އޮގަސްޓް 18، 2005 ގައި އުފެދުނު އަދާލަތު ޕާޓީގެ ތިން ވަނަ ދައުރެއްގެ ރައީސާއި ނައިބު ރައީސް ހޮވާ އިންތިހާބު މި މަހުގެ 30 ވަނަ ދުވަހު ބާއްވަން ނިންމާއި ގިނަ އިއުލާންތަކެއް ކޮށްގެން އުޅެ އެވެ. އެ ޕާޓީން ތިންވަނަ ދައުރެއްގެ އިންތިހާބު ފުރަތަމަ އިއުލާނު ކުރީ އަހަރުގެ ފުރަަތަމަ ދުވަހު އެވެ. އިންތިހާބުގައި ވާދަކުރަން ބޭނުންވާ ކެންޑިޑޭޓުންނަށް ދެ ފަހަރެއްގެ މަތިން މުއްދަތު އިތުރުކޮށް ދިނެވެ. އިންތިހާބުގައި ވާދަ ކުރަން ބޭނުންވާ ކެންޑިޑޭޓުންނަށް މުއްދަތު ހަމަވިއިރު އެ ޕާޓީން ބުނާ "ރިޔާސީ އިންތިހާބަ" ށް ކުރިމަތިލީ ދެ ޕެއާ އެކެވެ. ނުވަތަ ސިޔާސީ ގޮތުން އެއް ކެވެލީގައި ޖެހިގެން އުޅޭ ދެ ޖޯޑެކެވެ. އެއީ މިހާރުވެސް ރައީސް ކަމުގައި ހުންނެވި -- ސައްހަ މަގާމެއްތޯ މީހުން ސުވާލު އުފައްދާފައިވާ -- އިމްރާން އަބްދުﷲ އާ އޭނާގެ ނާއިބެއްގެ ގޮތުގައި އަހުމަދު ޝަރީފެވެ. އަނެއް ޖޯޑަކީ ސިޔާސީ ގޮތުން މިހާތަނަށް މާ ބޮޑު ހަރަކާތްތެރި ކަމެއް ނެތް، މިހާރުގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރާއި އޭނާގެ ނާއިބެއްގެ ގޮތުގައި އަހުމަދު ނަޝީދެވެ.
އަދާލަތުގެ އިންތިހާބަށް ހުޅުވާލުމާއެކުހެން އެ ޕާޓީގެ ގިނަ މެންބަރުންތަކެއް ވަނީ އަދާލަތާއި ގުޅުންހުރި ސީރިއަސް މައްސަލަތަކެއް ފެންމަތި ކޮށްފަ އެވެ. އަދާލަތު ހިންގުމުގައި އިންތިހާބެއް ނެތި ހަތަރު އަހަރަށް ވުރެ ގިނަ ދުވަހު އިމްރާނާއި އަލީ ޒާހިރު ތިއްބެވުމާއި އެ ޕާޓީގެ ދުސްތޫރަށް އުސޫލުތަކުގެ ބޭރުން ބަދަލު ގެނައުމަށް މަސައްކަތް ކުރުމެވެ. މި ޝަކުވާތަކާއެކު އިލެކްޝަންސް ކޮމިޝަނަށް ވެސް އެ މެންބަރުން ދިޔަ އެވެ. އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވި ގޮތުގައި އަދާލަތުގެ ދަފްތަރުގައި ތިބި މެންބަރުންގެ ތެރެއިން ވަރަށް ގިނަ މެންބަރުންތަކެއް އެ ޝަކުވާ ހުށައެޅި އެވެ. އެހެން ކަމުން އެއީ އެއް ގޮތަކަށްވެސް ކުޑަ މައްސަލައެއް ނޫނެވެ.
އެ ޝަކުވާތަކަށް ކޮމިޝަނުން ހައްލެއް ހޯދާ ނުދެނީސް އިންތިހާބުގައި ވާދަކުރަން ހުޅުވާލި މުއްދަތު ހަމަވެ، އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންނާއި އެ ކެންޑިޑޭޓުންގެ ކެންޑިޑޭޓް ނަންބަރު އަދާލަތުން ރޭ ވަނީ އިއުލާނު ކޮށްފަ އެވެ. އަދި މި މަހުގެ 27 ގެ ނިޔަލަށް ޕާޓީގެ މެންބަރެއް ކަމަށް ރަޖިސްޓްރާ ބަލައިގަންނަ މެންބަރުންނަށް ވޯޓް ލެވޭނެ ކަމަށް ވަނީ ނިންމާފަ އެވެ. މިހުރިހާ ކަމެއް ނިމިގެން އާއިރު މެންބަރުންގެ އެ ޝަކުވަތަކަށް އަދާލަތުގެ ލީޑަޝިޕުން ޖާވާބު ދީފައެއް ނުވެއެވެ.
