ދިވެހި ޕްރެމިއާ ލީގް

އީގަލްސް ކައިރިން މާޒިޔާއަށް މޮޅެއް ނުލިބުނު

އުނދަގޫ ހާލަތެއްގައި އޮތް އީގަލްސް ބަލި ކުރުމުގައި މާޒިޔާއަށް އަނެއްކާވެސް ނާކާމިޔާބު ވެއްޖެ އެވެ. މިރޭ ދެ ޓީމު ކުޅުނު މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

މިދިޔަ ސީޒަންގައިވެސް މާޒިޔާއަށް ބަލި ނުކުރެވުނު ހަމައެކަނި ޓީމަކަށް ވީ އީގަލްސް އެވެ. އަދި މިދިޔަ ސީޒަންގައި މާޒިޔާ ބަލި ކުރި ހަމައެކަނީ ޓީމަކީވެސް އީގަލްސް އެވެ. ލީގްގެ ތިން ބުރުން، ދެ ފަހަރު އީގަލްސްއިން ވަނީ މާޒިޔާ ބަލި ކޮށްފަ އެވެ. ދެ ވަނަ ބުރުގައި ކުޅުނު މެޗު އެއްވަރުވީ އެވެ.

މާޒިޔާ އާއި އީގަލްސް މިރޭ ކުޅުނު މެޗަކީ، ފުރަތަމަ ބުރުގެ އެންމެ ފަހު މެޗެވެ. މެޗަށް އީގަލްސް ނުކުތް އިރު އެ ޓީމުގެ ބެންޗުގައި ޕާމެނެންޓް ކޯޗެއް ނެތެވެ. މިދިޔަ ހަފުތާގައި ޓީމުގެ ކޯޗް ކަމުން މުހައްމަދު ޝިޔާޒު (މޯހަން) އިސްތިއުފާ ދިނުމުން އެ ޓީމުގެ ކޯޗްގެ މަގާމު އޮތީ ހުސްކޮށެވެ. މަގާމުން އިސްތިއުފާ ދިންތާ ހަތަރު ދުވަސް ތެރޭ މޯހަން ވަނީ، ސުޕަ ޔުނައިޓެޑް ސްޕޯޓްސްގެ ކޯޗް ކަމާ ހަވާލުވެފަ އެވެ.

އީގަލްސްގެ ކޯޗްގެ މަސްއޫލިއްޔަތު އެ ޓީމުން ހަވާލު ކުރީ، އެސިސްޓެންޓް ކޯޗް އަހްމަދު ނިމާދު (ނިމާ) އަށެވެ. މީގެ ކުރިންވެސް ބައެއް މެޗުތަކުގައި ނިމާ ވަނީ ހެޑް ކޯޗެއްގެ ޒިންމާ އާއެކު ޓީމަށް އިރުޝާދު ދީފަ އެވެ. އޭގެ ތެރޭގައި، މިދިޔަ ސީޒަންގެ ލީގްގެ ތިން ވަނަ ބުރުގައި މާޒިޔާ ބަލި ކުރި މެޗުވެސް ހިމެނެ އެވެ. އެއީ އޭރު ޕްރޯ ލައިސެންސް ކޯސް ހަދަމުން ދިޔަ މޯހަން، ކޯހުގެ ތަމްރީންތަކަށް ޖަޕާނަށް ދިއުމުންނެވެ.

މިރޭގެ މެޗުގައިވެސް ލަނޑު ޖަހާނެ އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ، އީގަލްސް އަށެވެ. ދެ ވަނަ ހާފުގައި އެ ޓީމަށް ލިބުނު ޕެނަލްޓީ ހަސަން ރާއިފް އަހްމަދު (ހަންނަ) ފޮނުވާލުމުން މާޒިޔާގެ ކީޕަރު މިލާން ޖެލްވެކް ދިފާއު ކުރި އެވެ.

މާޒިޔާގެ ޓީމުން އެންމެ ރަނގަޅު ފުރުސަތުތައް ލިބުނީ ހަމްޒާ މުހައްމަދު (ހަމްޕް) އަށެވެ. ދެ ވަނަ ހާފުގައި އޭނާ ފޮނުވާލި ބާރު ބޯޅަ އީގަލްސްގެ ޑިފެންޑަރު އަހްމަދު ނޫމާން (ހެލްމެޓް) ދިފާއު ކުރީ ގޯލް ރޮނގުމަތިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީވެސް ހެލްމެޓެވެ. ފުރަތަމަ ހާފުގައި އޭރިއާގެ ކަނާ ދިމާލުން އަރައި ހަމްޕް ފޮނުވާލި ބޯޅަވެސް އީގަލްސްެ ޑިފެންޑަރުން ދިފާއު ކޮށް ކޯނަރަކަށް ބޭރު ކޮށްލީ އެވެ.

ފުރަތަމަ ބުރު ނިމުނު އިރު، މާޒިޔާއިން އެއް ވަނަ މަގާމުގައި އޮތީ ކުޅުނު ހަތް މެޗުން 15 ޕޮއިންޓް ހޯދައިގެންނެވެ. އެއީ ދެ ވަނަ އާއި ތިން ވަނައިގައި އޮތް، ކުލަބު ވެލެންސިއާ އަދި ދަ ގުރާންޑޭގެ މައްޗަށް އޮތް ތިން ޕޮއިންޓްގެ ފަރަގަކެވެ. ވެލެންސިއާ އާއި ގުރާންޑޭއަށް ވެސް ލިބިފައި ވަނީ 12 ޕޮއިންޓެވެ. ވެލެންސިއާ އަށް ކުރި ލިބެނީ ފައިދާ ގޯލް ތަފާތުން ނެވެ. އީގަލްސް ތާވަލުގެ ހަތް ވަނައިގައި އޮތީ ފަސް ޕޮއިންޓް ހޯދައިގެންނެވެ.