަތުގެ ހެކިބަސް ބަލައިގަނެވޭނެ އެއްވެސް ސަބަބެއް ދައުލަތަށް ދެއްކިފައިނުވާ ކަމަށެވެ.
އަދި އަދީބަކީ ރައީސް ޔާމީނާއި އެ މަނިކުފާނުގެ އާއިލާއަށް ބޮޑު ގެއްލުމެއްދިނުމަށް އުޅުމުގެ ކުށް ސާބިތުވެފައިވާ މީހަކަށްވާއިރު، އަދީބުގެ ހެކި ބަހަކީ އަދާވާތްތެރިކަން އޮތް ފަރާތެެއްދޭ ހެކިބަހަކަށްވާތީ ރައީސް ޔާމީނާއި ދެކޮޅަށް އަދީބުގެ ހެކިބަސް ބޭނުންކުރެވޭނެ ގޮތެއް ނެތް ކަމަށް ރައުޔުގައިވެ އެވެ.
އެ ހުރިހާކަމަށް ރިއާއަތްކުރާއިރު، ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމާއި ޖޫރިމަނާއަކީ ބާތިލުކުރަންޖެހޭ ހުކުމެއްކަމަށް ފަނޑިޔާރު ހުސެއިން ޝަހީދު ވިދާޅުވި އެވެ.