އިންތިހާބެއް ނެތި ހަތަރު އަހަރު މަގާމުގައި
އަދާލަތު ޕާޓީއަށް 15 އަހަރު ފުރިފައިވާއިރު އެ ޕާޓީގެ ދުސްތޫރު ބުނާ ގޮތުން މިހާތަނަށް އޮންނަން ވާނީ ތިން ދައުރަށް ރައީސުންނާއި ނާއިބު ރައީސުން އިންތިހާބު ކޮށްފަ އެވެ. ނަަމަވެސް އެ ޕާޓީން މިހާތަނަށް ބޭއްވީ ދެ އިންތިހާބެވެ. އެއީ އެ ޕާޓީގެ އެތެރޭގެ ހިންގުން ދޯދިޔާ ވެފައިވާ މިންވަރު ހާމަކޮށްދޭ ކަމެކެވެ.
އަދާލަތުގެ ރައީސް ކަމުގައި މިހާރުު ހުންނެވި އިމްރާން އަބްދުﷲ އާ ނާއިބު ރައީސްގެ މަގާމުގައި ހުންނެވި އަލީ ޒާހިރުގެ މަގާމުގެ މުއްދަތުގެ ޖުލައި 16، 2016 އަށް ވަނީ ހަމަވެފަ އެވެ. އެއީ ޖުލައި 17، 2011 ގައި ފެށުނު އެ ޕާޓީގެ ދެވަނަ ދައުރުގެ މުއްދަތެވެ. އޭގެ ފަހުން އެ ޕާޓީން އިންތިހާބެއް ބާއްވާފަ އެއް ނުވެއެވެ. އަދި އިންތިހާބަކަށް ހުޅުވާލާފައެއް ވެސް ނުވެއެވެ.
މިދިޔަ ހަތަރު އަހަރާއި ފަސް މަސް ދުވަހު ޕާޓީގެ ރައީސް ކަމުގައި އިމްރާން އަބްދުﷲ އަދި ނައިބު ރައީސް ކަމުގައި އަލީ ޒާހިރު ހުންނެވީ އިންތިހާބެއް ނެތި، އެ ޕާޓީގެ މަޝްވަރާ މަޖިލީހުން ގަވާއިދަށް ގެނައި އިސްލާހުތަކަކާއެކުގަ އެވެ. އެ އިސްލާހުތައް ވެސް ގެނެސްފައި ވަނީ އެ ދެ ބޭފުޅުންގެ ގާނޫނީ ދައުރު ހަމަވި ފަހުންނެވެ. އެއީ އޮގަސްޓް 16، 2016 ގައެވެ. އެހެން ކަމުން އެ ބޭފުޅުންގެ ހައިސިއްޔަތު ސައްހަތޯ ނޫންތޯ އެއީ ސުވާލެކެވެ.
އިލެކްޝަންސް ކޮމިޝަނަށް މައްސަލަ ހުށައެޅި ޕާޓީގެ އާންމު މެންބަރުން އެންމެ ބޮޑަށް ފާހަގަ ކޮށްފައިވާ އެއް މައްސަލައަކީ ވެސް އެއީއެވެ. އަދާލަތުގެ ދުސްތޫރު ބުނާ ގޮތުން އިލްމުވެރިންގެ މަޖިލީސް ފިޔަވައި އެހެން ހުރިހާ މަޖިލިސްތަކާއި ކޮމެޓީތަކާއި މަގާމުތަކުގެ ގާނޫނީ ހައިސިއްޔަތު ދައުރު ނިމުނު ދުވަހުން ފެށިގެން ގެއްލޭނެ އެވެ.
އަދާލަތު ދުސްތޫރުގެ 44.1 ގައިވާ ގޮތުން ޕާޓީގެ އެކިއެކި މަޖިލިސްތަކަށާއި މަގާމުތަކަށް މީހުން އައްޔަން ކުރަނީ ނުވަތަ ހޮވާނީ ޕާޓީގެ އިންތިހާބީ އެއް ދައުރަށެވެ. ދައުރެއްގެ މުއްދަތަކީ ފަސް އަހަރެވެ. ދައުރުގެ މެދުތެރެއިން ޕާޓީގެ މަގާމަކަށް މީހަކު ހޮވުނަސް ނުވަތަ އައްޔަން ކުރި ނަމަވެސް އެމީހެއްގެ މަގާމު ދެމި އޮންނާނީ ހިނގަމުންދާ ދައުރެއް ނިމެންދެނެވެ.
ނަމަވެސް އަދާލަތު ޕާޓީގެ ދެވަނަ ދައުރު ނިމުނު ފަހުން 30 ވަނައަށް ވީ ދުވަހު، އޮގަސްޓް 16، 2016 ގައި ދައުރު ހަމަވެފައިވާ އެ ޕާޓީގެ މަޝްވަރާ މަޖިލީހުގެ ބައްދަލުވުމަކުން ދުސްތޫރުގެ 18.1 ވަނަ މާއްދާއަށް އަކުރެއް އިތުރުކުރި އެވެ. އެއީ "ޕާޓީގެ ގައުމީ މަޖިލީސް ފަސް ކުރުމަށް ނިންމައިފި ހިނދެއްގައި މަގާމުތަކުގައި ތިބި މީހުންގެ ދައުރު ގައުމީ މަޖިލިސް ބޭއްވުމާއި ހަމައަށް ދެމިގެންދާނެ" ކަމަށް ބަޔާން ކުރާ އަކުރެކެވެ. އިންތިހާބަކާއި ނުލައި އިމްރާނާއި އަލީ ޒާހިރު ހަތަރު އަހަރަށްވުރެ ދިގު މުއްދަތަކަށް މަގާމުގައި ދެމި ތިއްބެވީ ބާތިލު އެ ނިންމުމާއެކުގަ އެވެ.
މަޝްވަރާ މަޖިލީހުގައި ތިބި މެންބަރުންގެ މުއްދަތު ހަމަވެ މަސް ދުވަސް ފަހުން މިފަދަ ނިންމުމެއް ނިންމުމުގެ ބާރު ލިބޭނީ ކޮން ހަމައަކުންތޯ އަދާލަތުގެ މެންބަރުންނާއި އާންމުން ސުވާލު އުފައްދަ އެވެ. މަގާމުގެ މުއްދަތު ހަމަވުމުގެ ކުރިން މިފަދަ ނިންމުމެއް ނިންމި ނަމަަވެސް މި ސުވާލުތައް ކުރުމުގެ ފުރުސަތެއް ނުލިބުނީހެވެ.
"ހަގީގަތުގައި އަބަދުވެސް އަދާލަތުގެ މެންބަރުންގެ މި ކަންބޮޑުވުން އޮވޭ. ނަމަވެސް ސިޔާސީ ގޮތުން މި ދިޔައީ އުނދަގޫ ފަސް އަހަރު. ހާއްސަކޮށް ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އަދާލަތަށް ކުރިމަތި ކުރުވި ގޮންޖެހުންތައް. އިމްރާން ހުންނެވީ ޖަލުގައި. އެހެންވީމަ އެ އިންތިހާބު ނުބޭއްވި ހިނގައިދާނެ. ނަމަވެސް ގާނޫނީ ހައިސިއްޔަތު ގެއްލިފައިވާ ބަޔަކަށް މިފަދަ އިސްލާހެއް ދުސްތޫރަށް ގެނެވޭނީ ކިހިނެތްތޯ. އަޅުގަނޑުމެން މި އެދެނީ މި މައްސަލަ ބަލައި ދިނުމަށް،" އަދާލަތުގައި 15 އަހަރުވީ މެންބަރަކު ވިދާޅުވި އެވެ.
އަދާލަތު ހިންގުމުގައި ހުރި ދޯދިޔާ ކަމާއި އެތެރޭގައި އޮތް ހުދުމުހުތާރުކަން ހާމަވުމުން ޕާޓީގެ ލީޑާޝިޕްގައި ތިއްބެވި ބޭފުޅުން އެ އަޑު ކަނޑުވާލަން ގިނަ މަސައްކަތްތަކެއް ކޮށްފައި ވެއެވެ. ހާއްސަކޮށް އެ ޕާޓީގެ އެންމެ އިސް މަގާމަށް އަންހެނުންނަށް ވާދަ ނުކުރެވޭ ގޮތަށް ޕާޓީ އުފެދުނުއިރު ޕާޓީގައި ތިއްބެވި ފުންނާބު އުސް އިލްމުވެރިންގެ ލަފަޔާއެކު ނިންމާ ބޮޑު ތަޅުއަޅުވާފައި އޮތް އިސްލާހު ބަދަލު ކުރަން ނިންމުން ހިމެނެ އެވެ.
އެ ނިންމުން ބަދަލުކޮށް ޕާޓީގެ ރައީސް ކަމަަށް އަންހެނުންނަށް ވެސް ވާދަ ކުރެވޭ ގޮތަށް ހުށައެޅުއްވީ ވެސް ސީދާ އިމްރާނެވެ. އޭނާގެ ހުށައެޅުއްވުމާއެކު ހަމަ އެ ބާރު މިނުގައި އެ އިސްލާހު ގެނަ އެވެ. އެ އިސްލާހު ދުސްތޫރަށް ގެނައީ ކިހިނެތް ކޮން ގޮތަކަށް ބޭއްވި ބައްދަލުވުމެއްގައި ކަމެއްވެސް ސާފުކޮށްދީފައެއް ނުވެއެވެ. ކުއްލިއަކަށް ފެނުނީ އެ އިސްލާހު ގެނެސް އަލުން އިންތިހާބަށް ހުޅުވާލި މަންޒަރެވެ.
އަދި އިންތިހާބަށް ގިނަ ބަޔަކު ކުރިމަތި ލެއްވުމުގެ ބޭނުން ބޭރަށް ދެއްކުމަށް ދެ ފަހަރެއްގެ މަތިން މުއްދަތު އިތުރުކުރި އެވެ. އެއީވެސް އިލެކްޝަންގައި އޮތް އެ ޕާޓީގެ ޝަކުވާތަކުގެ އަޑު ކަނޑުވާލާ އަދާލަތަކީ އެތެރޭގެ ޑިމޮކްރަސީ އޮތް ޕާޓީއެއްކަން ދެއްކުމަށް ކުރި ކަމެކެވެ. އެކަން އެ ބޭފުޅުން ދޮގު ކުރެއްވިޔަސް އެ ހަގީގަތް ނުފޮރު ވޭނެ އެވެ.
ޑރ. ޒާހިރު ކުރިމަތިލެއްވުން
އަދާލަތުގެ އެތެރޭގެ ކަންކަން ރަނގަޅަށް އެނގިވަޑައިގަންނަވާ ގިނަ ބޭފުޅުން ވިދާޅުވި ގޮތުގައި އިންތިހާބަކާ ނުލައި އަދި ބާތިލު އަކުރެއް ގަވައިދަށް އިތުރު ކޮށްގެން ހަތަރު އަހަރު މަގާމުގައި ހުންނެވުމަށް ފަހު އާ ދައުރަކަށް ކުރިމަތިލައްވާ އިމްރާން ބޭނުންފުޅުވީ ގިނަ ބޭފުޅުންތަކަކާ ވާދަ ކުރައްވާ އިންތިހާބުން ކާމިޔާބު ހޯއްދަވާކަން ދައްކާށެވެ. އިންތިހާބުގައި އެކަނި ވާދަ ކުރައްވާ ފެންނަ ނުފެންނަ ވޯޓެއް ނަގަން ޖެހިއްޖެނަމަ އަލުން އިލެކްޝަންގައި އޮތް ޝަކުވާތައް ދިރި އެ ޕާޓީއާ ދޭތެރޭ ދެކެވޭ ވާހަކަތައް ވެސް ހިނގައިގެންފާނެތީ އެވެ. އެހެންވީމަ އެނޫން ގޮތެއް ހޯދަން ޖެހެއެވެ.
އިލެކްޝަން ކޮމިޝަނަށް އަދާލަތާ ގުޅުންހުރި ސީރިއަސް މައްސަލަތަކެއް ހުށައެޅި ނަމަވެސް އެ ކޮމިޝަންގައި މައްސަލަތައް ޕާކުކޮށްފައި ބާއްވާފައި އެ އޮތީ ގަސްތުގައެވެ. ފަހަރުގައި އެއީ ސަރުކާރުން ކޮށްލި ޕްރެޝަރަކުން ވެފައި އޮތް ގޮތަކަށްވެސް ވެދާނެ އެވެ. އެހެން ނޫންނަމަ އެ މައްސަލަ ބަލާ ނިންމާނެތާ މިހާރު ކިތަންމެ ދުވަހެއް މި ދެމެދަށް ވެއްޖައިހެވެ. ސަބަބަކީ އަދާލަތުގެ ކޮންމެ މައްސަލައަކީ އެމްޑީޕީ އާއި މިހާރު މިއޮތް ސަރުކާރުގެ މަސްލަހަތާ ގުޅިފައިވާ މައްސަލައަކަށްވެފައި ވުމެވެ.
އިލެކްޝަން ތެރެއިން މޮޅުވެ އަދާލަތުގެ މިހާރުގެ ލީޑަޝިފަށް ދެން އޮތީ އިންތިހާބުގައި ވާދަކުރަން "ރަނގަޅު ޕެއާ" އެއް ހޯދުމެވެ. އެކަންވެސް ކޮށްފި އެވެ. އިމްރާންގެ ވަރަށް ގާތް ބޭފުޅެއް ކަމަށްވާ ޑރ. އަހުމަދު ޒާހިރު އަލީ އިންތިހާބަށް ނެރުއްވީ އެވެ. މިއީ ޑިމޮކްރަސީ އާއި އިންތިހާބެއްގެ ވާދަވެރިކަން ދައްކަން ކުރި ކަމެކެވެ. ދެ ފަހަރަށް މުއްދަތު އިތުރު ކުރަން ޖެހުނީ ޒާހިރު އެކަމަށް އެއްބަސް ކުރުވުމަށް އިތުރު ވަގުތު ބޭނުން ވުމުން ކަމަށްވެސް ވެދާނެ އެވެ. ނޫނީ އެއީވެސް ޑިމޮކްރަސީ އޮތް ކަން ދައްކާށާއި ގިނަ ބަޔަކަށް ވާދަކުރަން ފުރުސަތު ދިންކަން ދައްކަން ކުރި ކަމަކަށްވުން ކައިރި އެވެ. އަދި މިހާރުގެ ލީޑާޝިޕާ ދެކޮޅުވެ އިލެކްޝަނަށް މައްސަލަ ވެއްދި ޓީމަށް ވާދަކޮށްލަން ކެރޭތޯ ކޮށްލި ޗެލެންޖަކަށް ވެސް ވެދާނެ އެވެ. އެހެންވިޔަސް މިފަހަރު މި އޮތީ އެ ހުރިހާ ކަމެއްވެސް ދެއްކުމަށް ކުރި ކަމެއްކަން ހާމަވެ ނިމިފަ އެވެ.
އަދާލަތުގެ ބައެއް މެންބަރުން ދެކޭ ގޮތުގައި އިންތިހާބުގައި ވާދަވެރިކަން އޮތްކަން ދައްކަން ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް އިންތިހާބުގައި އެއްވެސް ވާދަވެރި ކަމެއް ނެތެވެ. އަދި ޕާޓީގެ ތެރޭގައި ތަފާތު ފިކުރުތަކަށް ޖާގައެއް ވެސް ނެތެވެ. މިދިޔަ ހަތަރު އަހަރު ފެނުނީ ވެސް އެކަމެވެ.
"އަދާލަތު އެއީ އިމްރާންގެ އެއްޗެއް. ފަހަރަކު ބޭފުޅަކު ފަހަރަކު ބޭފުޅަކު މިދިޔަ ފަސް އަހަރެއްހާ ދުވަހު ޕާޓީން އެ ދިޔައީ ވަކިވަމުން. މިވަގުތު ދައްކަވަބައްލަވާ ޕާޓީގެ އެންމެ ރަން ދުވަސްވަރު ނުވަތަ ޕާޓީ އުފެދިގެން އައި ދުވަސްވަރު އެކްޓިވްކޮށް އުޅުއްވި އެއްވެސް ބޭފުޅެއް. ކޮބައިތޯ ޕާޓީ އުފެދުނުއިރު ތިއްބެވި ބޮޑެތި ބޮޑެތި އިލްމުވެރިން. އިމްރާން ގެންގުޅުއްވާ ދެތިން ބޭފުޅަކު ނޫނީ ނެތެއް ނޫންތޯ،" ޝައިހް އިލްޔާސްއާ ޑރ. އިޔާޒް ފަދަ ބޭފުޅުންނަށް އިޝާރާތް ކުރައްވާ އަދާލަތަށް ފުރަތަަމަ ސޮއިކުރި 40 މީހުންގެ ތެރޭގައި ހިމެނި ވަޑައިގަންނަވާ ބޭފުޅަކު ވިދާޅުވި އެވެ.
ބައެއް މެންބަރުންގެ ނަޒަރުގައި މިހާރުގެ ލީޑާޝިޕުން ކޮންމެ ގޮތަކަށް ކަންކުރި ނަމަވެސް އިންތިހާބުގައި ނަތީޖާ އެނބުރުމުގެ ފުރުސަތު ވެސް އޮބައޮތެވެ. އަދި މަހުގެ 27 ގެ ކުރިން އަދާލަތު "މެންބަރެއްގެ ގޮތުގައި ޕާޓީގެ ރަޖިސްޓްރާ ބަލައިގަންނަ" ކޮންމެ މީހަކަށް ވޯޓް ދެވޭ ގޮތަށް އޮތް އޮތުމުގެ ބޭނުމާމެދު ވެސް އެ މެންބަރުން ސުވާލު އުފައްދަ އެވެ.
އެ މެންބަރުންގެ ނަޒަރުގައި އޭގެ ބޭނުމަކީ ދެ ކަމެކެވެ. އެއް ކަމަކީ އިމްރާންގެ ލީޑާޝިޕްގައި އެ ޕާޓީން ގެއްލުނު 10،000 މެންބަރުން ހަމަވެފައިވާ ޕާޓީއެއްގެ ލަގަބު އަލުން ހޯދުމެވެ. ގާނޫނުގައި ބުނާ އަދަދު ހަމަނުވާތީ މިދިޔަ ފަސް އަހަރު ވެސް ފައިސާ ނުލިބޭ އެ ޕާޓީން 10،000 މެންބަރުން ހަމަ ކުރަން ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް އެކަން ކާމިޔާބެއް ނުވި އެވެ. އެހެންވެ މިހާރު އުފެދިފައިވާ މައްސަލަތަކުގެ ތެރެއިން ވެސް އިމްރާނާ ދެކޮޅު ހަދާ މެންބަރުން ގިނަ ވޯޓް ހޯދުމުގެ ބޭނުމުގައި އެ ޕާޓީއަށް މެންބަރުން ވައްދާ މެންބާޝިޕް އިތުރު ކުރުމަށް ފުރުސަތު ހޯދަނީ އެވެ. އަދި ހަމައެއާއެކު ބޮޑު އަޣުލަބިއްޔަތަކުން އިމްރާން އަލުން މަގާމަށް ވަޑައިގަންނަވަން އިތުރު ވޯޓް ހޯއްދެވުމަށް ފުރުސަތު ފަހި ކުރައްވަނީ އެވެ.
"ދެ ގޮތުގެ ބޭނުމަކީ ވެސް އިމްރާނަށް މިކަން ކުރެވޭނެކަން ދެއްކުން. އަދި އަދާލަތަކީ ކުރިއެކޭ އެއްގޮތަށް ވަރުގަދަ ޕާޓީއެއް ކަމުގައި ދެއްކުން،" ކުރީން ވާހަކަ ދެއްކެވި ބޭފުޅާ ވިދާޅުވި އެވެ.
ކޮންމެ އަކަސް ނުވަ އަހަރުން އަދާލަތުން ބާއްވާ މި އިންތިހާބަކީ އަދާލަތުގައި އިންސާފު އޮތް ގޮތް ވަރަށް ރަނގަޅަށް ހާމަކޮށްދޭ އިންތިހާބެކެވެ. އަދި މިއީ އެ ޕާޓީގައި ޑިމޮކްރަސީ ނެތް މިންވަރު ސާފުކޮށް ބުނެދޭ އިންތިހާބެއްވެސް މެއެވެ.